ކުށްކުރުން މިހާއިތުރުވަނީ ކީއްވެ؟ ޙައްލެއް ހަމަ ނެތީތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ކުށްކުރުން މިހާއިތުރުވަނީ ކީއްވެ؟ ޙައްލެއް ހަމަ ނެތީތޯ؟

"ނޫސްތަކުން ކޮންމެ ދުވަހަކުވެސް ފެންނަނީ އެތައް ބައިވަރު ކުށްތައް މީހުން ކުރާ ވާހަކައެވެ. ކުށްކުރުން އިތުރުވާ ވާހަކައެވެ؟ މިހެން މިވަނީ ކީއްވެގެންތޯއެވެ؟ އެކަމަށް ހަމަ ޙައްލެއް ނެތީތޯއެވެ؟"

މިޔުންތެރިޔާގެ މިސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޖަވާބު ލިބިވަޑައިގަންނަވާނެއެވެ!

އަޅުގަނޑުމެންގެ މުޖުތަމައުގައި މިއަދު އޮތީ ބިރުވެރިކަމާއި ނާމާންކަމެވެ. މަގުފޭރުން މިވަނީ ޢާންމުވެފައެވެ. ވައްކަން ކުރުމާއި މީހުން މެރުން މިވަނީ ޢާންމުވެފައެވެ. ކަންކަން މިހާލަތަށް ގޮސްފައި މިވަނީ ކުށް ކުރި ނަމަވެސް ކުރި ކުށަށް އަދަބު ނުލިބޭނެކަން އެނގޭތީއެވެ. މީހުން މެރި ނަމަވެސް ކުޑަ ދުވަސްކޮޅަކުން ކުށުން ބަރީޢަވެ ސަލާމަތް ވެވޭނެ ކަމުގެ ޔަޤީންކަން އޮންނާތީއެވެ. ކުށް ކުރާ މީހުން އަމިއްލައަށް ގެންދަނީ އެކަމަށް އިޢްތިރާފްވެ މިމޭރުމުން ބުނަމުންނެވެ.

ތިމާ ކުރި ކުށަށް އިސްލާމް ދީނުގައި ބަޔާންވެގެންވާ ޙުކުމްތައް ތަންފީޒުކުރެވޭނެކަން އެނގޭނަމަ، ﷲ ތަޢާލާ ބާވައި ލެއްވެވި ޙައްދުތައް ޤާއިމުކުރާނެކަން އެނގޭ ނަމަ ކުށްކުރާ މީހުންގެ އަދަދު މަދުވާނެއެވެ. ކުށްކުރުން ޢާންމުވުމުގެ ބިރުވެރިކަމުން މުޖުތަމައު ސަލާމަތްވާނެއެވެ.

ކުށްކުރާ މީހުންނަށް އިސްލާމް ދީނުގައި ބަޔާންވެގެންވާ ޙައްދުތައް ޤާއިމުކުރާނަމަ އެއީ ކުށްކުރާ މީހުންނަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ. އެއިރުން އެމީހަކަށް ޤިޔާމަތް ދުވަހުން އެ ކުށުގެ ޢުޤޫބާތް ނުލިބޭނެތީއެވެ.

މީހެއްގެ ކިބައިން ޤިޞާޞް ހިފުމަށް އަތްކަނޑާނަމަ އައްސިވެސް ނުކުރެވޭނެއެވެ. އެއީ އެކަމުގެ ތަދު އެންމެ ފުރިހަމަގޮތުގައި އެމީހަކަށް އިޙްޞާޞްކޮށްދިނުމަށްޓަކައެވެ. ނަމަވެސް ވައްކަން ކުރުމުން އަތްކަނޑާނަމަ އައްސި ކުރެވިދާނެއެވެ. އެއީ އެކަން ކުރަނީ ޤިޞާޞް ހިފަން ކަމުގައި ނުވާތީއެވެ.

ޙައްދުތައް ތަންފީޒްކޮށް ޤިޞާޞް ހިފަމުންދާނަމަ އެންމެ މީހަކަށް ލިބޭ އަދަބުގެ ސަބަބުން މުލި މުޖުތަމައުއަށް އެކަމުގެ ހަމަޖެހުމާއި އަމާންކަން ލިބޭނެއެވެ. ރައްކައުތެރިކަންވެސް ލިބޭނެއެވެ. އަނިޔާވެރިޔާގެ ކިބައިން މުޅި މުޖުތަމަޢު ސަލާމަތް ކުރެވޭނެއެވެ.

ތަނެއް ރަނގަޅުކުރަން ބޭނުން ނަމަ އޮތީ ﷲ ތަޢާލާ ބާވައިލެއްވެވި އެންމެހައި ޙުކުމްފުޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމެވެ.

- ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން

 

މިއަދު އޮންލައިން