ރަސޫލް ޞޢވ, އެކަމެއްގެ ވާހަކަފުޅު ދައްކަވަން މިންބަރުކޮޅުގަ އެންމެ ގިނަ ވަގުތު ހޭދަކުރެއްވެވި ކަންތައް-: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ރަސޫލް ޞޢވ, އެކަމެއްގެ ވާހަކަފުޅު ދައްކަވަން މިންބަރުކޮޅުގަ އެންމެ ގިނަ ވަގުތު ހޭދަކުރެއްވެވި ކަންތައް-: ޝައިޚް ޢަލީ ހައްމުދާ

ރަސޫލް ﷺ މުޅި ދުވަހު މިންބަރުކޮޅުގައި ހުންނަވައިގެން ޙަދީޘްފުޅު ކުރެއްވެވީ އެއްކަމެއްގެ ވާހަކަފުޅު ތަކެކެވެ. ދެން ނިކަން ބުނެބަލާށެވެ! އެއީ ކިހައިވަރެއްގެ މުހިންމުކަން ބޮޑު ކަމެއްގެ ވާހަކަފުޅަށް ވާނެ ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުޅި އެދުވަސް ހޭދަކޮށްލެއްވެވީ ޤިޔާމަތް ދުވަހުގެ ޢަލާމާތްތަކުގެ ވާހަކަފުޅުތައް ޙަދީޘްފުޅު ކުރެއްވެވުމަށެވެ. ވީމާ މިކަމުން އެނގިގެންދަނީ ޤިޔާމަތް ކައިރިވާ ކަމުގެ އަލާމާތްތަކުގެ މައުލޫމާތު އެނގުމުގެ މުހިންމުކަމެވެ. 

އެދުވަހުގެ ފަތިސް ނަމާދު ކުރެއްވެވުމަށްފަހު މިންބަރަށް އަރައިވަޑައިގަތުމަކީ ރަސޫލް ﷺ ކުރައްވަވައި އުޅުއްވެވި ކަމެއް ނޫނެވެ. ނަމަވެސް އެދުވަހުގެ ފަތިސް ނަމާދަށްފަހު އަރައިވަޑައިގަތީ މިންބަރަށެވެ. މިންބަރުކޮޅުގައި އެހުންނެވި ގޮތަށް މެންދުރު ވަނަދެން ހުންނެވިއެވެ. މެންދުރު ނަމާދަށްފަހު ވެސް އަރައިވަޑައިގަތީ މިންބަރުކޮޅަށެވެ. ޢަޞްރު ކުރެއްވެވުމަށްފަހު ވެސް އަރައިވަޑައިގަތީ މިންބަރުކޮޅަށެވެ. ނިންމަވައި ލެއްވެވީ މަޣްރިބް ނަމާދަށެވެ. 

ޤިޔާމަތް ދުވަސް ކައިރިވާ ކަމުގެ ޢަލާމާތްތައް އެނގުން މިހައި މުހިންމު ކަމަކަށް ވަނީ އެދުވަހުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެދުވަހަށް ބިރުވެތިވާންޖެހޭ މިންވަރު ބޮޑުކަމުންނެވެ. ނަމަވެސް މިހާރަކަށް އައިސް މިފަދަ ވާހަކައެއް އަޑުއަހަން ބޭނުންވަނީ ވެސް ވަރަށް މަދު މީހެކެވެ. ގިނަ މީހުންނަށް ހީކުރެވެނީ އެއީ އެއްވެސް ކަމެއް ނޫން ކަމަށެވެ. ހަމަ އައިސްފައި ދާނެ ދުވަހެއް ކަމަށެވެ. 

ޤިޔާމަތް ދުވަހަކީ 50000 އަހަރުގެ އެއް ދުވަސްކަމަށް އޮތް ނަމަވެސް ޤިޔާމަތް ދުވަހަކީ އެއް މާނައެއްގައި ނިމޭ ދުވަހެއް ނޫނެވެ. 50000 އަހަރުގެ ވާހަކަ އެއޮތީ ހަމައެކަނި ހިސާބު ބެއްލެވުމުގެ ކަންކަން ނިމޭނެ މުއްދަތެވެ. އެދުވަހާއި ގުޅިގެން، އެދުވަހު އިއްވޭ ނިޔާ އާއި ގުޅިގެން ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ ދެން ވާނީ ކިހިނަކުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! މުޅި ދުވަސް ހޭދަކުރައްވަވައިގެން ރަސޫލް (ﷺ) އެ ދެއްވެވީ ވަރުގަދަ އިންޒާރެކެވެ. ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމުގެ އިންޒާރެވެ. އަހަރެމެންނަށް އޮތީ ބަލައިގަނެ ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން