ހުޅުމާލޭ ގެސްޓްހައުސްތަކުގެ ގިނަ ކޮޓަރިތައް މިހާރުވެސް ވަނީ ފުރިފައިކަމަށް މައުލޫމާތުލިބެއެވެ. ދުވާލަކު 2000 ރުފިޔާއަށް ލިބޭ ކޮޓަރިތަކުގެ ޑިމާންޑް މާބޮޑެވެ! މިއީ ހަމައެކަނި ކޮޓަރިއެއްގެ ކުއްޔެވެ. ކެއުންބުއިމާއި ދެންކުރަންހުރި ކަންކަމަށް ޚަރަދުކުރެވޭނެ އަދަދު ނިކަން ހިތަށްއަރުވައިލަބަލާށެވެ.
ލާރިހުރިނަމަ އުފާކުރުން މައްސައްލައެއް ނޫނެވެ. ނަމަވެސް ފުރަތަމަ މިސުވާލަށް ޖަވާބުދެއްވާށެވެ! އެންމެ 1499 ރުފިޔާއަށް އުޟްހިޔާ ކަތިލައި ތިމާއާއި އަނބިދަރިންގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އުންމީދުކުރެވެންއޮތްއިރު އެކަންކޮށްފިން ހެއްޔެވެ؟
އުލްޙިޔާ ކަތިލުމުގެ ފައިދާ:
މިހާރަކަށް އައިސް ޢީދަށް ތައްޔާރުވާން ގިނަ ބައަކު ވާ ތައްޔާރީއަކީ ޢީދުގައި އުފާކުރުމަށްވާ ތައްޔާރީތަކެވެ. ޗުއްޓީއަށް ގިނަ ދުވަސްތަކެއް ލިބޭތީ ޗުއްޓީ ހޭދަކުރަން ވާ ތައްޔާރީތަކެވެ. ޢީދުގެ ކުރިން ފާއިތުވެގެންދާ 9 ދުވަހާއި ޢީދު ދުވަހު ކުރަން ޖެހޭ އަޅުކަމާއިމެދު ވިސްނައިލަނީ މަދު މީހެކެވެ.
ޢީދުގެ އުފާތަކަށް އެތައް ހާސް ދިރުހަމެއް ޚަރަދުކުރާއިރު އުޟްހިޔާ ކަތިލުން ލިސްޓުގައި ހިމަނަނީ ވަރަށް މަދު މީހެކެވެ. އެހެންކަމުން އެނގިގެން މިދަނީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައި ނަރަކައިން ސަލާމަތްކޮށްދެއްވެވުމަށްވުރެ އިސްކަން ދެވެނީ ދުނިޔޭގެ އުފާތަކަށް ކަމެވެ.
ރަސޫލް (ﷺ) މަދިނާގައި ހުންނެވި 10 އަހަރުވެސް، ކޮންމެ އަހަރަކު އުޟްހިޔާ ކަތިލެއްވެވިއެވެ. އަދި އަޟްހާ ޢީދު ދުވަހު ޢީދު ނަމާދުން އަވަދިވެވަޑައިގެން އެކަލޭގެފާނުގެ އުޟްޙިޔާއިން މެނުވީ ފަރިއްނުކުޅުއްވަތެވެ. މިއީ ސާބިތު ކަންކަމެވެ.
އުޟްހިޔާ ކަތިލުމާއި ބެހޭ ގޮތުން ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ މި އާޔަތްތަކަށް ވިސްނައިލާށެވެ!
"ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި ޤްރްބާން ކުރައްވާށެވެ!" (އަލްކައުޘަރު: 2)
ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. މިއީ ޝާފިޢީ، މާލިކީ އަދި ޙަންބަލީ މަޛްހަބުގެ މަޝްހޫރު ރައުޔެވެ.
ނަމަވެސް އިމާމް އަޙްމަދުގެ ފަރާތްޕުޅުން އައިސްފައިވާ އަނެއް ރިވާޔަތެއްގައި އަދި އަބޫޙަނީފާ- ރަޙިމަހުމުﷲ- ގެ މަޛްހަބުގައި އުޟްޙިޔާ ކަތިލުމަކީ ވާޖިބު ކަމެކެވެ. والله أعلم.
ބުރައިދާ ރަޟިޔަﷲ ޢަންހު-ގެ ކިބައިން އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ފިޠުރު ޢީދު ދުވަހު އެއްޗެއް ފަރިއްކުޅުއްވައިގެން މެނުވީ ކީރިތި ރަސޫލާ ޢީދުނަމާދަށް ނިކުމެވަޑައި ނުގަންނަވައެވެ. އަދި އަޟްޙާ ޢީދު ދުވަހު ޢީދުނަމާދުން އަވަދިވެ ވަޑައިގެން އެކަލޭގެފާނުގެ އުޟްޙިޔާ އިން މެނުވީ ފަރީއްނުކުޅުއްވައެވެ". والله أعلم.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން