އަނިޔާ ލިބޭ މައިން މާޔޫސްނުވާށެވެ! ދަރިންވެސް ބައިވެރިކޮށްގެން ދުޢާކުރުމުން ޢިޖާބަ ކުރެއްވެވުން އަވަސްވެ ރަޙްމަތް ލައްވަވާކަމުގެ ހެކި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 42ސ
އަނިޔާ ލިބޭ މައިން މާޔޫސްނުވާށެވެ! ދަރިންވެސް ބައިވެރިކޮށްގެން ދުޢާކުރުމުން ޢިޖާބަ ކުރެއްވެވުން އަވަސްވެ ރަޙްމަތް ލައްވަވާކަމުގެ ހެކި-

"އަޅުގަނޑުގެ ފިރިމީހާ މިހާރު ބޭނުންވެގެން އުޅެނީ ޒުވާން، ރީތި އަނހެނަކާއި ކައިވެނިކުރާށެވެ. އެކަމަށް އޮތް ހުރަހަކީ އަޅުގަނޑުމެންނަށް ލިބިފައިވާ 5 ދަރިންނެވެ. މިހާރަކަށް އައިސް އަޅުގަނޑަށްވެސް އަދި ދަރިންނަށްވެސް ނަފްސާނީ އަނިޔާ ކުރުމުގެ އިތުރުން ޖސްމާނީ އަނިޔާވެސް އެބަކުރެއެވެ.

މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ އަޅުގަނޑަކީ ރށެއްގެ އަންހެނަކީމެވެ. މައިންބަފައިން ވަނީ މަރުވެފައެވެ. ވަރިވެގެން ރަށަށް ދިއަ ނަމަވެސް ދިރިއުޅެވޭނެ އެއްވެސް ގޮތެއް ފެންނާކަށް ނެތެވެ. ވަންނާނެ ތަނެއްވެސް ނެތެވެ. ވީމާ އޮތް ހަމައެކަނި ގޮތަކީ ތަޅާމަރަންދެން ތިބުންތޯއެވެ؟"

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ކޮށްފައިވާ ސުވާލެކެވެ. ކިޔުންތެރިޔާ އާއި ދަރިންނަށް ކުރިމަތިވެފައިވާ ނިކަމެތިޙާލަތަށްޓަކައި ހިތާމަކޮށް ހެޔޮދުޢާކުރަމެވެ. ބުނެލަން އޮތީ ތިރީގައި މިވާ ލިޔުން ކިޔައިލާށެވެ! ﷲ ތަޢާލާ ވޮޑިގެންވަނީ ހަމައެކަނި ގެދޮރުހުރި ތަނަވަސް މީހުންނާއިއެކުގައެއް ނޫނެވެ. އަނިޔާލިބެމުންދާ މީހުންގެތެރެއިން ދުޢާކުރާ އަޅުންނާއި މާބޮޑަށް ކުއްތަންވެވޮޑިގެންވެއެވެ. އިން ޝާ ﷲ

މިލިޔުމުގައިވާފަދަ ތަނަވަސް ބޮޑުބޭބެއެއް ތިބާގެ ނެތިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ﷲ ތަޢާލާ މީހަކަށް ރަޙްމަތް ލެއްވެވުމުން ދޮރުތައް ދާނީ ހުޅުވިގެންނެވެ. ހީވެސް ނުކުރެވޭނެހައި ގިނަ ގޮތްތައް ދައްކަވާނެތެވެ. އިން ޝާ ﷲ

"އަހަރެންނަށް ފިރިމީހާ އާއި ޢާއިލާގެ ތެރެއިން އަނިޔާ ލިބެން ފެށީ 3 ދަރިން ލިބުނު ފަހުންނެވެ. ދަރިންގެ އުމުރުން 7، 5، 3 އަހަރުގައެވެ. އަހަރެން ކުރަން ފެށި ކަމަކީ އެކުދިންނާއިއެކު ނަމާދުކޮށް އެ ކުދިން ބައިވެރިކޮށްގެން ދުޢާކުރުމެވެ. އެ ހާލަތު ބަދަލުކޮށްދެއްވަވާތޯއެވެ!

އެގޮތަށް ދުޢާ ކުރަމުން ގެންދާތާ އަހަރެއްހައި ދުވަސްފަހުން ބޮޑު ބޭބެ އަހަރެންނާއި ބައްދަލުކުރަން އައި ދުވަހަކު އަހަރެންގެ ހިތުގެ އުދާސްތައް ބޭރުކުރުމުގެ ފުރުޞަތު ލިބުނެވެ. އަހަރެންގެ މޫނުމަތީގައި ފިރިމީހާ ޖެހިތަނެއް ދުޅަވެފައި ހުރުމުން ސުވާލުކުރުމުންނެވެ. އެއިރުވެސް އަޅަމުން ދިއަ ވޭން ގަދަކަމުން ކެތް ނުކުރެވިގެން ހުރިހާ ވާހަކަތަކެއް ބޮޑު ބޭބެއަށް އެދުވަހު ކިޔައިދިނީމެވެ.

ބޮޑުބޭބެ ގޭގައި ހުއްޓައި ފިރިމީހާ އައުމުން ބޮޑުބޭބެ ފުރަތަމަ ވެސް ސުވާލުކުރީ އަނބިމީހާގެ ކުށަކީ ކޮބައިތޯއެވެ؟ ގޯސްކޮށް ކުރަނީ ކޮން ކަމެއްތޯއެވެ؟ އޭނާއަކަށް ޖަވާބެއް ނުދެވުނެވެ. ދެވޭނެ ޖަވާބެއް ނެތުމުންނެވެ. އަހަރެންގެ އެއްވެސް ކުށެއް ދެއްކެން ނެތުމުންނެވެ. ފިރިމީހާ އެއްވެސް ޖަވާބެއް ނުދިނުމުން އަހަރެން އަމިއްލައަށް ޖަވާބު ދިނީމެވެ.

"އަހަރެންގެ ކުށަކީ އަހަރެންނާއި 3 ދަރިން ތިބުމުން ރަމީޒަށް އޭނާގެ މުއްސަނދި ބޮޑުދައިތަގެ ދަރިފުޅާއި ކައިވެނިކުރެވެން ނެތުމެވެ. ރަމީޒް އާއި ޢާއިލާއިން ބޭނުންވަނީ އަހަރެމެން 4 މައިން ދުނިޔެއިން ވަކިކޮށްލުމެވެ. ބަޑިޖަހައި ނުވަތަ ޒަހަރު ދީ މަރައި ނުލެވިގެން އުޅެނީ ކޮން ކަމަކަށް ބިރުން ކަމެއް ނުއެނގެއެވެ."

ބޮޑުބޭބެ ރަމީޒުގެ ކިބައިން އެދުނީ އަވަހަށް އަހަރެން ވަރިކޮށްދިނުމަށެވެ. އަދި 3 ދަރިންވެސް ހަވާލުކުރުމަށެވެ. ރަމީޒު އަނގައިންވެސް ނުބުނެ ހުއްޓައި ލިޔުމެއް ލިޔެ އަހަރެމެން 4 މައިންގެ ހުރިހާ ޒިންމާއެއް ނަގާނެކަމުގެ ޔަޤީންކަން ދިނެވެ. ކޯޓަށް ދެއްކުމަށް އިނގިލީގެ ނިޝާންވެސް ޖަހައިދިނެވެ.

ރަމީޒް ވަރިކުރުމުން ބޮޑުބޭބެ ދިއައީ އަހަރެމެން 4 މައިން ގޮވައިގެންނެވެ. ބޮޑުބޭބެގެ ގެއަށެވެ. ބޮޑުބޭބެ އަކީ ތަނަވަސް މީހެކެވެ. ދަރިއަކު ނުލިބޭ މީހެކެވެ. އެދުވަހުން ފެށިގެން އަހަރެން ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ. ތަނަވަހުގައެވެ. ޢިއްދަ ހަމަވިފަހުން އިތުރު ކައިވެންޏެއް ކުރީ ވެސް ބޮޑުބޭބެ ދެއްކި މީހަކާއިއެވެ. އެމީހާއަކީ ވަރަށް ހެޔޮ ލަފާ ތަޤްވާވެރިއެކެވެ. ބޮޑުބޭބެ މިހާރު ވަނީ އޭނާގެ މުދަލުން ދެބައިކުޅަ އެއްބައިވެސް އަހަރެމެންނަށް ދީފައެވެ. އުފަލުގައި ދިރިއުޅެވޭނެ ގޮތް ހަދައިދީފައެވެ."

ނުބައި މީހަކާއިއެކު ނުވަތަ ބައަކާއިއެކު ދިރިއުޅެން ޖެހިފައިވީނަމަވެސް އުންމީދު ކަނޑާލައި ޙަޔާން އޮޔާ ނުލާށެވެ! އެއީ ދިރިއުޅެން މަޖުބޫރުވެފައިވާ ޙާލަތެއް ނަމަ ކެތްތެރިވާށެވެ. ކެތްތެރިވެ ހުރެ ﷲ ތަޢާލާ އަށް ދުޢާކުރުން ގިނަ ކުރާށެވެ! އެ ޙާލަތުން ސަލާމަތް ވެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވާނެތެވެ!

ބައެއް ފަހަރު ޢާއިލީ ދިރިއުޅުމުގެ ތެރެއިން ވެސް މިފަދަ ކަންކަން ފެނިދާނެއެވެ. ދަރިން ލިބޭ ފަހުން ވެސް މައްސަލަތައް ކުރިމަތިވެދާނެއެވެ. ނަމަވެސް މާޔޫސްވެ އަވަސްވެ ނުގަންނާށެވެ! ކެތްތެރިކަން އިސްކުރާށެވެ! ވިސްނުންތެރިކަމާއިއެކު އަމަލުކުރާށެވެ! ޙިކުމަތްތެރިއަކަށްވާށެވެ!

ތިމާ އަޅާ ފިޔަވަޅަކީ ލިބިފައި ތިބި ދަރިންނަށް އެ ފިޔަވަޅެއްގެ ސަބަބުން ގެއްލުން ލިބިދާނެ ފިޔަވަޅެއް ނަމަ މާ ބޮޑަށް ވިސްނަންވާނެއެވެ! މިސާލަކަށް ބައެއް ފަހަރު ފިރިމީހާ ނުބައިވުމުން ނުވަތަ ޢާއިލާގެ ލިބޭ އަނިޔާއަށް ކެތް ނުކުރެވިގެން ބައެއް އަންހެނުން ވަރަށް ކުއްލި ނިންމުންތައް އެބަ ނިންމައެވެ. ވިސްނައިލަންވީ އެހިސާބުން ދަރިންނަށް ކުރިމަތިވެދާނެ ކަންކަމަށެވެ. ދަރިން އެ އަނިޔާވެރިންގެ އަތްމައްޗަށް ދޫކޮށްލަން ހެޔޮ ވެދާނެ ހެއްޔެވެ؟ ދަރިން ގޮވައިގެން ހިނގައްޖެ ނަމަ ބެލޭނެ ހެއްޔެވެ؟ މި ދެ މައްސަލައަށް ވަރަށް ބޮޑަށް ވިސްނަން ވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން