ދުވަސްތަކުގެ ތެރެއިން ﷲ ތަޢާލާ އެންމެ މަތިވެރިކުރެއްވެވި 10 ދުވަސް ފެށުނީއެވެ. އެދުވަސްތަކުގައި ވީހައި ގިނައިން އަޅުކަންކުރުން އެންމެ މުހިންމުކަންބޮޑު ދުވަސްތައް ފެށުނީއެވެ.
މިސާލަކަށް ބުނާނަމަ މިފަދަ ބަރަކާތްތެރި ދުވަސްތަކެއް ފެށުމުންވެސް ބައެއް މީހުން ބޭނުންވަނީ ވަގުތުވީމާ ގިނަ ވަގުތު ހޭދަކޮށް ކީރިތި ޤްރުއާން ކިޔަވާށެވެ. ވަގުތު ވެގެން ހަމަޖެހިގެން އިނދެ ދިގުކޮށް ޛިކްރުކުރާށެވެ! އެ ވިސްނުމުގައި ހުންނަ މީހާއަށް ގިނަފަހަރު އޮންނާނީ ދުވަސް ނިމޭއިރުވެސް އެއްވެސް ކަމެއް ނުކުރެވިފައެވެ. އެއްވެސް ކަމެއް ކުރެވޭނީ ލިބޭ ކުޑަވަގުތުކޮޅުގެ ބޭނުންވެސް ހިފައިގެންނެވެ.
ކީރިތި ޤުރްއާނުގައި އޮތީ ހަމައެކަނި 49 ޞަފްހާގެ ބަޤަރާ ސޫރަތް އެކަންޏެއް ނޫނެވެ. ކީރިތި ޤްރުއާނުގައި އެންމެ 3 އާޔަތުގެ ސޫރަތްވެސް އެބައޮތެވެ. 4 އާޔަތުގެ ސޫރަތްވެސް އެބައޮތެވެ. އިޚްލާޞް ސޫރަތަކީ ނުހަނު ކުރު، އެންމެ 4 އާޔަތް ހިމެނޭ ސޫރަތެކެވެ. ނަމަވެސް ފައިދާގެ ގޮތުން ބަލައިފިނަމަ ކީރިތި ޤްރުއާނުގެ ތިންބައިކުޅަ އެއްބައެވެ. ވީއިރު މަސައްކަތުގައި އުޅެމުންވެސް، ހިނގަމުންވެސް ކިޔަވަންވީއެވެ. އެމީހަކަށް އެދަނީ ކީރިތި ޤްރުއާން ކިޔެވެމުންނެވެ. ވަގުތު ވީމާ ދިގު ސޫރަތްތައް ވީވަރަކުން ކިޔަވާށެވެ.
سبحان الله وبحمده سبحان الله العظيم
މިއީ ދޫމައްޗަށް އިންތިހާއަށް ފަސޭހަ ދެ ކަލިމައެވެ. އެހެނަސް މީޒާނުގައި ނުހަނު ބުރަ ދެ ކަލިމައެވެ. އެކަން ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ﷲ ތައާލާއަށް ޘަނާ ދަންނަވާ މީހާ ޤިޔާމަތް ދުވަހު މާޔޫސްވާކަށް ނުޖެހޭނެއެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ! އިން ޝާ ﷲ!
މިދެއްކީ ހަމަ ވަރަށް އާދައިގެ މިސާލެކެވެ. ބުނަން ބޭނުންމިވަނީ މި 10 ދުވަހު ކިޔަން ޚާއްޞަ ޛިކުރުތަކެއް ހޯދަން ނުވަތަ ދިގުކޮށް ޛިކުރުކިޔަން އުޅުމުގެ ބަދަލުގައި ތިމާއަށް ދަސްވެފައި ހުރި މިފަދަ ޛިކުރުތައް ވީހާ ގިނައިން ކިޔަން މަސައްކަތްކުރާށެވެ!
ބައެއް ފަހަރު އެއްވެސް ކަމެއް ނެތި އިންނަމެއް ނޫންހެއްޔެވެ؟ މި ދެ ކަލިމަ ކިޔުންމަތީގައި އިނދެބަލާށެވެ! މިކުރަނީ ކީއްކަމާއި މިކިޔާ އެއްޗެއް ހިތްމައްޗަށް ގެންނަމުންނެވެ. އެފަދަ މީހަކަށް ވެވިއްޖެ ނަމަ ޤިޔާމަތް ދުވަހު އެމީހަކު ވާނީ އުފާކުރާ މީހުންގެ ތެރެއިންނެވެ. އިން ޝާ ﷲ!
ނަޞޭޙަތަކީ ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް ކޮންމެ މަަސެއްކަތެއްގައި އުޅެމުން ނަމަވެސް މި ބަރަކާތުން ފުރިގެންވާ 10 ދުވަސް ދޫކޮށްނުލުމެވެ. ހީވާގިވެލައި މިދިހަ ދުވަހި ހިތްވަރުކޮށްލުމެވެ. ކޮންމެ ތަނެއްގައި ހުރެގެންވެސް ގިނަގިނައިން ޛިކުރުކުރާށެވެ! ހިތުން އެނގޭ މިންވަރަށް ޤުރްއާން ކިޔަވާށެވެ. އެނގޭ އާޔަތްތައް ކިޔަމުން ގެންދާށެވެ. އަޅުކަންކުރުމުގައި ހީވާގިވެ ގަދައަޅައި މަސައްކަތްކުރާ އަޅުންނަށް ﷲ ތަޢާލާ ރަޙްމަތް އިތުރުކުރައްވަވާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން