މިއަދު ކުރަން އެންމެ ފައިދާހުރި ހިޖުރަ‍ ‍-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
މިއަދު ކުރަން އެންމެ ފައިދާހުރި ހިޖުރަ‍ ‍-

މިއަދަކީ އިސްލާމީ ކަލަންޑަރުން އައު އަހަރެއް ފެށޭ ދުވަހެވެ. ހިޖުރީ އައުއަހަރެއް ފެށޭ ދުވަހު ކުރަން އޮތް އެންމެ ރަނގަޅު ހިޖުރައަކީ ކޮބައިކަމާއިމެދު ވިސްނައިލާއިރު ފާހަގަކުރެވޭ ކަންކަން ވަރަށް ގިނަވެދާނެއެވެ. އަހުރެން މިބަޔާންކުރަނީ އަހުރެންގެ ވިސްނުމެވެ.

މިއަދު ކުރަން އޮތް އެންމެ މުހިންމު ހިޖުރައަކީ ފަރުޟު 5 ނަމާދު ޖަމާޢަތުގައި އަދާއަށް ކުރާ މީހަކު ކަމުގައިވުމުގެ ހިޖުރައެވެ. ހިޖުރަކުރަންވީ ނަމާދަށް ފަރުވާ ކުޑަކުރެވޭ މީހެއްގެ މަޤާމުން ނަމާދަށް ފަރުވާތެރިވާ މީހެއްގެ މަޤާމަށެވެ. އެހެނީ ނަމާދަށް ފަރުވާކުޑަކުރުމަށްފަހު ދެން ކުރާ ކަންކަމުގައި ނުފެންނާނެތީއެވެ.

މިވަހަކަކޮޅު ދައްކަން މިޖެހެނީ އެންމެ ގިނަބައަކަށް ޖެހިފައިވާ އެންމެ ނުބައި ބައްޔަކީ ނަމާދަށް ފަރުވާކުޑަކުރެވުން ކަމުގައިވާތީއެވެ. އަދި ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ސުވާލުކުރައްވަވާނީ ނަމާދާއިމެދުގައިކަމަށްވާތީއެވެ.

ބައެއް މީހުން ނަމާދު ނުކުރެވުމުން އެހެން މީހުން ކުށްވެރިކުރެއެވެ. ޙާލަތުވެސް ކުށްވެރި ކުރެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެހެނީ ނަމާދު ފަރުޟް ކުރެއްވެވީ ކުރަން ޖެހޭ މީހާއަށެވެ. ނަމާދު ކުރުމަކީ އެމީހެއްގެ މަސްއޫލިއްޔަތެކެވެ.

ވަރަށް ބޮޑު މަޖުބޫރީ ހާލަތެއް ނެތް ނަމަ ބަންގި ގޮވުމުން އަވަހަށް އިޖާބަދޭށެވެ! ރައްޓެއްސަކާއިއެކު ނުވަތަ ރައްޓެހިންނާއިއެކު ނަމާދު ވަގުތު ހޭދަކުރުމަށްފަހު ރައްޓެހި މީހާ ކުށްވެރިއެއް ނުކުރެވޭނެއެވެ. ވަޒީފާގެ ގޮތުން މަޖުބޫރުވާނަމަ ޖަމާޢަތަށް ނުދެވުނު ނަމަވެސް ނަމާދު ވަގުތު ނިމުމުގެ ކުރިން ނަމާދުކުރުމަކީވެސް ހަމަ އެމީހެއްގެ އަމިއްލަ ފަރުދީ ޒިންމާއެކެވެ.

ނަމާދުކުރަން ގިނަ ބައަކު ފޭލްވަމުން މިދަނީ ނަމާދުގެ އަގުވަޒަން ނުކުރެވޭތީއެވެ. ނަމާދުކުރުމުގެ މުހިންމުކަން ހިތަށް ނުގެނެވޭތީއެވެ. ނަމާދަކީ ތިމާގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމުގައި ޤަބޫލުކުރެވޭ ނަމަ ހަމަ އެއްވެސް މީހަކު ނަމާދެއް ނުއަޅާނެއެވެ. ކިތަންމެ ހަނި ދޭތެރެއަކުން ޖާގަ ހޯދައިގެން ނަމަވެސް ނަމާދުކުރާނެއެވެ.

ވިސްނަންވީ ކަމަކީ ނަމާދު ނުކުރާ މީހާއަކީ އާޚިރަތް އެދޭ މީހެއް ނޫން ކަމެވެ. އާޚިރަތް ނޭދޭ މީހާއަކަށް އާޚިރަތެއް ނުލިބޭނެ ކަމެވެ!

ނަމާދު ކުރުން ނޫން ނަމަވެސް ތިމާގެ ޙަޔާތުގެ ކަންކަމުގައި އެހެން މީހުން ކުށްވެރިކުރާނަމަ އެމީހަކީ ތަޝައްރަފް ނުފުދޭ މީހެކެވެ. އެހެނީ ކޮންމެ މީހަކީވެސް އެމީހެއްގެ ޙަޔާތުގެ ކަންކަމުގެ ޒިންމާ އަމިއްލައަށް އުފުލަން ޖެހޭނެ މީހެއް ކަމެވެ. އެމީހަކު ޒިންމާ އުފުލަން ނުޖެހޭނީ ހަމައެކަނި އެމީހާގެ މައްޗަށް މީހަކު ނުވަތަ ބައަކު ގަދަވެ ގަނެގެން ގަދަކަމުން ކުރުވާ ކަންކަމުގެއެވެ.

އެހެންކަމާއިއެކުވެސް ބައެއް މީހުން އެމީހުންގެ އަމިއްލަ އިޚްތިޔާރުގައި ކަންކަން ކުރުމަށްފަހު އެހެން މީހަކު ނުވަތަ ބައަކު އެބަ ކުށްވެރިކުރެއެވެ. އެއީ ކިހިނަކުން ބަލައިގަނެވޭނެ ކަމެއް ހެއްޔެވެ؟

އެހެންކަމަށްވާނަމަ އެކަމުން އެނގިގެންދަނީ އެމީހަކީ އެއްވެސް ހަރުދަނާ ކަމެއް ނެތް މީހަކު ކަމެވެ. އެމީހާ ދުނިޔޭގައި އުޅެނީ އެމީހާގެ އަމިއްލަ ބާރުގައި ނޫން ކަމެވެ. އެމީހާގފެ ކޮންޓްރޯލް އޮތީ އެހެން މީހެއްގެ އަތުގައި ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން