ބައެއް މީހުން ނަމާދުކުރާއިރު ސަޖިދަކުރަނީ އިމާމް މީހާ ސަޖިދަކުރާތީއެވެ. ތަކްބީރުގެ އަޑުއިވުމުން ސަޖިދަކުރާތީއެވެ. ހަމައެފަދައިން ބައެއް މީހުން އެކަނި ނަމާދުކުރާއިރުވެސް ސަޖިދަކުރަނީ އެފަދަގޮތަކަށެވެ. ކުރަންޖެހޭކަމަކަށްވާތީ ކޮށްލަނީއެވެ.
މިފަދަ ގޮތްގޮތަށް ކުރާ ސަޖިދައަކަށްނުވާނެއެވެ. ސަޖިދަ ސަޖިދައަކަށްވާނީ މިކުރަނީ ކޮންކަމެއްކަން ހިތްމައްޗަށްގެނެސް ބިރުވެތިކަމާއިއެކު ކުރުމުންނެވެ. އެހެނީ ސަޖިދަކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ:
- މީހާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ޢަމަލެވެ.
- އެއީ މީހާ އެންމެ ބޮޑަށް ބިރުވެތިކަމާއިއެކު ކުރަންޖެހޭނެ ޢަމަލެވެ.
- އެއީ މީހާ އެންމެ އުންމީދާ ޔަޤީންކަމާއިއެކު ކުރަންޖެހޭނެ ޢަމެލެވެ.
އެއީ ކީއްވެގެންހެއްޔެވެ؟ އެއީ ތިމާ 7 ގުނަވަންމަތީގައި މިކުރާ ކަމަކީ ތިމާ އުފައްދަވައި ހުރިހާ ނިޢްމަތްތައް މިންވަރުކުރައްވަވާ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވުންކަމުގައިވާތީއެވެ. ސަޖިދައިކުރާ އަސްތަޣްފާރާއި ދުޢާ ބިމަށްވަދެގެން ދިއުމުގެ ބަދަލުގައި 7 ވަނަ އުޑުގެމަތީގައި ވޮޑިގެންވާ ﷲ ތަޢާލާގެ ޙަޟްރަތަށް ވަގުތުން އުފުލިގެންދާތީއެވެ. އެދުޢާ ޢިޖާބް ކުރެއްވެވުމަށް އެދޭތީއެވެ.
ވީމާ ކޮންމެ ސަޖިދައެއް ކުރުމުގެ ކުރިންވެސް މިކުރަނީ ކޮންކަމެއްކަން ހިތްމައްޗަށް ގެނެސް ބިރުވެތިވާންވާނެއެވެ. ސަޖިދަކުރަންވާނީ ވެއްޓިގަންނަ ގޮތަކަށް ނޫނެވެ. މަޑުމަތިރިކަމާއި ކިޔަމަންތެރިކަމާއިއެކުގައެވެ. ސަޖިދައިގައި އޮވެ ދަންނަވާ ދެންނެވުންތައް ދެންނެވިކަމަށްވާނީ މިބުނި ކަންކަމަށް ސަމާލުކަން ދިނުމުންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން