މީސްތަކުން ކުރާ ކުށުގެ ރެކޯޑް އެކުގައި ފޮހެލައްވަވައި ދެއްވަވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެހެން ހުރިހާ ފަރާތަކުން ކުށުގެ އަދަބު ލިބި ނިމުމުންވެސް ކުށުގެ ރެކޯޑް ފޮތްތަކުގައި ލިޔެ ދަމަހައްޓައެވެ. ރަސޫލް (ﷺ) ޙަދީޘްފުޅުގައި ވަނީ ފާފަތަކުން ތައުބާވާ މީހާ ކުށެއް ނުކުރާ މީހެއް ފަދަ ކަމަށެވެ.
ބަރަކާތުން ފުރިގެންވާ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް އަހަރެމެންނާއި ބައްދަލުކޮށްފައިވާއިރު އެދުވަސްތަކުގައި ކުރުން އެންމެ މުހިންމު އެއް ކަމަކީ ކުރެވިފައިވާ ކުށްފާފަތަކަށް ވީހައި ގިނަގިނައިން ތައުބާވުމެވެ. ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ކިތަންމެ ގިނަ ކުށްފާފަތަކެއް ކުރެވިފައިވީނަމަވެސް ﷲ ތަޢާލާ އިރާދަފުޅު ކުރައްވަވައިފި އަޅަކަށް ފުއްސަވައި ދެއްވަވާނެތެވެ.
ރަސޫލް (ﷺ) ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު ރޯދަ ހިއްޕެވިކަން ސާބިތެވެ. އެހެންނަމަވެސް އެއީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް ނޫނެވެ. ވާޖިބެއް ނޫން ނަމަވެސް އެއީ މުޞްތަޙައްބުވެގެންވާ ކަމެވެ. އެހެނީ ރޯދަ ހިފުމަކީ މީހާ ކުރާ އަޅުކަމުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު އަޅުކަމެވެ.
ވީމާ މި 10 ދުވަހު ކުރާ ހެޔޮ އަމަލުތައް ގިނަކުރުމުގެ ގޮތުން ވީހައި ގިނައިން ރޯދަހިފާށެވެ! ކީރިތި ޤްރުއާން ކިޔަވާށެވެ! ޞަދަޤާތް ދޭށެވެ. އެނޫންވެސް ހެޔޮ އަމަލުތައް ކުރާށެވެ! --ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ދެއްވާފައިވާ ޚުޠުބާއަކުން