އުޟްޙިޔާ އަށާއި ޢަގީގާ އަށް ނިޔަތްގަނެ އެއް ޖަނަވާރެއް ކަތިލުމުން ސުންނަތް އަދާ ކުރެވޭނެތޯ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި ދެރައުޔެއްވެއެވެ.
ފުރަތަމަ ރައުޔު:
އުޟްޙިޔާ އާއި ޢަގީގާ އެއްނުކުރެވުން. މިއީ އިމާމް މާލިކް، ޝާފިޢީ އަދި އިމާމް އަޙމްދު- ރަޙިމަހުމުﷲ- ގެ ފަރާތްޕުޅުން ރިވާވެގެންވާ އެއް ރިވާޔަތެވެ.
މިބޭފުޅުންގެ ދަލީލަކީ އުޟްޙިޔާ އާއި ޢަގީގާ އަކީ މުޅިން ދެއެއްޗެކެވެ. އެހެންކަމުން، ދެކަންތަކަށް ނިޔަތްގަނެ އެކަތި ކަތިލުމުން ސުންނަތް އަދާވީ ކަމަކަށް ނުވާނެއެވެ. އަނެއްކޮޅުން ދެއެތި ކަތިލެވެނީވެސް މުޅިން ދެސަބަބަކާ ހުރެއެވެ. އެހެންކަމުން، ތަމައްތުޢުގެ ކަތިލުމާއި ފިދްޔާގެ ކަތިލުން އެއް ނުކުރެވޭ ފަދައިން ޢަގީގާ އާއި އުޟްޙިޔާގެ ކަތިލުން އެއް ނުކުރެވޭނެއެވެ.
(ތަމައްތުޢްގެ ކަތިލުމަކީ: ތަމައްތުޢްކޮށް ޙައްޖުކުރުމުގެ ސަބަބުން ކަތިލަން ޖެހޭ ކަތިލުމެވެ. އަދި ފިދްޔައިގެ ކަތިލުމަކީ ޙައްޖުގެ ވާޖިބެއް ދޫކޮށްލެވުމުގެ ސަބަބުން ކަތިލަން ޖެހޭ ކަތިލުމެވެ.)
ދެވަނަ ރައުޔު:
އުޟްޙިޔާ އާއި ޢަގީގާ އަށް އެކީގައި ނިޔަތްގަނެ އެއް ޖަނަވާރެއް ކަތިލުމުން ފުދޭނެއެވެ. މިއީ އިމާމް އަޙްމަދުގެ ފަރާތްޕުޅުން ވާރިދުވެފައިވާ އެއްރިވާޔަތެވެ. އަދި މިއީ އިމާމް އަބޫ ޙަނީފާގެ މަޛްހަބެވެ. މިފަދައިން އިމާމް ޙަސަނުން ބަޞަރީ އަދި އިމާމް އިބްނު ސީރީން އަދި ގަތާދާ- ރަޙިމަހުމުﷲ- ވިދާޅުވެފައިވެއެވެ.
މިބޭފުޅުންގެ ޙުއްޖަތަކީ: މިދެކަންތަކުގެވެސް މަގްޞަދަކީ (އުޟްޙިޔާ އާއި ޢަގީގާގެ ވެސް މަގްޞަދަކީ) އެއްޗެއް ކަތިލުމުން ﷲ އާއި ކުއްތަން ވުމެވެ. މިސްކިތަށްވަދެ ފަރްޟު ނަމާދެއް ކުރުމުން ތަޙިއްޔަތުލް މަސްޖިދަށް ފުދޭ ގޮތަށް އުޟްޙިޔާ ކަތިލުމުން ޢަގީގާ އަށް ވެސް ފުދޭނެއެވެ.
މިމައްސަލާގައި ސަޢޫދީގެ ކުރީގެ މުފްތީ ފަޟީލަތުއް ޝައިޚް މުޙައްމަދު އިބްރާޙީމް- ރަޙިމަހުﷲ- ރާޖިޙް ކުރައްވާފައިވާ ގޮތަކީ އުޟްޙިޔާ އާއި ޢަގީގާ އަށް ނިޔަތްގަނެއް އެއް ޖަނަވާރެއް ކަތިލުމުން ދެކަންތަކަށް ފުދިގެން ދިޔުމެވެ. والله أعلم.
- ޑރ. މުޙައްމަދުު އިޔާޟް ޢަބްދުއްލަޠީފް