ދިރިއުޅުމުގައި ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނުފެނިގެން އައި މީހެއްގެ ގާތު އޭނާއަށް އެއްވެސް ފާފައެއް ކުރެވޭތޯ ސުވާލުކުރުމުން ބުނީ ނުކުރާ ކަމަށެވެ. ހަނދާންކޮށްކޮށްވެސް އެނާއަށް ހަނދާނެއް ނުވިއެވެ.
ޓީވީ ބަލަންތޯ ސުވާލުކުރުމުން ބުނީ ޓީވީ ބަލާކަމަށާއި ގިނައިން ބަލަނީ ޚަބަރު ކަމަށެވެ. ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް ނިވާނުވެ ތިބޭ އަންހެނުން ޚަބަރުކިޔާއިރު މަންޒަރުބަލަންތޯ ސުވާލުކުރުމުން ބުނީ ބަލާކަމަށެވެ.
އަހުރެން ބުނީމެވެ. ނުބަލާށެވެ! ބެލުން ހުއްޓައިލާށެވެ! އަދި ފުރިހަމަ ގޮތުގައި ނިވާވެގެން ނުތިބޭ އަންހެނުން ފެންނަ އެއްވެސް ޕްރޮގްރާމެއް ނުބަލާށެވެ! އެކުރެވެނީ ވެސް ހަމަ ފާފައެކެވެ. އަދި ސުންނަތ ނަމާދުތައް ކުރުން ގިނަކުރުމަށާއި ޚާއްޞަކޮށް ދަމުަމާދަށް ސަމާލުކަން ދިނުމަށް ނަޞޭޙަތްތެރިވީމެވެ.
ކޮންމެއަކަސް އެއިގެ އަހަރެއްހައި ދުވަސް ފަހުން އޭނާ އަހުރެންނާއި ބައްދަލުކުރިއެވެ. ބުނީ ދިރިއުޅެން ކުރާ މަސައްކަތް ކުރިއަރަމުން އަންނަ ކަމަށެވެ.
ފާފަކުރުމަކީ ރިޒުޤަށް ހުރަސް އެޅޭ ކަމެކެވެ. އަހަރެމެންނަށް އޮތީ ކުރެވޭ ފާފައިގެ ކުޑަބޮޑު ބަލަން މިންއެޅުމެއް ނޫނެވެ. ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ނުކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ. ރުހިވޮޑިގަތުން ލިބުމުން އެދޭ ކަންކަން މާފުރިހަމައަށް ފުއްދަވައި ދެއްވަވާނެތެވެ.
އަހުރެން ބުނަން އޮތީ އާޚިރަތް މާމުހިންމުކަމެވެ. ކިތަންމެ ކުޑަނަމަވެސް ފާފައެއް ނުކުރަން މަސައްކަތްކުރާށެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ އެއިރުންނެވެ.
- އުސްތާޛް ޢަލީ ހައްމުދާގެ ދަރުސަކުން