ގެ ގަނޑުވަރެއްހާ ފުރިހަމަކޮށް އެންމެ އަގުބޮޑު ދިރިއުޅުން އުޅެމުން ސަލާންޖަހާ މީހުންނަށް ދޮރު ނުހުޅުވާ މީހުންނަށް ސުވަރުގޭގެ ދޮރުގަ ޓަކިޖެހޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ގެ ގަނޑުވަރެއްހާ ފުރިހަމަކޮށް އެންމެ އަގުބޮޑު ދިރިއުޅުން އުޅެމުން ސަލާންޖަހާ މީހުންނަށް ދޮރު ނުހުޅުވާ މީހުންނަށް ސުވަރުގޭގެ ދޮރުގަ ޓަކިޖެހޭނެތަ؟

ކޮންމެ މީހަކުވެސް މިއަދު ބަލަނީ އެންމެ ފުރިހަމަ ގަނޑުވަރާއި އެއްފެންވަރުގެ ގެއެއް އަޅައި އެންމެ އަރާމު ފަރުނީޗަރު ގެއަށް ވައްދައި އެންމެ އަރާމު ދިރިއުޅުމެއް ދިރިއުޅުމަށެވެ. ސަލާންޖަހަން އަންނަ ފަޤީރަކު ބެލްޖަހައިފިނަމަ ޖަވާބެއް ނުދެއެވެ. އެއްދުވަހު ހަތަރު ދަމު ބެލްޖެހިނަމަވެސް ގޭގައި އުޅޭކަމަށްވެސް ނުހަދާނެއެވެ. 

ދުނިޔެއިން ލިބެންހުރި އެންމެ އަގުބޮޑު ފަރުނީޗަރު ހޯދައިގެން އެއިގެމަތީގައި އަރާމުކުރާ މީހުން ދަންނާށެވެ! 

ރަސޫލް (ﷺ) އަމަލުކުރައްވަވާފައިވަނީ އެގޮތަކަށް ނޫނެވެ. ރަސޫލް (ﷺ)ގެ އެންމެ އަރިސް ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްން މަސްއޫދު ރަސޫލް (ﷺ)ގެ ގަނޑުވަރަށް ވަޑައިގެންނެވި ދުވަހަކު ރަސޫލް (ﷺ) ގެ ބުރަކަށިކޮޅުގައި ހުރި ފާހަގަތަކެއް ފެނިވަޑައިގަތުމުން އެއަށްވުރެ ފަސޭހަފުޅުވާނެ ގޮތަކަށް އޮށޯވެވަޑައިގަތުމަށްޓަކައި ގޮދަޑިއެއް ފަދަ އެއްޗެއް ހަދިޔާ ކުރަންވަން ބޭނުންފުޅުވެ އެކަން ރަސޫލް (ﷺ) އަށް ހުށަހެޅުއްވެވިއެވެ. 

ނަމަވެސް ރަސޫލް (ﷺ) އެކަމަށް ކުރެއްވެވީ އިންކާރެވެ. ޙަދީޘްފުޅު ކުރެއްވެވީ އެފަދަ އަރާމެއް ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެއް ކަމަށާއި ދާއިމީ މަންޒިލަކީ ސުވަރުގެ ކަމަށެވެ. އަހަރެމެންނަކީ މިއަދު މިތަނުގައި ތިބެފައި މާދަން ވަކިވާން ޖެހިދާނެ ދަތުރުވެރިންތަކެއް ކަމަށެވެ. ވީމާ ދުނިޔޭގައި އުޅެން ޖެހޭނީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ.  

ނަމަވެސް މިއަދު އަޅުގަނޑުމެންގެ ދިރިއުޅުން ހަމަޖެހިފައި މިހުރީ ކޮން ގޮތަކަށް ހެއްޔެވެ؟ ފަޤީރަކަށް ޞަދަޤާތެއް ދޭން ވެއްޖެ ނަމަ އެކަން އޮންނަނީ ނުކުރެވިފައެވެ. އެކަން އޮންނަނީ ބޮޑު ކަމަކަށްވެފައެވެ. ނަމަވެސް ތިމާ އެންމެ އަރާމުގައި ދުނިޔޭގައި އުޅުމަށް ކިތަންމެ ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް އެކަން އެއީ އެއްވެސް ޚަރަދަކަށް ނުވެއެވެ. 

އަގުބޮޑު ތަކެތި ހޯދައިގެން އަރާމުގައި ދުނިޔޭގައި އުޅޭ ކޮންމެ މީހަކުވެސް މަރުވުމަށްފަހު އެންމެ ބޮޑަށް ހިތާމަކުރާނީ އެގޮތަށް އެކަންތައް ކުރެވުނީތީއެވެ. އެތަކެތި ގަންނަން ހޭދަކުރި ފައިސާ ޞަދަޤާތް ނުކުރެވުނީތީއެވެ. ނަމަވެސް އެއިރު ވަގުތު އޮންނާނީ ފާއިތުވެފައެވެ. 

ތިބާގެ ގަނޑުވަރެއް ފަދަ ގެއަށް ކަންކަމު އެދިގެންދާ މީހުންނަށް ބީރުކަންފަތެއްދީ އެމީހުން ބެލްޖެހީމާ އަޑިނާހާ މީހުން ވިސްނައިލާށެވެ! ޤިޔާމަތް ދުވަހު ތިބާއަށް ސުވަރުގޭގެ ދޮރުކޮޅުގަ ޓަކިޖެހޭނެހެއްޔެވެ؟ ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދިގެން ކުރާ އާދޭހުގެ އަޑު ﷲ ތަޢާލާ އައްސަވައި ވޮޑިގަންނަވާނެހެއްޔެވެ؟ 

- ޑރ. ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން

މިއަދު އޮންލައިން