ދަރިން ބަލަނީ މަންމަ ނަމަވެސް އެއީ ހަމައެކަނި މަންމަ ކުރަންޖެހޭ ކަމަކަށް ހަދައިގެން ނުވާނެ - އެއިރުން އެވެވެނީ ސުންނަތުން ބޭރު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ދަރިން ބަލަނީ މަންމަ ނަމަވެސް އެއީ ހަމައެކަނި މަންމަ ކުރަންޖެހޭ ކަމަކަށް ހަދައިގެން ނުވާނެ - އެއިރުން އެވެވެނީ ސުންނަތުން ބޭރު: މުފްތީ މެންކް

އެއީ ބަހުސްކުރަންވެސް ޖެހޭ ކަމެއް ނޫނެވެ.  ދަރިން ބެލުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ މައިންނަށެވެ. އެންމެ ބޮޑު އެއް ސަބަބަކީ ދަރިންނަށް ގާތުން ދެނީ މައިންކަމަށްވުމެވެ. ނަމަވެސް ދަރިންބެލުމަކީ ހަމައެކަނި މައިމީހާގެ ޒިންމާއަކަށް ހަދައިގެން ނުވާނެއެވެ. ބައްޕައިންވެސް އެޒިންމާ އަދާކުރަން ޖެހޭނެއެވެ. 

މިހާރަކަށް އައިސް ދަރިންބެލުމުގައި ޒިންމާ ނަގާ ބައްޕައިންވެސް އެބައުޅެއެވެ. ނަމަވެސް އަދިވެސް ގިނަ ފިރިހެނުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ދަރިން ބެލުމަކީ ހަމައެކަނި މައިމީހާގެ ޒިންމާއެއް ކަމަށެވެ. ދަރިންގެ މައްޗަށް އޮތް ބައްޕައިންގެ ހަމައެކަނި ވާޖިބަކީ އާމްދަނީ ހޯދަން މަސައްކަތްކޮށް ޚަރަދުތައް ބެލެހެއްޓުން ކަމަށެވެ.

ޚަރަދުކުރާނެ ފައިސާ ހޯދައި ގެއަށް ބޭނުންވާ ތަކެތި ވެއްދިފައިވާނަމަ އެފަދަ ފިރިހެނުން އުޅެން ބޭނުންވަނީ އެމީހުންގެ އަމިއްލަ ކަންކަމުގައއި ގެއިން ބޭރުގައެވެ. ދަރިންގެ އެހެން ހުރިހާ ކަމެއްހެން ކުރަން ޖެހޭނީ އެކުދިންގެ މައިންނަށެވެ. 

"ދެމަފިރިން ދަރިން ހޯދަން ގަސްދުކޮށް، ދަރިން ލިބި ބެލެނިވެރިންނަށް ވުމުން ވަރަށް ގިނަ ކަންކަން އެދަރިންނަށްޓަކައި ޤުރުބާން ކުރަންޖެހޭނެއެވެ. އަދި އެކަކު އަނެކަކަށްޓަކައި ވެސް ޤުރުބާނީތަކެއް ވާން ޖެހޭނެއެވެ. ދަރިންބެލުމުގައި އަނބިމީހާއަށް ފިރިމީހާ ވެސް އެހީތެރިވެދީ އަތްގާތް ކޮށްދޭން ވާނެއެވެ. 

ނައިޖީރިއާއަށް އަހަރެން ކުރި ދަތުރެއްގައި ދިމާވި ބައެއް އަޚުން ގާތު އަހަރެން އެހިން، އެމީހުންގެ ދަރިންގެ ނެޕީ އެއްވެސް އިރަކު ބަދަލު ކުރިންތޯ. އެމީހުން ވަރަށް ހައިރާންވެފަ ޖަވާބުދިން ޖަވާބު ދިން 'ނެޕީ؟؟ އެއީ އަނބިމީހާ ކުރަންޖެހޭ ކަމެއް'! ވިސްނާލާފަ އަހަރެން އަނެއްކާ އެހެން ސުވާލެއް ވެސް އަހާލީމެވެ. 

'ދަރިފުޅު ބަލިވެގެން ހޮޑުލެވުނީމަ އެސާފުކުރަން އަނބިމީހާއަށް އެހީވެދެންތޯ އާއި ދަރިފުޅަށް އެއްވެސް އިރަކު އޭނަ ކާއެތިކޮޅެއް ލެވިންތޯ' މިސުވާލު އަޑުއަހާފަ އޭގެ ތެރެއިން ބައެއް މީހުން އެއްޗެއް ނުބުނެ އިސްޖަހާލިއިރު، މަދު ބަޔަކު ބުނީ 'ދަރިންނަށް ކާންބޯން ދިނުމާއި ގައިން ޠާހިރު ކުރުމަކީ އެކުދިންގެ މައިންގެ ކަމެއް' ކަމަށާއި ވަޒީފާގައި އުޅެ އާމްދަނީ ހޯދަން މަސައްކަތް ކުރުމަކީ ބުރަކަމެއް ކަމުން، ގެއަށް ގޮސް އެވަގުތުގައި އެމީހުން ބޭނުންވަނީ އަރާމު ކުރަން ކަމަށެވެ.

މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. ތިމާ ވަޒީފާއަށް ގޮސް ދާ އޮހޮރުވައިގެން މަސައްކަތް ކުރާ ފަދައިން ތިމާމެންގެ އަނބިންވެސް ގޭގައި ދަރިން ބެލުމަށާއި އެހެނިހެން ކަންކަމުގައި އުޅެނީ ނުހަނު ބުރަކޮށްކަން އެނގެންވާނެއެވެ. ގެއަށް ދިއުމަށްފަހު ކުޑަކޮށް އަރާމުކޮށްލި ކަމުގައިވިޔަސް، ދަރިންބެލުމުގައި އެހީތެރިވެދިނުމުން އެއީ ހަމަ ދެމަފިރިންނަށް ވެސް ލުއިވާނެއެވެ. ދަރިންނަށް ބޭނުންވާނީ ފައިސާ އެކަންޏެއް ނޫނެވެ. ލޯތްބާއި އަޅާލުން ވެސް ބޭނުންވާނެއެވެ. އަދި މައިންބަފައިންގެ ވަގުތު ވެސް ބޭނުންވާނެއެވެ.

އަހަރުމެންގެ މާތް ނަބިއްޔާ (ﷺ) ވެސް އުއްމުލް މުއުމިނީން ޙަދީޖާ (ރަޟިއަﷲ އަންހާ) އާއި ކައިވެނި ބައްލަވައިގެން ދަރިން ލިބިވަޑައިގަތުމުން އެތުއްޕުޅު ބޭފުޅުން ބެއްލެވުމުގައި އެކަމަނާއަށް އެހީތެރިވެދެއްވިކަން ސުންނަތުން އެއޮތީ އެނގޭށެވެ! މިއަދުގެ ފިރިހެނުންނަށްވެސް އޮތީ ސުންނަތަށް ތަބަޢަވެ ޢަމަލުކުރުމެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން