އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ﷲ ބޭނުންފުޅުވެވޮޑިގެން ނުވާއިރު ކަންކަން ޝަރުޠުކޮށް ނަދުރު ބުނަނީ ކީއްކުރަން؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ﷲ ބޭނުންފުޅުވެވޮޑިގެން ނުވާއިރު ކަންކަން ޝަރުޠުކޮށް ނަދުރު ބުނަނީ ކީއްކުރަން؟: މުފްތީ މެންކް

ބައެއް މީހުން އެބަ ބުނެއެވެ. "ތިމަން އަޅާއަށް ޖެހިފައިވާ މިބަލިން ސަލާމަތްކުރައްވަވައިފިނަމަ ޚަތިމެއް ކުރާނަމެވެ." 

އެމީހާ ޚަޠިމެއް ކުރިނަމަވެސް ނުކުރި ނަމަވެސް އެކަމުން ﷲ ތައާލާއަސް ލިބިވޮޑިގަންނަވާނެ އެއްވެސް ކަމެއް ނެތެވެ. ކިޔަވައިފިނަމަ ފައިދާ ކުރާނީ އެމީހަކަށެވެ. ނުކިޔެވުމުން ލިބޭ ކަމެއްވެސް ލިބޭނީ އެމީހަކަށެވެ. ވީއިރު އެކަން ﷲ ތަޢާލާ އާއި ގުޅުވަންވީ ކީއްކުރަން ހެއްޔެވެ؟ 

ހަމަ އެގޮތަށް ބައެއް މީހުން އެބަ ނަދުރު ބުނެއެވެ. ތިމަންނާގެ ދަރިފުޅު އިމްތިޙާނުން 1 ވަނަ ދަރަޖައިގައި ފާސްވެއްޖެ ނަމަ ﷲ ތަޢާލާއަށްޓަކައި މިވެނި ކަމެއް ކުރާނަމެވެ. މިވެނި އެވެނި ހެޔޮ އަމަލުތަކެއް ކުރާނެއެވެ. އަދި ބައެއް މީހުން އެމީހުންގެ އިމްތިހާނުން ފާސްވަން އެދިގެން ވެސް މިފަދަ އިބާރާތުން ނަދުރު އެބަ ބުނެއެވެ. 

މިބަޔާން ކުރި ފަދަ އިބާރާތަކުން ނަދުރު ބުނެފިނަމަ ޖަވާބުގައި ﷲ ތައާލާ "ތިމަން ﷲ ތިބާގެ ކިބައިން އެއްވެސް ކަމެއް ބޭނުން ފުޅުވެވވޮޑިގެން ނުވަމެވެ. ތިބާ ފޭލްވާށެވެ!" ވަޙީކުރައްވަވައިފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ވީމާ މިކަންކަމަށް ވިސްނައިލާށެވެ! 

ރަނގަޅަށް ވިސްނާށެވެ! އެއްވެސް ދެވަނަ ފަރާތަކުން ﷲ ތަޢާލާ އެއްވެސް ކަމަކަށް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. ﷲ ތައާލާ ވަނީ ހުރިހާ ކަމަކުން ފުދިވޮޑިގެންނެވެ. ވީމާ އެހެން މީހުންގެ ކިބައިން ކަންކަމަށް ބޭނުންވެގެން ތިބޭ މީހުންނާއި ﷲ ތަޢާލާ އާއި އެއް ދަރަޖައަކަށް ވައްޓައިލަނީ ހެއްޔެވެ؟ ސުބްހާނަﷲ! 

އެއްވެސް ކަމަކަށް އެދި ﷲ ތައާލާއަށް ދަންނަވާއިރު އެއްވެސް ކަމެއް ޝަރުޠު ނުކުރާށެވެ! އެއީ ކޮށްގެންވާނެ، ކުރެވޭނެ ކަމެއް ނޫނެވެ. މިފަދަ އިބާރާތްތަކުން ބުނުން އެއީ މަކްރޫހަކަމެއް ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. އަދި އެފަދަ އިބާރާތުން ބުނެއުޅެނީ ކަންކަން ކުރަން ބޭނުން ނުވާ މީހުން ކަމަށްވެސް ބަޔާން ކުރައްވަވައެވެ. ޢިލްމުވެރިން އެގޮތަށް އެވިދާޅުވަނީ މިމޭރުމުން ރަސޫލް (ﷺ) ކުރައްވަވާފައިވާ ޙަދީޘްފުޅު ޞަޙީޙް ބުޚާރީގައި ބަޔާންވެގެންވާތީއެވެ. 

ވީމާ ﷲ ތަޢާލާއަށް ދަންނަވާށެވެ! "މިއަޅާ މިވެނި ހެޔޮ އަމަލެއް ކޮށްފީމެވެ. މިއަޅާ އިމްތިހާނުން ފާސްކޮށްދެއްވެވުން އެދި ދަންނަވަމެވެ." މިގޮތަށް ދުޢާކުރާއިރުވެސް ސަމާލުކަން ދޭން ޖެހޭނެ ކަމެއް އެބައޮތެވެ. ދުޢާކުރުމާއިއެކު އިމްތިހާނުން ފާސްވުމަށް ނުވަތަ ތިމާ އެދޭ ކަންތައް ޙާޞިލުކުރުމަށް އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ގަދައަޅައި ކުރަން ޖެހޭނެއެވެ. ދުޢާކުރަން ޖެހޭނީ ސަބަބުތަކުގައި ހިފަހައްޓައިގެން ހުރެއެވެ. 

މިސާލަކަށް ވެއްޖެނަމަ 60 ދުވަހު ރޯދަ ހިފާނެ ކަމަށް ބުނެ ނަދުރުބުނަންވީ ކީއްކުރަން ހެއްޔެވެ؟ މަސްދުވަހުވެސް މިއުޅެނީ ރޯދަ ހިފިގެންނެވެ. އެއިގެ ބަދަލުގައި 3 ދުވަހު ރޯދަ ހިފުން ކީއްހެއްޔެވެ؟  ރޯދަ ހިފުމަށްފަހު ތިމާ އެދޭކަންކަމުގެ ވާހަކައިން ދަންނަވަންވީ ނޫންހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން