"ނަޞޭޙަތްދީފަ ކުރޭތޯ ބަލަން ފަހަތުން ފާރަނުލާތި" ބުނި އަޚާއަށް ބުނެލަން އޮތީ އެއްވެސް މީހަކު ނުވަތަ ބައަކު ފާރަލުމަކުން އަދި ނުލުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ލިބޭނެ އެއްވެސް ގެއްލުމެއްވެސް ނެތެވެ. ތިބާކުރާ އަމަލުތަކާ އަދި ހިތް ﷲ ދެނެވޮޑިގެންވެއެވެ.
އަޚާއެވެ! ތިބާ އާއިއެކު ﷲ ތަޢާލާ މަލާއިކަތުން ލައްވަވާފައިވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއްވެސް ޙާލެއްގައި އެއީ ތިބާއަށް ފާރަލައްވަވާކަށް ނޫނެވެ. އެއީ ތިބާ ކުރާ އަމަލުތަކާ ބުނާ ބަސްތައް ލިޔުއްވެވުމަށެވެ. ޤިޔާމަތް ދުވަހު ހިސާބުބެއްލެވުމަށެވެ.
އަދި އެވަރަކުންވެސް ފުއްދަވައެއް ނުލައްވަވަތެވެ. ތިބާއަށް ފާފައެއް ކުރެވެން އުޅޭނަމަ އެއީ ފާފައެއް ކަމާއި އެކަން ނުކުރަން ނަޞޭޙަތް ދެއްވަވާނެ މަލާއިކަތުން ވެސް ތިބާއާއިއެކު ވަނީ ލައްވަވައިފައެވެ. އެމަލާއިކަތުން ތިބާއަށް ވިސްނަވައި ދެއްވަވަން މަސައްކަތްޕުޅު ކުރައްވަވައެވެ. އެކަމުގެ އަސަރު ތިބާއަށް ނުކުރާނަމަ އެކަމުން އަންގައިދެނީ ތިބާ އާއި ޝައިޠޯނާ އާއި ގުޅި ލާމެހިފައިވާ މިންވަރެވެ.
ޤިޔާމަތް ދުވަހު ތިބާގެ ހިސާބު ބައްލަވައި ނިމުމުން ތިމާއަށް ކުރެވިފައިވާ ކުށްތައް ޤަބޫލުކުރެވޭނެއެވެ. ނަރަކައަށްދާންޖެހޭ މީހުން ނަރަކައަށްދާނީވެސް އެމީހުންނަކީ ނަރަކައަށް ވަނުން ޙައްޤުބައެއްކަން ޤަބޫލުކުރާ ޙާލުގައެވެ. ވީމާ ބިރުވެތިވާންވީ މީހަކު ފާރަލައިފާނެތީއެއް ނޫނެވެ. ތިމާއާއިއެކުގައިވާ މަލާއިކަތުން ލިޔުއްވަވަމުން ގެންދަވާ ފަތްފުށްތަކުގައި ލިޔުއްވަވާ އެއްޗެއްސަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން