މި ކުޑަކުއްޖާ މިދައްކަނީ މަލާއިކަތުން އޭނާ ޙިމާޔަތްކުރެއްވި ވާހަކަހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މި ކުޑަކުއްޖާ މިދައްކަނީ މަލާއިކަތުން އޭނާ ޙިމާޔަތްކުރެއްވި ވާހަކަހެއްޔެވެ؟

އުމުރުން 5 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ގޭގެ ކާރުގަރާޖުގެ ރިމޯޓުން ދޮރުހުޅުވައިގެން ވަދުފައި ނުކުންނަން އުޅުމުގެ ތެރޭގައި ދޮރު ލެއްޕި ދޮރުފަތާއި ދޮރާ ދޭތެރޭގައި ތާށިވިއެވެ. މަންމައަށް ފެނުނީ ހޭނެތިފައި ހުއްޓައެވެ. 

އަވަސް އަވަހަށް ދޮރުހުޅުވައި ކުއްޖާ ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންދިއައިއރުވެސް އޮތީ ހޭނެތިފައެވެ. ހޭއެރީ 3 ދުވަސްފަހުންނެވެ. ޑޮކްޓަރުންނަށް ލިބުނު އެންމެ ބޮޑު ޙައިރާންކަމަކީ ދޮރުފިތޭނެ ބާރުމިނުގައި ދޮރު ފިތިފައި އެހައިގިނައިރު ވުމުންވެސް އެތެރެހަށްޓަށް އެއްވެސް ގެއްލުމެއް ލިފިފައިނުވާތީއެވެ. މޭކަށިތައް ބިންދައިގެންދާންޖެހޭނެއިރު އެންމެ ރެނދެއްވެސް ލާފައި ނެތުމުންނެވެ. 

ކޮންމެއަކަސް ހޭއަރައި ވާހަކަދައްކަން ފެށުމުން ކުއްޖާ މަންމައަށް ކިޔައިދިނެވެ. "އަހަރެން ސަލާމަތްކުރީ ކޮންބައެއްކަން އެނގޭހެއްޔެވެ؟ އެމީޙުން އައީ އުދުހިފައެވެ. ތިބީ ހުދުހެދުމުގައެވެ. އެމީހުން ދޮރުފަތް ހިފެހެއްޓީއެވެ. އެހެން ނޫންނަމަ ކޮއްކޮ ޗިސްވާނެއެވެ. އެތަން ބަލަންހުއްޓާ ކޮއްކޮއަށް ނިދިފައި މިހޭލެވުނީއެވެ. ކޮއްކައަކަށް ތަދެއްވެސް ނުވެއެވެ." 

ކުއްޖާގެ މިވާހަކަތައް އަޑުއިވުމުން އެންމެންނަށްވެސް ލިބުނީ ވަރަށް ބޮޑު ޙައިރާންކަމެކެވެ. އުފެދުނީ ތަފާތު ސުވާލުތަކެކެވެ. ކުއްޖާ އެދައްކަނީ އޭނާއަށް ފެނުނު ހުވަފެނެއްގެ ވާހަކަހެއްޔެވެ؟ ނޫނީ ސިކުނޑިއަށް ގެއްލުމެއް ލިބިގެން މޮޔަވާހަކަ ދައްކަނީ ހެއްޔެވެ؟ 

އެއިން ގޮތެއްވެސް ޤަބޫލުކުރެވޭކަށް ނެތެވެ. ޓެސްޓްތަކުން ދައްކަނީ ސިކުނޑީގެ މަސައްކަތް ފުރިހަމަ ކަމަށެވެ. ހަނދާނަކަށްވެސް ގޮތެއްވެފައެއް ނެތެވެ. ދެން މިހިސާބުން އުފެދޭ ސުވާލަކީ ކުއްޖާ އެދައްކަނީ މަލާއިކަތުން ނުވަތަ ރޫހާނީ ބާރަކުން އޭނާ ސަލާމަތްކުރި ވާހަކަހެއްޔެވެ؟ 

އެގޮތަށް ބުރަވެވިދާނެއެވެ. ސަބަބަކީ އޮޓޮމެޓިކް ދޮރެއްގައި ފިތި ތާށިވެފައި އެހާ ގިނައިރު ހުރުމުންވެސް އެތެރެހަށްޓަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތުމުންނެވެ. މޫނު ދޮރުން ބޭރަށް އެނބުރި މޫނާއެކު ފިތުމުންވެސް ކޯކަށިގަނޑަށްވެސް އެއްވެސް ގެއްލުމެއް ލިބިފައި ނެތުމުންނެވެ. 

ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ! 

- އިބްރާހީމް ޝިރްފް / އާޒަރުބައިޖާން

މިއަދު އޮންލައިން