ރަސޫލް ޞޢވ އާ 2 ކާފަދަރިކަލުން ޙަސަނުގެފާނާއި ޙުސައިނުގެފާނުގެ އަސަރުން ފުރިގެންވީ އެންމެ ފަހު ވަގުތު ކޮޅު- ޢިބްރަތުން ފުރިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ރަސޫލް ޞޢވ އާ 2 ކާފަދަރިކަލުން ޙަސަނުގެފާނާއި ޙުސައިނުގެފާނުގެ އަސަރުން ފުރިގެންވީ އެންމެ ފަހު ވަގުތު ކޮޅު- ޢިބްރަތުން ފުރިފަ!

ﷲ ތަޢާލާ ވަނީ ރަސޫލް ﷺ އަށް ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވަވާނެ ކަމުގެ ޔަޤީންކަން ދެއްވަވައިފައެވެ. ސުވަރުގޭގައި އިތުރުޞާޙިބާ ﷺ އާއިއެކު ޢާއިލާގެ ބޭފުޅުންވެވަޑައިގަންނަވާނެކަން އިތުރު ޞާޙިބާ ﷺ އަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމާއިއެކުވެސް ކަންތައްތައް ވެގެންދިއަ ގޮތަށް ނިކަން ވިސްނައިލަބަލާށެވެ. 

"އަހަރެމެންގެ ކައުއިތުރު ރަސޫލާ މުޙައްމަދު ﷺ އަވަހާރަވެވަޑައިގަތުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމުން ދަރިކަނބަލުން ފާޠިމަތުގެ ފާނަށް ދަންނަވައިގެން އެކަމަނާގެ 2 ދަރިކަލުން، ޙަސަންގެފާނާއި ޙުސައިންގެފާނު، ނަބިއްޔާ ﷺ ގެ އަރިއަހަށް ގެންނެވިއެވެ. 

އެއީ އަސަރުން ފުރިގެންދިއަ ވަގުތުކޮޅެކެވެ. ރަސޫލް ﷺ ކީރިތިފުޅު ކުރެއްވެވިއެވެ. ރަސޫލް ﷺ އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވާ 2 ކާފަ ދަރިކަލުން، ޙަސަންގެފާނާއި ޙުސައިންގެފާނު ވެސް ކީރިތިފުޅު ކުރެއްވެވިއެވެ. ޙަސަންގެފާނުގެ މޫނުފުޅު ބޭއްވެވީ ރަސޫލް ﷺ ގެ މޫނުފުޅުމަތީގައެވެ. ޙުސައިންގެފާނުގެ މޫނުފުޅު ބޭއްވެވީ ރަސޫލް ﷺ ގެ މޭފުޅުމަތީގައެވެ." 

މިފަދަ ހާލަތެއް މެދުވެރިވުމުން މިފަދަ ވަގުތެއްގައި އަހަރެމެންނަށް ކުރާނެ އަސަރާއިމެދު ވިސްނައިލާށެވެ! ސުވާލަކީ މިފަދަ ވަގުތަކަށް އަހަރެމެންނަށް ތައްޔާރުވެވިފައިވަނީ ކިހައި މިންވަރަކަށް ކަމެވެ. 

އަހަރެމެން ގަދަވެ ސަލާމަތުން ތިބޭއިރު ދަރިންނަށް ލޯބި ދެވޭ ހެއްޔެވެ؟ އަޅައިލެވޭ ހެއްޔެވެ؟ ރަސޫލް ﷺ އެންމެ ތުއްޕުޅު އިރުންސުރެ ޙަސަންގެފާނާއި ޙުސައިންގެފާނު މިސްކިތްކޮޅަށް ގެންދަވައި މިސްކިތްކޮޅުގައި ގެންގުޅުއްވެވިއެވެ. އެ ދެބޭފުޅުންގެ ހިތްޕުޅުގައި ﷲ ތައާލާއަށް ލޯބި ޖެއްސެވުމަށް މަސައްކަތްޕުޅު ކުރެއްވެވިއެވެ. އުނގުފުޅުގައި ބައިތިއްބަވައިގެން ލޯބިފުޅު ދެއްވެވިއެވެ.  

އަހަރެމެންނަށް މިއިން އެއްވެސް ކަމެއް އެބަ ކުރެވޭ ހެއްޔެވެ؟ ރަސޫލް ﷺ ކުރެއްވެވި މިންވަރަށް އެއްވެސް ކަމެއް އަހަރެމެންނަކަށް ނުކުރެވޭނެއެވެ. ނަމަވެސް ކުރެވޭނެ މިންވަރެއް އޮންނާނެ ނޫން ހެއްޔެވެ؟ އެންމެ ކުޑަމިނުން އެވަރަށް އެބަ ކަންކަން ކުރެވޭ ހެއްޔެވެ؟ 

ރަސޫލް ﷺ ޙަސަންގެފާނަށާއި ޙުސައިންގެފާނަށް އެންމެ ތުއްޕުޅު އިރުންސުރެ ދެއްވެވީ އެކަލޭގެފާނުގެ ހިތްޕުޅުގެ ލޯބިފުޅެވެ. މަސައްކަތްޕުޅު ކުރެއްވެވީ ފުރިހަމަ މުސްލިމުންގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވެވުމަށެވެ. އަހަރެމެން މިކުރާ ކަމަކީ އެންމެ އަގު ބޮޑު ހެދުން ގަނެދިނުމާއި އަގުބޮޑުހައި ކުޅޭތަކެތި ދިނުމާއި ކާޓޫނު ދެއްކުން ނޫން ހެއްޔެވެ؟ އެކަމުން ކުދިންނަށް ކުރާނީ ކޮން ޙަޤީޤީ ފައިދާއެއް ހެއްޔެވެ؟  

މައިން ބަފައިންގެ ވެސް ކާފަ އާއި މާމަގެ ވެސް އަދި ޢާއިލާގެ އެންމެންގެވެސް އެންމެ ބޮޑު ޒިންމާއަކަށް ހަދަން ޖެހޭނީ ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދިނުމެވެ. ﷲ ތައާލާ އަށް ލޯބި ޖައްސުވަން މަސައްކަތްކުރުމެވެ. މިސްކިތްތަކަށް ގެންގޮސް މިސްކިތްތަކަށް ހިތް ޖެއްސެވުމެވެ. ކީރިތި ޤްރްއާނަށް ލޯބިކޮށް އަމަލުކުރަން ޝައުޤްވެރިކުރުވުމެވެ. ﷲ ތައާލާއަށް ޖަވާބުދާރީވާން ޖެހޭނީ މިކަންކަމަށެވެ. އެންމެ އަގުބޮޑު ހެދުމާއި އެންމެ އަގުބޮޑު ކުޅޭތަކެތި ނުދީގެންނެއް ނޫނެވެ! އެންމެ ފަހުގެ ކާޓޫނު ނުދައްކައިގެނެއްވެސް ނޫނެވެ! 

ދަރިންދެކެވެސް އެނޫންވެސް ތިމާ ލޯބިވާންޖެހޭ މީހުން ދެކެ ލޯބިވާންވީ މަރުބަލީގައި އެންމެ ފަހުވަގުތަކު ނޫނެވެ. ކެންސަރު ނުވަތަ އެނޫންވެސް ބޮޑު ބައްޔެއް ޖެހި ތިމާ ދެން ގަދަނުވާނެކަމަށް ޤަބޫލުކުރެވުމަކުން ނޫނެވެ. ގަދަވެ ސަލާމަތުން ހުރެއެވެ. ތަންމަތީގައި އޮށޯންނަންޖެހޭ ދުވަހު އެމީހުންގެ ލޯބި ލިބޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން