ދަރިންނަށް ޚަރަދު ނުކުރާނަމަ ތަނަވަސް މީހުންވެސް ބަގުރޫޓުވެ ސަލާންޖަހަން ޖެހޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ދަރިންނަށް ޚަރަދު ނުކުރާނަމަ ތަނަވަސް މީހުންވެސް ބަގުރޫޓުވެ ސަލާންޖަހަން ޖެހޭ

ކައިވެނި ރޫޅުމަކީ ޢާންމުކަމެކެވެ. އަދި ދަރިން ލިބުމުން ނުބަލައި ދޫކޮށްލުމަކީވެސް ޢާންމުކަމެކެވެ. ނަމަވެސް ޚާއްޞަ ކަމަކީ އަނބިދަރިން އުކައިލާ މީހުންނަށް އުފަލުގައި ދިރިނުއުޅެވޭ ކަމެވެ. ޙަޔާތުގެ ކޮންމެވެސް ހިސާބަކުން އެކަމުގެ ހިތާމަކުރަންޖެހޭ ކަމެވެ. 

އަޅުގަނޑަކީވެސް އެންމެ ޒުވާން އުމުރުގައި، އެންމެ 23 އަހަރުގައި ކައިވެނިކުރި އަންހެނަކީމެވެ. ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބުނެވެ. ދަރިފުޅުގެ ފުރަތަމަ އުފަންދުވަސް ފާހަގަކުރެވުނުތާ މަސްދުވަސްނުވަނީސް ފިރިމީހާ އަޅުގަނޑުމެން ދެމައިން ދޫކޮށްލާފައި ހިނގައްޖެއެވެ. 

އެހިސާބުން ދަރިފުޅުގެ ހުރިހާ ކަމެއް ކުރަންޖެހުނީ އަޅުގަނޑަށެވެ. އެންމެކުޑަމިނުން ދަރިފުޅުގެ ޙާލުވެސް ބަލައިނުލައެވެ. ހުރިހާ ކަމެއްކުރަންޖެހުނީ އަޅުގަނޑުގެ މުސާރައިންނެވެ. ނަމަވެސް ޝަކުވާއެއް ނުކުރަމެވެ. ޚަރަދު ހޯދާކަށްވެސް ނުއުޅެމެވެ. އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދަރިންނަށް ޚަރަދުކުރަންޖެހޭނީ ކޯޓުއަމުރެއްގެދަށަކުން ނޫނެވެ. ﷲ ތަޢާލާ އެކަމަށް އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. 

ކޮންމެއަކަސް ދަރިފުޅުގެ އުމުރުން 4 ވަނަ އަހަރު ދަރިފުޅުގެ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށްދާން ޖެހުނެވެ. އެކަމަށް ބޭނުންވާވަރަށް އަތުގައި ފައިސާ ނެތުމުން އޭނާއަށް ގުޅުމުން ދިން ޖަވާބަކީ "މިވަގުތު އަތަކު ފައިސާއެއް ނެތެވެ. މިއުޅެނީ މާބޮޑަށް ވިޔަފާރިއަށް އިންވެސްޓްކުރެވިގެންނެވެ. އަތުގައި ހުރި ހުރިހާ ފައިސާއެކުގައެވެ." 

ބޭނުންވާ ފައިސާ ހޯދަން މަސައްކަތްކުރަމުން ދަނިކޮށް މާތް ﷲ ގެ ރަޙްމަތްފުޅުން ދަރިފުޅަށް ޝިފާ ލިބުނެވެ. ދަތުރުކުރަން ނުޖެހި ކަންކަން ހަމަޖެހިއްޖެއެވެ. 

ދަރިފުޅުގެ ޢުމުރުން 10 އަހަރު ފުރުނުތަނާ އެއް ދުވަހަކު ގެއާއި ވަރަށް ކައިރިން އޭނާ އާއި ބައްދަލުވިއެވެ. "އަހަރެންނަށް މާފުކުރާށެވެ. އަހަރެންނަށް ކުރެވުނު ކުށް ވަރަށް ބޮޑުކަމަށް ޤަބޫލުކުރަމެވެ. މާފުކުރަން ވަރަށް އުނދަގޫވާނެކަންވެސް އެނގެއެވެ. ނަމަވެސް އަދިވެސް ކައިވެނި ނުކޮށް ތިއަހުރީ ކޮންމެވެސް ކަމެއްވެގެންކަން ޤަބޫލުކުރަމެވެ. އަހަރެން ބަނގުރޫޓުވެއްޖެއެވެ. ބޭންކް ލޯނު ނުދެއްކިގެން ގެވެސް ނީލަންކިޔައިފިއެވެ. އެއީ އިއުލާނުކޮށްގެން ކުރިކަމަށްވާތީ އެކަން އެނގޭނެކަންވެސް އެނގެއެވެ. މިއަދު މިހުރީ ފަޤީރު ޙާލުގައި މަގުމަތިވެސް ވެފައެވެ." 

އަޅުގަނޑު ބުނީމެވެ. "އަހަރެންގެ ހުރިހާ ލޯތްބެއް ދަރިފުޅަށް އިންވެސްޓްކޮށްފީމެވެ. ބާކީއެއް ނެތެވެ." އެެހެން ބުނެފައި ހިނގައި ގަތުމުން އެއީ ކާކުތޯ ދަރިފުޅު ސުވާލުކުރުމުން ފުރަތަމަ ފަހަރަށް ދަރިފުޅުގާތު ދޮގުހެދުނެވެ. "އެއީ ކާކުކަމެއް ނުއެނގެއެވެ! ހީވަނީ ސަލާންޖަހާ މީހެއް ހެންނެވެ." 

މިކިޔައިދިނީ އަޅުގަނޑަށް އެނގުނު ވާހަކައެކެވެ. ދަންނަވަން އޮތީ މިހާދިސާ އާއި ވަރަށް އެއްގޮތް ކަމެއް ހަމަ އަޅުގަނޑަށްވެސް ކުރިމަތިވިކަމެވެ. އަޅުގަނޑަށްވެސް ދެވުނީ ހަމަ އެފަދަ ޖަވާބެއް ކަމެވެ. 

- ރާމިޒާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން