ހިތްދަތިކަމެއް ކުރިމަތިވުމުން ވޭނުގަ އުޅެންޖެހެނީ ޙައްލު ހޯދައި އުފާވެރިކަމަށް ބަދަލުކުރަން ދުއްވައިގަންނަންވީ މިސްރާބް އޮޅުވާލާތީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހިތްދަތިކަމެއް ކުރިމަތިވުމުން ވޭނުގަ އުޅެންޖެހެނީ ޙައްލު ހޯދައި އުފާވެރިކަމަށް ބަދަލުކުރަން ދުއްވައިގަންނަންވީ މިސްރާބް އޮޅުވާލާތީ!: މުފްތީ މެންކް

ހިތްދަތިކަމެއް ލިބިއްޖެނަމަ އަރަންވީ އެނދަކަށް ނޫނެވެ! ނަމަވެސް ގިނަވަމުން މިދަނީ ކަމެއް ދިމާވާއިރަށް ދުވެގޮސް އެނދަށް އަރައި ރަޖާލާ މީހުންނެވެ. އެމީހުންނަށް ޤަބޫލުކުރެވެނީ އެމީހުންގެ ހިތްދަތިކަން ފިލާނީ އެގޮތުން ކަމަށެވެ. 

ނަމަވެސް ޙަޤީޤަތަކީ އެނދުގައި އޮތުމަކީ މާޔޫސްކަން އިތުރުވާނެ ކަމެއްކަމެވެ. ވީމާ އެކުރެވެނީ ކުށްހީއެކެވެ. ހިތްދަތިކަމެއް ލިބިއްޖެނަމަ ދެފައަށް ލެވުނުހައި ބާރެއްލައި ދުއްވައިގަންނަންވީ އަންހެނަކު ނަމަ މުސައްލަ މައްޗަށެވެ. ފިރިހެނަކު ނަމަ މިސްކިތަށެވެ. ކުރަންވީ ނަމާދެވެ! 

އެނދަށް އަރައި ކުރަންވީ ކަމަކީ ފިކުރުކުރުމެއް ނޫނެވެ. ދޫ މައްޗަށް އެންމެ ފަސޭހަ ޛިކުރު ކިޔުން ގިނަކުރަންވީއެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކާއިމެދު ވިސްނަންވީއެވެ. 

ނުލިބިގެން ތިއަ ކަންބޮޑުވަނީ އެންމެ ނިޢްމަތެއް ނޫން ހެއްޔެވެ؟ ނޫނީ ކަންބޮޑުވެގެން ތިއަވަރަށް ތިއަ އުޅެނީ އެދޭ ހަމަ އެންމެ ކަމެއް ހާޞިލު ނުވެގެން ނޫން ހެއްޔެވެ؟ ﷲ ތަޢާލާ އެތައް ހާސް ނިޢްމަތްތަކެއް ދެއްވަވާފައިވާއިރު ތިމާ އެދޭ ގޮތަށް އެންމެ ކަމެއް ޙާޞިލުނުވެގެން ތިއަވަރަށް ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ 

އެފަދަ ހާލަތުގައި އެންމެ ފައިދާ ކުރާނެ ގޮތް ބުނަން ހެއްޔެވެ؟ ވިސްނުން ބަދަލުކޮށްލާށެވެ! ހާޞިލު ނުވެގެން ތިއަ ކަންބޮޑުވާ ކަންތައް ޙާޞިލު ނުވެ ލަސްވަނީ ތިމާއަށް އެގޮތުން ފައިދާ ބޮޑުވާނެތީ ކަމަށް ވިސްނުމަށް ގެންނާށެވެ! ހުރިހާ މާޔޫސްކަމެއް ފިލާނެއެވެ! 

ހިތާމައަކީ މިމޭރުމުން އެހެންމީހުންނަށް ނަޞޭޙަތްދޭ ބައެއް މީހުންނަށްވެސް ކަމެއް ދިމާވުމުން އެނދާއިދިމާއަށް ދުއްވައިގަނެވޭ ކަމެވެ. ﷲ ތަޢާލާ ތިމާއާއިއެކު ވޮޑިގެންވާކަމާއި ސަޖިދަކޮށް ދުޢާކުރުމުން އުފާވެރިކަން ދެއްވަވާނެކަން ޤަބޫލުނުކުރެވޭކަމެވެ. މިއުޅެނީ ހަމައެކަނި ވިސްނުމުގެ މައްސަލައެކެވެ. ވިސްނާ ގޮތުގެ މައްސަލައެކެވެ. ޙައްލު އޮތީ ހަމަ ތިމާގެ އަތުގައެވެ. 

މިނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރާ މީހުން އަބަދުވެސް ތިބޭނީ އުފަލުގައެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން