ޢަރަފާތު ދުވަސް އައިސް ޖެހިއްޖެ! ދުޢާ ކުރުމުގަ ހިމެނުން މުހިންމު ބައެއް ކަންކަން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ޢަރަފާތު ދުވަސް އައިސް ޖެހިއްޖެ! ދުޢާ ކުރުމުގަ ހިމެނުން މުހިންމު ބައެއް ކަންކަން-: މުފްތީ މެންކް

ޛުލްޙައްޖު މަހުގެ ފުރަތަމަ ދިހައިގެ ދުވަސްތައް ފާއިތުވަމުން ގޮސް އެންމެ މާތް ދުވަސްކަމުގައިވާ ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަސް އަހަރެމެންނާއި ބައްދަލުކުރަން އެންމެ ދުވަހަކަށް ގާތްވީއެވެ. މިދުވަސްތަކުގައި ޚާއްޞަކޮށް ޢަރަފާތު ދުވަހު ގިނަ ބައަކު އެކިއެކި ބޭނުންތަކުގައި ދުޢާކުރާނެއެވެ.

އެހެންކަމުން ބައެއް ކަންކަން ދުޢާކުރާއިރު ސަމާލުކަންދޭންވީ ބައެއް ކަންކަން މިފުރުޞަތުގައިވެސް ހަނދާންކޮށްލައި ދޭނަމެވެ.

ގިނަ ބެލެނިވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮންނަނީ އެމީހުންނަށް ލިބޭ ދަރިން ބަސް ޤަބޫލުނުކުރުމުގެ މައްސަލައެވެ. މިއީ މިއަދު ހަމަ ވަރަށް ޢާންމު މައްސަލައެކެވެ. އެހެންކަމުން އެކަމުގައި އެންމެ ފުރަތަމަ ވެސް ބަލައިލަންވީ އެމީހަކަށް އިހްމާލްވެވިފައިވާ މިންވަރަށެވެ.

ބައެއް ބެލެނިވެރިން ބުނާ ގޮތުން އެމީހުން ދަރިން ބަލަހައްޓަނީ ވަރަށް ރަނގަޅަށެވެ. ކަންކަން ކޮށްދެނީވެސް ހަމަ ވަރަށް ރަނގަޅަށެވެ. އެހެންކަމަށްވީނަމަވެސް ވަރަށް ގިނަ ބެލެނިވެރިންގެ ވަރަށް ބޮޑު އިހްމާލެއް އޮވެއެވެ. އެއީ ދަރިންނަށްޓަކައި ހެޔޮ ދުޢާނުކުރެވޭ ކަމެވެ.

ހަމައެފަދައިން އަހަރެމެންގެ ތެރެއިން ވަރަށް މަދުމީހަކަށް ނޫނީ ދުޢާ ކުރެވެނީ ހަމައެކަނި ތިމާއަށް ނުވަތަ އެމީހެއްގެ އަނބިދަރިންނަށް ރަނގަޅުގޮތް މިންވަރުކުރެއްވެވުން އެދިގެންނެވެ. މައިން ބަފައިންގެ މަތިން ހަނދާން ހުންނަނީވެސް ވަރަށް މަދު މީހެކެވެ.

މިއީ އެއްވެސް ޙާލެއްގައި މިކަން ކުރަން އޮތް ގޮތެއް ނޫނެވެ. ކުރާ ކޮންމެ ދުޢާއެއްގައިވެސް އަނބިން/ފިރިން، ދަރިން މައިންބަފައިންނާއި އަދި ވީހައި ގިނަ ބައަކު ހިމަނަންވާނެއެވެ. މުޅި އުންމަތްވެސް ހިމަނަންވާނެއެވެ.

މިފަދަ ކޮންމެ ކަމަކަށް ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ ގޮތް ބަލާށެވެ! ޚާއްޞަކޮށް އިބްރާހީމްގެފާނު ދުޢާކުރެއްވެވި މަގު ވިސްނާށެވެ. އިބްރާހީމް ސޫރަތް މާނައާއިއެކު ކިޔާށެވެ.

ކީރިތި ޤްރުއާނުގައި އެކަން އެގޮތަށް ކުރުމަށް ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިއެވަނީ މަތިވެރި ސަބަބެއް އޮތުމުންނެވެ. "މި ޤްރުއާނަކީ (އެންމެހާ) މީސްތަކުންނަށް އެއިން އިންޒާރު ކުރެއްވުމަށްޓަކައި އޮތް އެންގެވުމެކެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، އެއްކައުވަންތަ ކަލާނގެކަން އެއުރެން ދެނެގަތުމަށާއި، އަދި ބުއްދީގެ އަހުލުވެރިން ނަޞޭޙަތް ލިބިގަތުމަށްޓަކައެވެ." (އިބްރާހީމް: 52)

ދުޢާކުރުމުގައި ހަމައެކަނި އަމިއްލަ ބޭނުންތައް ހިމެނުމަކީ ދަހިވެތި މީހުންގެ ސިފައެކެވެ. ދީލަތި މީހުންގެ ގޮތަކީ ވީހައި ގިނަބައަކު ހިމަނައިގެން، ޚާއްޞަކޮށް ތިމާގެ އަހުލުވެރިން ހިމަނައިގެން ދުޢާކުރުމެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން