ރުޅި ކޮންޓްރޯލްކުރާ މީހުންނަށް ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގަވެއެވެ!: ޝައިޚް އަބޫބަކުރު ޒައުދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ރުޅި ކޮންޓްރޯލްކުރާ މީހުންނަށް ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގަވެއެވެ!: ޝައިޚް އަބޫބަކުރު ޒައުދް

ﷲ ތަޢާލާ ބޭނުންފުޅުވެ ވޮޑިގެންނެވިނަމަ ސުވަރުގޭގައި އެންމެ ދޮރުކޮޅެއްވެސް ބެހެއްޓެވިދާނެ އެވެ. 8 ދޮރުކޮޅު ބަހައްޓަވައި 8 ދޮރުކޮޅަށް އެއް ނަން ވެސް ދެއްވެވިދާނެއެވެ. ނަމަވެސް ސުވަރުގޭގައި 8 ދޮރުކޮޅު ލައްވަވައި 8 ދޮރުކޮޅަށް ތަފާތު 8 ނަން ދެއްވެވި ސަބަބާއިމެދު ވިސްނައިލަންޖެހޭނެއެވެ.

8 ދޮރުކޮޅަށް ދެއްވަވާފައިވަނީ 8 އަމަލުގެ ނަމުންނެވެ. އެ ދޮރުކޮޅެއް ޚާއްޞަވެގެންވަނީ އެ ޢަމަލެއް ކުރި މީހަކަށެވެ. މިސާލަކަށް ފަރުޞު ނަމާދާއި ރަވާތިބު ސުންނަތާއި ދަމު ނަމާދު ފަދަ ނަމާދުތައް ކުރި މީހުންނަށް އެއް ދޮރުކޮޅު ވަނީ ޚާއްޞަ ކުރައްވަވައިފައެވެ. ފަރުޞަ ރޯދަ އާއި ސުންނަތް ރޯދަ ހިފުން ގިނަ ގިނަ ކުރި މީހުންނަށް ވަނީ އެއް ދޮރުކޮޅު ޚާއްޞަ ކުރައްވަވައިފައެވެ.

ﷲ ތަޢާލާގެ މަގުގައި ހޭދަކުރި މީހުންނަށް ވަނީ ދޮރުކޮޅެއް ޚާއްޞް ކުރައްވަވައިފައެވެ. ރުޅި އަންނަ ހިނދު ރުޅި ކޮންޓްރޯލުކޮށް މީސްތަކުންނަށް މާފުކުރި މީހުންނަށް ވަނީ ދޮރުކޮޅެއް ޚާއްޞަކުރައްވަވައިފައެވެ. މިކަމުން ޢިބްރަތް ޙާޞިލުކުރަން އެބަޖެހެއެވެ.

ސުވަރުގޭގައި 8 ދޮރުކޮޅު ވެއެވެ. 8 ދޮރުކޮޅަށް ވަނީ 8 ނަން ދެވިގެންނެވެ. އެއިގެ ތެރެއިން އެއް ދޮރުކޮޅަކީ ރުޅި އަންނަ ހިނދު ރުޅި ކޮންޓްރޯލުކުރި މީހާއަށާއި އެހެން މީހުންނަށް މާފުކުރި މީހުންނަށް ޚާއްޞަކުރެއްވިގެންވާ ދޮރުކޮޅެވެ.

މި ދޮރުކޮޅުން ސުވަރުގެ ވަނުމަކީ ސުވަރުގެ ވަނުމަށް އެންމެ ފަސޭހަމަގު ކަމުގައިބުނެވިދާނެއެވެ. އެހެނީ އެ ދޮރުކޮޅުން ވަންނަން އެދޭ މީހާއަށް ކުރަން ޖެހޭނެ ކަމަކީ ރުޅި ކޮންޓްރޯލު ކުރުމެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް ޢަދާވާތްތެރިކަން ނުބާއްވައި މާފުކުރަމުން ގެންދިއުމެވެ.

މިއީ އެންމެންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ސުވަރުގޭގައި އެންމެ 8 ދޮރުކޮޅު ހުރިއިރު އެތަނުން އެއް ދޮރުކޮޅު، ރުޅި ކޮންޓްރޯލްކޮށް މާފުކުރާ މީހާއަށް ޚާއްޞަ ކުރައްވަވާފައިވުމުން އެކަމުގެ މުހިންމުކަން ބޮޑުކަން ވަރަށް ރަނގަޅަށް އެނގިގެން އެބަދެއެވެ.

މިވަރުގެ މުހިންމުކަން ރުޅި ކޮންޓްރޯލް ކުރުމަށް ﷲ ތަޢާލާ ދެއްވަވާފައިވާއިރު އެކަމަށް އެބަ ވިސްނައިލެވޭ ހެއްޔެވެ؟ އަމިއްލަ ޢާއިލީ ދިރިއުޅުމުގައި ކޮންޓްރޯލް ކުރެވޭ ހެއްޔެވެ؟ ތިމާގެ ބެލެނިވެރިކަމުގެދަށުގައި ތިބި މީހުންނާ ތިބާ އެބައަކަށް އޯގާތެރިވާން ޖެހޭ މީހުން ތިބީ ތިބާގެ ރުޅިން ސަލާމަތްކަން ލިބިގެން ހެއްޔެވެ؟

ސުވަރުގެ ޙާޞިލުކުރުމަށްޓަކައި ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެ ހުރިހާ ކަމެއްގައި ކޮންމެ މީހަކަށް އެންމެ ކުރިއަށް ނުދެވިދާނެއެވެ. (އެހެނީ ކޮންމެ މީހަކަށް އަބޫބަކުރުގެފާނު ފަދަ މީހަކަށް ނުވެވޭނެތީއެވެ. އަބޫބަކުރުގެފާނު ވަނީ ހުރިހާ ހެޔޮ ޢަމަލުތަކެއް ކުރެއްވެވުމުގައި ވެސް އެންމެ ކުރި ހޯއްދަވައިފައެވެ.) ނަމަވެސް ކޮންމެ މީހަކުވެސް އެމީހަކަށް އެންމެ ފަސޭހައިން ކުރެވޭނެ އެއްކަމެއްގައި ސާބިތުވެއްޖެ ނަމަ އެކަމަކަށް ޚާއްޞަ ދޮރުކޮޅުން ސުވަރުގެ ވަދެވިދާނެއެވެ. އިން ޝާ ﷲ.

މީސްތަކުންނޭވެ! ސުވަރުގެ ޙާޞިލުކުރުމަކީ ހަމައެކަނި އެއް ކަމަކުން ކުރެވެން އޮތް ކަމެއް ނޫނެވެ. ކުރިންވެސް ބުނި ފަދައިން ސުވަރުގެ ވަނުމަށްޓަކައި ކުރަން ﷲ ތަޢާލާ އަންވާފައިވާ ހުރިހާ ކަމެއްވެސް ކުރަން ޖެހޭނެއެވެ. ހުރިހާ ކަމެއް ކުރުމާއިއެކުވެސް އެމީހަކަށް އެންމެ ޔަޤީންކަމާއިއެކު ކުރެވޭނެ އެއްކަމެއްގައި ވަރަށް ގަދައަށް ހިފަހައްޓާށެވެ! އެއިރުން ސުވަރުގޭގެ ދޮރުކޮޅަކުން އެމީހަކަށް ވަދެވޭނެއެވެ. އިން ޝާ ﷲ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން