ހޮހޮޅައިގައި ތިބި ޒުވާނުން ﷲ އަށް ކުރި ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 14ސ
ހޮހޮޅައިގައި ތިބި ޒުވާނުން ﷲ އަށް ކުރި ދުޢާ!

(إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴿١٠﴾  )

މިވާހަކަ ފެށެނީ މިހިސާބުންނެވެ. 

(إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ) "އެ ޒުވާނުން، އެ ހޮހަޅަޔަށް ވަންހިނދު، ހަނދުމަކުރާށެވެ!" މައްކާގެ ގުރައިޝުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މިކަމާއި ގުޅޭ ގޮތުން ސުވާލު ކުރިމަތި ކުރުވިއެވެ. އެކަލޭގެފާނަކީ ކުރީގެ ފޮތްތައް ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެއް ނޫނެވެ. ސޫރަތުލް ޢަންކަބޫތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَّارْتَابَ الْمُبْطِلُونَ ﴿٤٨﴾  ) މާނައަކީ: " އަދި އޭގެކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، كافر ން شك ކުރީހެވެ" 

ވީމާ، އެކަލޭގެފާނަށް ވަޙީގެ ޛަރީޢާއިން މެނުވީ އެވާހަކަތައް އެބައިމީހުންނަށް ކިޔައިދެއްވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ވުމާއިއެކު، އެބައިމީހުން މިވާހަކައިން ސުވާލު ކުރުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޖަވާބަކަށްވީ، ވަޙީ އައުމުން ޖަވާބު ދެއްވާނެ ކަމެވެ. ދެންފަހެ، މާތް ﷲ އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ވަޙީބާވާލައްވާ މިވާހަކަތައް ބަޔާން ކޮށްދެއްވިއެވެ. 

(الْفِتْيَةُ) މިއީ "ފަތާ" މިލަފްޡުގެ ޖަމްޢުއެވެ. އެއީ ފުރާފުރިހަމަވެފައިވާ ޢަޒުމްވަރުގަދަ ޒުވާނާއެވެ. 

(إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ ) އެ ޒުވާނުން އެމީހުންގެ ގައުމު ދޫކޮށް، ހޮހޮޅަ އަށް އައީ އެމީހުންގެ ރަށުގައި ޢާއްމުވެފައިވާ ޝިރްކުގެ ވަބާ އެބައިމީހުންނަށް ޖެހިދާނެކަމަށް ބިރުންނެވެ. 

( فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً ) " ފަހެ، އެ ޒުވާނުން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ!"

(فَقَالُوا  ) އެބައިމީހުން ބުންޏެވެ.

( رَبَّنَا ) ހައްދަވާ ގެންގުޅުއްވާ އިލާހެވެ.

( آتِنَا ) އަޅަމެންނަށް ދެއްވާފާންދޭވެ.

( مِن لَّدُنكَ ) އިބަ ﷲ ގެ ޙަޟްރަތުން، 

(رَحْمَةً) އިބަ ﷲ ގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތް ލައްވާފާންދޭވެ. 

(وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا  ) " އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!"

ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން (9):

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން

މިއަދު އޮންލައިން