އަމިއްލަ ހަށިގަނޑުގަވާ ހިތް އަލިފާނުން އަންދާ މީހުން- އެންމެ ނުބައި މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
އަމިއްލަ ހަށިގަނޑުގަވާ ހިތް އަލިފާނުން އަންދާ މީހުން- އެންމެ ނުބައި މީހުން!

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ޙަޤީޤީ އެކުވެރިން ވަރަށް މަދެވެ. ގިނައީ ހިތުގައި ހަސަދަވެރިކަން ބާއްވައިގެން އެކަން ވަންހަނާކޮށް ހެޔޮ އެދޭކަން ބޭރުފުށުން ދައްކައިގެން އުޅޭ މީހުންނެވެ. ހިތުގައި ހަސަދަ އާއި ރުޅިވެރިކަން ބާއްވައިގެންވެސް ހިނިތުންވާ މީހުންނެވެ. ވީމާ މިކަމަކީ ކިހައި ބޮޑި ފާފައެއްކަމާއިމެދު ކުޑަގޮތަކަށް ނަމަވެސް ބަލައިލާނަމެވެ.

ބައެއް މީހުން ހިތުގައި ހަސަދަވެރިކަން ބާއްވައިގެން ތިބެ ވެސް މޫނުމަތިން ހިނިތުންވެ ހެޔޮ އެދޭކަން ދައްކައިގެން ވާހަކަ ދައްކައި އުޅެއެވެ. އަހަރެންނަށް ޤަބޫލުކުރެވޭ ގޮތުގައި އެފަދަ މީހުން އެކުރާ ކަމަކީ އެމީހުންގެ އަމިއްލަ ހިތް އަމިއްލަ ހަށިގަނޑުތެރޭގައި ބާއްވައިގެން ހިތަށް ޕެޓްރޯލްއަޅައި އަލިފާން ރޯކޮށް އެންދުމެވެ. މިހެން މިބުނާ ސަބަބަކީ އެންމެ ނުބައި އަލިފާނަކީ ހަސަދައިގެ އަލިފާންކަމެވެ. އެހެނީ މިގެންގުޅޭ އެހެން އަލިފާނުން ތިބާ އެނދި ނަމަވެސް އަނދާނީ ތިބާއެވެ. ތިބާ ކުރި ހެޔޮ އަމަލުތައް ތިބާ އާއިއެކުގައި ވާނެއެވެ. އެއިގެ ބަދަލުގައި ހަސަދައިގެ އަލިފާން މިހަދާ ގޮތަކީ ތިބާ ބަހައްޓާފައި ތިބާ ކުރި ހުރިހާ ހެޔޮ އަމަލުތައް އަނދައިލަނީއެވެ. ނުރައްކައުތެރިކަން ބޮޑީ ކޮން ގޮތެއް ހެއްޔެވެ؟

ހިތުގައި ހަސަދަވެރިކަން ބާއްވައިގެން ތިބެ ވެސް މޫނުމަތިން ހިނިތުންވެ ވާހަކަ ދައްކައި އުޅޭނަމަ އެމީހަކީ މުނާފިޤެއް ކަމަށް ބެލިދާނެއެވެ. ދެފުށް ދެގޮތް ވުމަކީ މުނާފިޤް ކަމުގެ އެންމެ ޢާންމު ސިފަ ކަމުގައިވާތީއެވެ. ހަމައެފަދައިން މުނާފިޤް ކަމަކީ ތަޤްވާވެރިކަމުގެ އިދިކޮޅެވެ. ވީމާ ތަޤްވާވެރިކަމަށް ބަލައިލަމާ ހެއްޔެވެ؟

ބައެއް މީހުން ތަޤްވާވެރިކަމުގެ މާނަ ނަގަނީ ވަރަށް ހަނިކޮށެވެ. އެހެނީ ބައެއް މީހުންނަށް ޤަބޫލު ކުރެވިފައި އޮންނަނީ ތަޤްވާވެރިކަމަކީ ހަމައެކަނި އަޅުކަން ކުރުން ކަމަށެވެ. ނުވަތަ ﷲ ތައާލާއަށް ބިރުވެތިވުން ކަމަށެވެ. ނަމަވެސް ތަޤްވާވެރިކަމުގެ ވަނީ އެއަށްވުރެ މާބޮޑަށް ފުޅައުވެގެންނެވެ.

ޙަޤީޤަތުގައި ތަޤްވާވެރިކަން ފުރިހަމަވާނީ ﷲ ތައާލާއަށް ބިރުވެތިވުމާއިއެކު، އަޅުކަން ކުރުމާއިވެސް އެކު އަދި ﷲ ތަޢާލާ އާއި ވީހައި ފުރިހަމަ ގުޅުމެއް އުފައްދަން މަސައްކަތްކުރުމުންނެވެ. ތަޤްވާވެރިކަމުގެ މާނައިގައި ހިމެނޭ ކަންކަމުގެ ތެރޭގައި ހަމައެކަނި ﷲ ތައާލާއަށް އަޅުކަން ކުރުމާއި ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމާއި ﷲ ތަޢާލާއަށް ލޯބިކުރުން ވެސް ހިމެނެއެވެ. ﷲ ތައާލާއަށް ލޯބިކުރުމަކީ ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް އަމަލުކުރުމެވެ. ކީރިތި ޤްރުއާނަށް ފުރިހަމައަށް އަމަލުކުރުމެވެ.

މީހަކު ތިމާއަށްވުރެ ތަނަވަހުގައި އުޅޭތަން ފެނުމުން ވަރަށް ގިނަ ފަހަރު ދޮގު ތުހުމަތުތައް ކުރެވެއެވެ. އޭނާ ފައިސާ ހޯދީ ނުވަތަ ތަނަވަސްކަން ހޯދީ ޙައްޤު ނޫން ގޮތުގައި ކަމުގެ ތުހުމަތެވެ. މިފަދަ ތުހުމަތުތައް ކުރުމަކީ ވަރަށް ނުރައްކައުތެރިކަމެކެވެ.

ކޮންމެ މީހަކަށް ނަމަވެސް ތަނަވަސްކަމެއް ވިޔަސް، އަދި ގެއްލުމެއް ވިޔަސް ލިބެނީ އެކަމަށް ﷲ ތައާލާ މިންވަރުކުރެއްވެވުމުންނެވެ. ވީމާ އެމީހަކާއި ނުބެހޭ ކަންކަމުގައި މީސްމީހުންގެ މައްޗަށް ދޮގު ތުހުމަތު ނުކުރާށެވެ! އެމީހަކު ކަންބޮޑުވާން ޖެހޭނީ އެމީހަކާއި ގުޅުންހުރި ކަންކަމުގައެވެ. އެހެން މީހުންނަށް ދެއްވަވާ ތަނަވަސްކަމާއިމެދު ހަސަދަވެރިވާނަމަ އެކަމުން އަންގައިދެނީ އެމީހެއްގެ ހިތުގައި ތަޤްވާވެރިކަން އޮތް މިންވަރު ވަރަށް ކުޑަކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން