ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާނަމަ ފުރަތަމަ ބަލަންޖެހޭ އެންމެ މުހިންމު ކަންތައް!: ޑރ. ޔާސިރު ޤާދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާނަމަ ފުރަތަމަ ބަލަންޖެހޭ އެންމެ މުހިންމު ކަންތައް!: ޑރ. ޔާސިރު ޤާދީ

ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވާނަމަ ފުރަތަމަކަމަކަށް ވެސް ބަލައިލަންވީ ދުޢާކުރެވެނީ ކޮން ގުނަވަނަކުންތޯއެވެ! ދުލުންތޯ ނުވަތަ ހިތުންތޯއެވެ! 

ބައެއް މީހުން ދުޢާކުރަންވުމުން އަތް އުފުލައެވެ. ދުޢާ ކުރަން ދެއަތް އުފުލުމަކީ މައްސަލައެއް ނޫނެވެ. ފަރުޟު ނަމާދުތަކަށްފަހުގައި ނޫނީ ހަމަ އަތް އުފުލަންވީއެވެ. މައްސަލައަކަށް ވަނީ ދުޢާ ކުރެވޭ ގޮތެވެ. އެހެނީ ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ދެއަތް އުފުލައި ދުޢާ ކުރުމުން ހުރިހައިކަމެއް ނިމުނީ ކަމަށެވެ.

މީސްތަކުންނޭވެ! އެކަން އެހެންވާނީ ދުޢާކުރުމަކީ އަތުން ކުރާ ކަމެއް ނަމައެވެ. ދުޢާކުރަނީ ހިތުންނެވެ. ވީމާ ދެއަތް ކިތަންމެ މައްޗަށް އުފުލި ނަމަވެސް ކުރާ ދުޢާ ހިތްމައްޗަށް ނުގެންނަ ނަމަ އެއީ ދުޢާކުރުން ކަމަކަށް ނުވާނެއެވެ. 

ބައެއް މީހުން ޢަރަބި ބަހުން ހުންނަ ދުޢާތައް ކޮށް ނިންމައިލައެވެ. މިކިޔެނީ ކީކޭކަން ހިތަށްވެސް ނުގެނެވެއެވެ. އެންމެ ކުޑަމިނުން ތިމާ މިއެދެނީ ކޮން ކަމަކަށްކަންވެސް ހިތްމައްޗަކަށް ނުގެނެވެއެވެ. އެންމެ ކުޑަމިނުން ތިމާ މިކުރާ ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކަމަކަށް އެދި ދެންނެވުން ކަމަށްވެސް ހިތްމައްޗަކަށް ނުގެނެއެވެ. ހަމައެކަނި ކުރާ ކަމަކީ ދެއަތް އުފުލުމާއި ދުލުން އެއްޗެތިތަކެއް ކިޔުމެވެ. އެގޮތަށް ކުރާ ދުޢާއަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ދުޢާ ކުރުމަކީ އެންމެ މަތިވެރި އަޅުކަމެވެ. އެއީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރެވެ. އެ ހަތިޔާރު ހިފައިގެން މައިދާނަށް ނުކުންނަން ޖެހޭނީ ވަރަށް ވަރުގަދަ ފަހުލަވާނެއްގެ ގޮތުގައެވެ. ދުޢާ ކުރުމުގައި ވަރުގަދަ ފަހުލަވާނަކަށް ވާނީ ހިތަށް މަޑުމޮޅިކަން ގެނެވުނު ވަރަކުންނެވެ. ކިޔޭ އެއްޗެއް ހިތް މައްޗަށް ގެނެވުނު ވަރަކުންނެވެ. ތަވާޟޫޢް ވެރިވެވުނުވަރަކުންނެވެ! ވީމާ ޢަރަތްބަކު ނޫން މީހަކު ޢަރަބިބަހުން ދުޢާކުރާނަމަ ފުރަތަމަކަމަކަށްވެސް ތިމާ ކުރާ ދުޢާގެ މާނަ ހިތް މައްޗަށް ގެންނަން ވާނެއެވެ! އެކަން ހިންމަވައިދެއްވެވުން އާދޭސް ދަންނަވަންވާނެއެވެ! 

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން