ކޮންމެ ސަބަބެއް ދިމާވެގެން ނަމަވެސް ސަރުކާރު ހިންގާގޮތާ ބައަކު ދެކޮޅުވެރިވެއްޖެނަމަ ވަލިއްޔުލްއަމުރުގެ ވަހަކަދައްކައެވެ. ވަލިއްޔުލްއަމުރާދެކޮޅަށް އެއްވެސް ކަމެއްކޮށްގެން ނުވާނެކަމަށްވެސް ބުނާނެއެވެ. ނަމަވެސް ހިތާމައަކީ ރާއްޖޭގެ ކަންކަން ޣައިރުދިނާއި ދިމާއަށް ގެންދަން މިކުރެވޭ މަސައްކަތްތަކާއި ގުޅުވައިގެން ވަލިއްޔުލްއަމުރުގެ ވާހަކަ ނުދެކެވޭކެމެވެ. ވަލިއްޔުލް އަމުރު ޒިންމާ އަނގައިދޭންވެސް ޖެހިލުންވަ ކަމެވެ.
މިސާލަކަށް މަގުމަތީގައި ބަރަހަނާ ޙާލުގައި އުޅުމާއި އެހާލުގައި ތިބެ މިސްކިތަށް އެރުމާއި މިސްކިތްތަކުގައި ތަޅާފޮޅުމާއި މަގުމަތީގައި ޖިންސީއެދުން ފުއްދުން ކަންކަންކުރުން މިދަނީ އިތުރުވަމުންނެވެ. ސުވާލަކީ މައްސަލަ ބަލަނީކަމަށް ބުނުމުން ފުލުހުންގެ ދައުރު ނިމުނު ނަމަވެސް ވަލިއްޔުލްއަމުރުގެ ދައުރު ކޮބައިތޯއެވެ!
އެފަދަ ކަމެއް މަގުމަތީގައި ކުރުމުން އޮންނާނީ 2 ގޮތެކެވެ.
1 އޭނާއަކީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހަކު ނަމަ ގުރައިދުއަށް ވަގުތުން ގެންގޮސް ސަރުކާރުގެ ބެލުމުގެދަށުގައި ބެހެއްޓުން
--ޢާއިލާއިން އޭނާއާ ޙަވާލުވަން ބޭނުންވާނަމަ ޙަވާލުކުރަންވާނީ ޒިންމާ އުފުލާނެ މީހަކު ޢާއިލާގައި ހުރިނަމައެވެ. ޒިންމާ ނުއުފުލައިފިނަމަ އެމީހަކާއިމެދު ފިޔަވަޅު އެޅޭނެ ގޮތަށެވެ.
2 މަސްތުވެގެން ތިބެ ނުވަތަ ބުއްދި ސަލާމަތުން ތިބެ އެގޮތަށް ކަންކަން ކުރުން
--މިދެހާލަތުގައިވެސް އޭނާ އެކުރަނީ ޖިނާޢީ ކުށެކެވެ. އެމީހަކު ވަގުތުން ހައްޔަރުކޮށް ދައުވާކުރެވެންޖެހޭނެއެވެ. ނަމަވެސް ކަންކަން ވަމުންދަނީ އެހެނެއް ނޫނެވެ. އެންމެ ކުޑަމިނުން ވަންވޭ ދެކޮޅަށް ވެސް ރައްޔިތު ފަޤީރަކަށް ދެވިއްޖެނަމަ ބޮޑު ޖުރުމަނާއެވެ. ފައިސާވެރި ސިޔާސީ މީޙުން ވަންވޭ ދެކޮޅަށްގޮސް އެހެން މީހުންގެ ވެހިކަލްތަކަށް ގެއްލުން ދިނުމުން "އެއީ އަބަދު އޭނާ އުޅުއްވާ ގޮތެވެ!"
ރައީސް ޞާލިޙަށް ދަންނަވާލަން އޮތީ ރައްޔިތުން ވޯޓުލައިގެން ވެރިކަން ޙަވާލުކުރީ މަނިކުފާނާއިއެވެ. ވަލިއްޔުލްއަމުރަކީ މަނިކުފާނެއެވެ. ފުލުހުންގެ އަދަދު މަދުކަމާ، މަގުމަތީގައި ކެމެރާ މަދުވުމާ، ހުރި ކެމެރާ މަސައްކަތް ނުކުރުމާ ހުރި ޤާނޫނީ ހުރަސްތަކާއި އަދި ޖެންޑަރ މިނިސްޓްރީ ވާގިނެތި ކޯމާގައި އޮތުމާއި މިނިސްޓަރު ކަރަންޓީނުގައި ހުންނަވާތާ ،4 3 މަސްވުމާއި (މިނިސްޓަރު ކަރަންޓީނުން ނިމިވަދައިގަތީމަ މިއަދުނޫހާއި ބައްދަލުކުރައްވާނެކަމަށް ވިދާޅުވިތާ 3،4 މަސްވެއްޖެ. އަދި ވެސް ބައްދަލުނުވާތީ މިބަލަނީ އަދިވެސް ކަރަންޓީނުގަ ހުންނެވިކަމަށް.) މިފަދަ ޢުޒުރުތައް މަނިކުފާނަކަށް ނުދެއްކެވޭނެއެވެ.
ﷲ ތަޢާލާ މަނިކުފާނާއި ވަލިޔުލްއަމުރުކަން ޙަވާލުކުރައްވާފައިވަނީ އިސްލާމް ދީން މަތިވެރިކުރުމަށެވެ. މަގުމަތީގައާއި މިސްކިތްތަކުގައި ބަރަހަނާހާލު އުޅެން ފުރުޞަތު ދެއްވާކަށް ނޫނެވެ. ޤާނޫނީ ހުރަސްތަކާއި ޖެންޑަރ މިނިސްޓްރީ އާއި ފުލުހުންގެ ވާހަކަ ޤިޔާމަތްދުވަހަކު މަނިކުފާނަކަށް ނުދެއްކެވޭނެއެވެ. ވިސްނަވައިލައްވާށެވެ!
ރައްޔިތުންގެ ކުރިމަތީގައި ވައުދުވެވަޑައިގަތީ ފުލުހުންނަށް ދަތިކަމެއް ނެތްނަމަ، ޤާނޫނުތައް އޮމާންނަމަ، ޖެންޑަރ މިނިސްޓްރީން އެހީތެރިވެދޭނަމަ ﷲ ތަޢާލާގެ ދީން މަތިވެރިކުރައްވަންތޯއެވެ؟ އެހުރިހާ ކަމެއް ފުރިހަމަ ނަމަ ރައްޔިތުންނަށް ޚިދުމަތްކުރައްވަންތޯއެވެ؟ މިސުވާލުތަކުގެ ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާނެ ދުވަސް އޮތީ ކުރިއަށެވެ.
ފުލުހުން އަބަދުވެސް ދައްކާނީ ޖެންޑަރ މިނިސްޓްރީން އަދާކުރަންޖެހޭ ދައުރުގެ ވާހަކައެވެ. ޖެންޑަރ މިނިސްޓްރީ ދެލޯ ކަނުވެފަ ބީރުވެފަ ޕެރަލައިޒްވެފަ އޮންނާތީ ނަމަވެސް އައިސީޔޫގައި އޮތުމުން މައުލޫމާތު ނުދެވޭތީ ނަމަވެސް ރާއްޖޭގައި މިހިނގާ އެއްވެސް ކަމެއްގައި އަދާކުރަނީ ކޮން ދައުރެއް ކަމެއް ނުއެނގެއެވެ. އެނގޭ ކަމަކީ އެމިނިސްޓްރީން ބަލަހައްޓަންޖެހޭ މީހުން ބަރަހަނާ ޙާލު މަގުމައްޗަށް ނުކުތުން އިތުރުވެފައިވާ ކަމެވެ. އަދި އެނޫން މީހުންވެސް މެއެވެ.
(--މި ލިޔުމުގައިވާ މައުލޫމާތު ހަމަ މިޢިބާރާތުން މިއަދުނޫސް މެދުވެރިކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުވަން ނިންމީ ރައީސްއަށް ވަރަށް ހެޔޮއެދޭ ރައީސްގެ ވަރަށް އަރިސް އަޚުންކޮޅެކެވެ. ފޭލްވެފައިވާ މުއައްސަސާތަކަށް އެތަންތަން ފޭލްވެފައިވާ މިންވަރު އަނގައިދޭންޖެހޭތީއާއި މިޙާލަތުން ރާއްޖެ ސަލާމަތްކުރެއްވުމުގެ މަސައްކަތް ފެށްޓެވުން ލަސްކުރެއްވެން ނެތްކަން ފައުޅުކަންބޮޑު ގޮތެއްގައި ބަޔާންކުރުމަށެވެ.)