އަޅުގަޑުގެ ދެބެންގެ ދެދަރި ކުއްޖަކު އެކްސިޑެންޓެއްވެ، އޮތީ ވަރަށް ބަލި ޙާލުގައެވެ. ޑރ އިން ވިދާޅުވަނީ އޭނާ ދިރޭނެ ކަމުގެ އޮތީ 50% ގެ ފުރުޞަތެއް ކަމަށެވެ. މީހަކު އަޅުގަޑުމެން ގާތުގައި ބުނީ އޭނާ އަށް ޝިފާ ދެއްވުން އެދި އުޟްޙިޔާ ކަތިލުމަށެވެ. މިކަމާއި މެދުގައި ދީނީ ގޮތުން އޮންނަ ގޮތް ބުނެދެއްވަފާނަންތޯ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
ﷲ އަށް ކުއްތަންވުމުގެ ގޮތުން، އަދި ކަތިލެވޭ އެއްޗަކުން ފަގީރުންނާއި މިސްކީނުންނަށް ޞަދަގާތް ކުރުމުގެ ނިޔަތުގައި ކަތިލައިފިނަމަ މައްސަލަ އެއް ނެތެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (الصدقة تطفئ الخطيئة كما يطفئ الماء النار) رواه أحمد (3/399)
މާނައަކީ: "ފެނުން އަލިފާން ނިވާލާފަދައިން ޞަދަގާތުން ނުބައިކަންތައް ފޮހެލައެވެ." ބައެއް ބައްޔަކީ ކުރެވިފައިވާ ކޮންމެވެސް ފާފައެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ. އެހެންކަމުން، ޞަދަގާތް ކުރުމުން އެފާފަ އެއް ފޮހެވި، ބަލިން ޝިފާ ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ޞަދަގާތުގެ ސަބަބުން އެމީހެއްގެ ދަރަޖަމަތިވެރި ވެގެންދެއެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް