ނަމާދަށް ހުންނައިރު އާފުރެން ބިރުވެތިވާށެވެ! ޙަދީޘްފުޅުގައި އޮތީ އާފުރެން ޖެހިއްޖެނަމަ ވީހައި ބޮޑަށް ހިފަހައްޓާށެވެ. އާނުފުރެން މަސައްކަތް ކުރާށެވެ!
އެހެނީ ނަމާދުގައި ހުންނަންޖެހެނީ ވީހައި ބޮޑަށް ޚުޝޫޢަތްތެރިވެގެންނެވެ. ހުރިހާ ސަމާލުކަން ނަމާދަށް ދީގެންނެވެ. ވީމާ ފޫހިވެ އާފުރެން ޖެހެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެއެވެ. މީހާ ހުންނަން ޖެހޭނީ މިހުރެވެނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައިކަމާއި ތިމާއަށް ﷲ ތަޢަލާ ބައްލަވައި ވޮޑިގެންވާކަން ޤަބޫލުކޮށް އެކަމަށް ބިރުވެތިވެގެންނެވެ. އެގޮތުގައި ހުރެވޭ މީހަކަށް އާފުރޭކަށް ނުޖެހޭނެއެވެ.
އާފުރުމަކީ މީހަކު ކަންނެތްވެ ފޫހިވުމުން މެދުވެރިވާ ކަމެކެވެ. އާފުރޭހިނދު އަނގަމަތީގައި އަތްއަޅައި އަނގަ ފޮރުވަން އޮތީ ވަރަށް މުހިންމު ސަބަބަކަށްޓަކައެވެ. އެއީ އަތްނާޅައި އަނގަ ހުޅުވައިލުމުން ޝައިޠޯނާ ތިބާގެ އަނގައިގެތެރެއިންލާފައި ތިބާގެ ހަށިގަނޑުގެތެރެއަށް ވަދެގަންނާނެތީއެވެ.
އިޙްޞާންތެރިކަމާއިއެކު ނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ޝައިޠޯނާގެ ކިބައިން ސަލާމަތްވެހުރެ ނަމާދުކުރެވޭނީ އެއިރުންނެވެ. އިން ޝާ ﷲ
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން