މަރުވެފައިވާ މައިންބަފައިންގެ މަތިން އުޟްޙިޔާ ކަތިލެވިދާނެތޯ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
އުޟްޙިޔާ ކަތިލުން މަޝްރޫޢު ވެގެންވަނީ ހަމައެކަނި ދިރިތިބި މީހުންގެ މައްޗަށެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ފަދައިން މަރުވެފައި ތިބޭ މީހުންގެ މަތިން އުޟްހިޔާ ކަތިލުމެއް ނެތެވެ.
މަރުވެފައިވާ މީހުންގެ މަތިން އުޟްޙިޔާ ކަތިލުން ތިންބަޔަކަށް ބެހިގެންވެއެވެ.
1. ދިރިތިބި މީހުންނާއި މަރުވެފައިވާ މީހުންވެސް ހިމަނައިގެން، މީހަކު އޭނާގެ ގޭގެ ހުރިހާ އަހްލުވެރިންގެ މަތިން އުޟްޙިޔާ ކަތިލުމަށް ނިޔަތް ގަތުން. މިއީ ހުއްދަ ކަމެކެވެ. މީގެ ދަލީލަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަމިއްލަ ނަފްސުގެ މަތިންނާއި އަހްލު ބައިތުންގެ މަތިން އުޟްޙިޔާ ކަތިލެއްވުން. އޭގެ ތެރޭގައި މަރުވެ ގޮސްފައިވާ މީހުންވެސް ހިމެނިގެންވެއެވެ.
2. މަރުވެފައިވާ މީހެއްގެ ވަޞިއްޔަތް ފުރިހަމަ ކުރުމަށް ޓަކައި އޭނާގެ މަތިން އުޟްޙިޔާ ކަތިލުން.
މި ޙާލަތުގައި ކުޅަދާނަކަން ހުރެއްޖެނަމަ އެމައްޔިތާގެ މަތިން އުޟްޙިޔާ ކަތިލުން ވާޖިބު ވެގެންވެއެވެ. ދަލީލަކީ: ސޫރަތުލް ބަގަރާގެ 181 ވަނަ އާޔަތެވެ. (فَمَن بَدَّلَهُ بَعْدَ مَا سَمِعَهُ فَإِنَّمَا إِثْمُهُ عَلَى الَّذِينَ يُبَدِّلُونَهُ ۚ إِنَّ اللَّـهَ سَمِيعٌ عَلِيمٌ) މާނައަކީ: " ފަހެ، އެ وصية އިވުމަށްފަހު، އެ وصية ބަދަލުކުޅަ މީހާ (ދަންނާށެވެ! ހަމަކަށަވަރުން، އެކަމުގެ ފާފަ އޮތީ، އެކަން ބަދަލުކުރާ މީހުންގެ މައްޗަށެވެ. ހަމަކަށަވަރުން، اللَّه އީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
3. މަރުވެފައިވާ މީހުންގެ ފަރާތުން ޞަދަގާތެއްގެ ގޮތުގައި އުޟްޙިޔާ ކަތިލުން. މިއީ ހުއްދަ ގޮތެއް ކަމަށް ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވެއެވެ. މައްޔިތާގެ މަތިން ޞަދަގާތް ކުރުމުން އޭގެ ޘަވާބު މައްޔިތާ އަށް ލިބޭފަދައިން އުޟްޙިޔާގެ ޘަވާބުވެސް ލިބޭނެ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އެހެންނަމަވެސް އެހެން ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މަރުވެފައިވާ މީހުންގެ މަތިން އުޟްޙިޔާ ކަތިލުމެއް ނެތެވެ. ސަބަބަކި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްވެސް މަރުވެފައިވާ މީހެއްގެ މަތިން އުޟްޙިޔާ ކަތިލައްވާފައި ނުވުމެވެ. އެކަލޭގެފާނުގެ އެންމެ ގާތް ބޮޑުބޭބޭފުޅު ޙަމްޒަތުގެ ފާނުގެ މަތިންނާއި، އެކަލޭގެފާނުގެ ޙަޔާތުގައި ދުނިޔެ ދޫކޮށްގޮސްފައިވާ ދަރިކަލުންނާއި ދަރިކަނބަލުންގެ މަތިންނާއި، އަނބިކަނބަލުން ޚދީޖަތުގެފާނުގެ މަތިންވެސް އުޟްޙިޔާ ކަތިލައްވާފައި ނުވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަހުން އެކަލޭގެފާނުގެ އެއްވެސް ޞަޙާބީ އަކުވެސް މަރުވެފައިވާ ގާތް ތިމާގެ މީހުންގެ މަތިން އުޟްޙިޔާ ކަތިލައްވާފައި ނުވާތީވެއެވެ. والله أعلم.
އުޟްޙިޔާގެ ގޮތުގައި ކުކުޅެއް ކަތިލުން
އުޟްޙިޔާގެ ގޮތުގައި ކުކުޅެއް ކަތިލެވިދާނެތޯ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
އުޟްޙިޔާގެ ގޮތުގައި ކަތިލެވޭނީ ހަމައެކަނި ބަހީމަތުލް އަންޢާމްގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ. ނުވަތަ ނަޢަމް ޞޫފީގެ ބާވަތް ތަކެވެ. އެހެންވީމާ، މުސަޅެއް ކަތިލިޔަސް، އަދި އަހެއް ކަތިލިޔަސް، ނުވަތަ ކުކުޅެއް ކަތިލިޔަސްވެސް އުޟްޙިޔާ އަކަށް ނުފުދޭނެއެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް