ފުރަތަމަ ފަތިސް ނަމާދެވެ. މިސްކިތުން ފޭބުނީ ޞުޙާ ނަމާދުވެސް ކޮށްގެން ފޭބި ޒުވާންކުދިންކޮޅަކާއިއެކުގައެވެ. އެކުދިން ބުނީ މިއީ ހިޖުރީ އައު އަހަރެއްގެ ފެށުން ރަނގަޅު ގޮތަކަށް ފެށުން ކަމަށެވެ.
"އަހަރެމެން އަބަދުވެސް ނަމާދުކުރަން. މިރޭ މިކުރިކަމަކީ އެންމެ ހެޔޮގޮތުގަ ހިޖުރީ އައުއަހަރާއި ކުރިމަތިލުމަށްޓަކައި މަސައްކަތް ފެށުން. ފުރަތަމަ ކަމަކަށް މިކުރީ ފަތިސްނަމާދު ޖަމާޢަތުގަ. ދެން އިތުރު ގަޑިއެއްހާއިރު މިސްކިތުގަ މަޑުކޮށްލައި ޙައްޖަކާ ޢުމްރާއެއްގެ ޘަވާބު ހޯދިއްޖެ ކަމުގެ ފޮނި އުންމީދުކުރަމުން މިސްކިތުން މިފޭބީ- މި ޕްރްގްރާމް ކޮންމެ ދުވަހަކު ކުރިއަށް ނުގެންދެވުނު ނަމަވެސް ކޮންމެ ހަފްތާއަކު 2، 3 ދުވަހު ކުރިއަށް ގެންދަން މަސައްކަތްކުރާނަން! އިން ޝާ ﷲ"
މެންދުރު ނަމާދަށް މިދެވުނީ އެހެން މިސްކިތަކަށެވެ. ކުރިން ދަރިން މިސްކިތަށް ނުގެންދާ ބައެއް ބައްޕައިން އެމީހުންގެ ދަރިން މިސްކިތުގެ ޖަމާއަތަށް ގެންދިއަ ސަބަބާއިމެދު ސުވާލުކުރުމުން ބުނީ "ކުރީގެ ޙާލަތުން މިހާރުގެ ޙާލަތަށް ހިޖުރަކުރީ" ކަމަށެވެ. މާނައަކީ ދަރިން މިސްކިތަށް ގެންދިއުމުގައި ކުރިން އިހްމާލްވެވުނު ނަމަވެސް ދެން އިހްމާލް ނުވާނެކަމެވެ.
ހެނދުނު ޒުވާނުން ދެއްކި ވާހަކަ އަޑުއިވުމުންވެސް އަދި މެންދުރު ބައްޕައިން އެދެއްކި ވާހަކަތައް އަޑުއިވުމުންވެސް އުފާވިވަރުވެގެންގޮސް ލޮލުން ކަރުނަ އޮހޮރުނެވެ. އެނގިގެން މިދަނީ ބައަކު ކިތަންމެ ވަރަކަށް ނުރުހުންވިނަމަވެސް މާތް ﷲ ގެ މަގަށް އަލިކޮށްދޭ ދަންމަރުތައް އިތުރުވަމުންދާ ކަމެވެ. މާތް ﷲ ވާގިފުޅާއިއެކު ރާއްޖޭގައި އިސްލާމްދީން މަތިވެރިކުރެވޭނެ ކަމެވެ. އިން ޝާ ﷲ