ކީރިތި ޤުރްއާނަށް "ކިތާބުﷲ" (ﷲގެ ފޮތް) މިނަމުން ނަންދެވިފައިވަނީ އެހެން ހުރިހާ ފޮތަކަށްވުރެ މަތިވެރިވުމުންނެވެ. ރަސޫލް ﷺ އަށް "ނަބިއްޔުﷲ" (ﷲ ގެ ނަބިއްޔާ) ގެ ނަންފުޅު ދެވިފައި އެވަނީ އެހެންހުރިހާ ބޭކަލުންނަށްވުރެ އިތުރުޞާޙިބާގެ ދަރަޖަ މަތިވެރިވެގެންވުމުންނެވެ. މިސްކިތްތަކަށް ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކުގެ ނަމުން ނަން ދެއްވަވާފައި އެވަނީ މިސްތްތަކުގެ މަތިވެރިކަން އެހެން ހުރިހާ ބިނާތަކަށްވުރެ މަތިވެރިކަން ބޮޑުވުމުންނެވެ.
ވީމާ މުޙައްރަމް މަހަށް "ޝަހުރުﷲ" (ﷲ ގެ މަސް) ގެ ނަމުން ރަސޫލް ﷺ ނަން ދެއްވަވާފައި އެވަނީ މުޙައްރަމް މަހަކީ އެހެން ހުރިހާ މަސްތަކަށްވުރެ މަތިވެރިކަންބޮޑު މަހަކަށްވުމުންނެވެ.
މީސްތަކުންނޭވެ! އެމަހެއްގައި އަހަރެމެން ރޯދަހިފައި ރޭއަޅުކަންކުރާ ރަމަޟާން މަހާއި އެމަހެއްގައި ޙައްޖުވުމުގެ މަތިވެރިއަޅުކަން އަދާކުރާ ޛުލްޙައްޖު މަހަށްވެސް މިފަދަ މަތިވެރި ނަންފުޅެއް ނުދެއްވަވައި މުޙައްރަމް މަހަށް އެފަދަ ނަންފުޅެއް ދެއްވަވާފައިއެވަނީ ވަރަށް ގިނަ ސަބަބުތަކަކަށްޓަކައެވެ. އެއިގެ ތެރެއިން އެއް ސަބަބަކީ މޫޙައްރަމް މަހަކީ އަހަރު ފެށޭ މަސްކަމަށްވެފައި އެމަހުގައި މީހާގެ ޢަމަލުތައް ރަނގަޅުކުރެވިއްޖެނަމަ އެހެން ހުރިހާ މަސްތަކެއްގައިވެސް ޢަމަލުތައް ރަނގަޅުކުރެވޭނެތީއެވެ. ޙުރުމަތްތެރިވެގެންވާ ދެން އޮތް 3 މަހާއި އަހަރުގެ ހުރިހާ މަސްތަކެއްގައިވެސް ޢަމަލުތައް ރަނގަޅުކުރެވޭނެތީއެވެ.
މީސްތަކުންނޭވެ! ޝަޢްބާން މަހަކީ އަހަރެމެންގެ ޢަމަލުތަކުގެ ފަތް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވާ މަހެވެ. ޝައުބާން މަހުގެ ވަރަށް މަދު ދުވަހެއްގައި ނޫނީ ރަސޫލް (ﷺ) ހުންނެވީ ރޯދައަށެވެ. ނަމަވެސް ޙަދީޘްފުޅުގައިވަނީ ރަމަޟާން މަސް ފިޔަވައި ރޯދަ ހިފުން އެންމެ އިތުރުކަންބޮޑުވެގެންވަނީ މުޙައްރަމް މަހުގައި ކަމަށެވެ. އަދި އެންމެ ބޮޑަށް ސަމާލުކަން ދެއްވެވީ އާޝޫރާ ދުވަހު ރޯދަ ހިއްޕެވުމަށެވެ.
މީސްތަކުންނޭވެ! ކޮންމެ ގޮތަކުން ނަމަވެސް އާޝޫރާ ދުވަހާއި އަދި އެދުވަހާއި ވިއްދައިގެން އެއް ދުވަހު ރޯދަހިފާށެވެ. އަދި ވީހައި ގިނައިން ސުންނަތް ރޯދަތައް މުޙައްރަމް މަހުގައި ހިފާށެވެ! ޤަޟާކުރަން ޖެހޭ ރޯދަހުރިނަމަ އެ ރޯދަތައްވެސް ހިފާށެވެ. ޘަވާބު އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން