އެންމެ ގިނަ ބައަކު އެންމެ ގިނައިން ކުރާ ޝަކުވާއަކީ ޒަވާޖީ ހަޔާތާއި ގުޅުންހުރި ޝަކުވާތަކެވެ. ދެމަފިރިންގެ މައްސަލަތައް ޙައްލުނުކުރެވޭކަމުގެ ޝަކުވާތަކެވެ. އެކަކު އަނެކަކަށް ދޭންޖެހޭ ލޯބި ނުދޭ ކަމުގެ ޝަކުވާތަކެވެ.
މިފަދައިން ކުރެވޭ ގިނަ ޝަކުވާތަކަކަށްވެސް ޢައިޝަތުގެފާނުގެ މި ބަސްފުޅުން ޙައްލު ލިބިގެންދާނެކަމަށް އުންމީދުކުރަމެވެ.
ރަސޫލް (ﷺ) ގަނޑުވަރުކޮޅުގައި ހޭދަކުރައްވަވާ ވަގުތުތަކުގައި ކުރެއްވެވީ ކޮން ކަމެއްތޯ ޢައިޝަތުގެފާނަށް ސުވާލު ދެންނެވުނެވެ. ޖަވާބުގައި އަޢިޝަތުގެފާނު ވިދާޅުވީ "އާއިލާއަށް ތަފާތު ޚިދުމަތް ކުރެއްވެވުން ކަމަށެވެ. އަދި ނަމާދު ވަގުތު ޖެހުމުން މިސްކިތްކޮޅަށް ވަޑައިގަންނަވާ ކަމަށެވެ."
މި ބަސްފުޅުން އެނގިގެންދަނީ ރަސޫލް (ﷺ) ގަނޑުވަރުކޮޅުގައި ހޭދަކުރައްވަވާ ވަގުތަކުގައި ކުރައްވަވާ ކަމަކީ ޢާއިލާއަށް، އަނބިއަނބިކަނބަލުންނަށް ޚިދުމަތް ކުރެއްވެވުން ކަމެވެ.
ދެން އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ! ތިމާ ގޭގައި ހުރެގެން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ވަގުތު ހޭދަކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟ ނަމާދު ވަގުތު ޖެހުމުން މިސްކިތަށް ދަމު ހެއްޔެވެ؟
- އިސްލާމް އޮންލައިން