އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ‍- 1

ކިޔުމަށް ހޭދަވާނީ 4މ 35ސ
އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ‍- 1

ޢަލީ އިޙްޞާން ފިރާޤް

ރަސޫލާ  صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެންނެވި އިރު މަދީނާގައި ތިން ޤަބީލާއެއްގެ ޔަހޫދީން ވަޒަންވެރިވެގެން އުޅުނެވެ. އޭގެތެރެއިން އެއްބަޔަކީ  ބަނުއްނަޟީރުވަންހައިގެ ޔަހޫދީންނެވެ. އެބައިމީހުންގެ އަދާވާތްތެރިކަމާއި ދެފުށްދެގޮތްކަން އޭގެ އިންތިހާއަށް ދިޔުމުން ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ، އެބައިމީހުން މަދީނާއިން ބޭރުކޮށްލެއްވިއެވެ. ދެން އެބައިމީހުން ގޮސް ވަޒަންވެރިވީ ޚައިބަރޭ ކިޔުނުތަނުގައެވެ.

އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާއަކީ މިދެންނެވި  ބަނުއްނަޟީރުވަންހައިގެ ރަޢީސް ޙުޔައްޔު ބުން އަޚްތަބުގެ ދަރިކަނބަލުންނެވެ. މައިކަނބަލުންގެ ނަންފުޅަކީ ބައްރާ ބިންތު ޝަމްވީލެވެ. ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ފުރަތަމަ ކާވަނިބައްލަވައިގެންނެވީ ސަލާމް ބުން މިޝްކަމު އޭކިޔުނު ޔަހޫދީންގެ ބޮޑަކާއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ އެގާރަ އަހަރުފުޅެވެ. އޭނާ ދުވަސްކޮޅަކު ޞަފިއްޔަތުގެފާނާއެކު އުޅެފައި އެކަމަނާ ވަރިކުރިއެވެ. ދެން އެކަމަނާއާ ކާވެނިކުރީ ކިނާނަތު ބިން އަބުލްޙަޤީޤު  އޭކިނު މީހެކެވެ. އޭނާއަކީ ޚައިބަރު ހަނގުރާމަ ހިނގި ދުވަހު އެންމެ ވަރުގަދައަށް މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރި އެކެކެވެ. {މަޙްމޫދު އަޙްމަދު ޣައްޡަންފަރު، ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 115}

ހިޖުރައިން ހަތްވަނަ އަހަރުގެ ތެރޭގައި ޞަފިއްޔަތުގެފާނުގެ ބައްޕަ ޙުޔައްޔު ބުން އަޚްތަބު ޚައިބަރުގެ ޔަހޫދީންނާއި އަދި ޤުރައިޝުންނާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަށް ތައްޔާރުވަމުންގެންދާ ޚަބަރު ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އަށް ލިބިވަޑައިގެންނެވިއެވެ. މި ޚަބަރުލިބިވަޑައިގެން މުސްލިމުން އެބައިމީހުން ތިބި ޚައިބަރުގެ ކިއްލާއަށްގޮސް އެބައިމީހުންނާ ހަނގުރާމަކޮށް އެބައިމީހުން ބަލިކުރިއެވެ.  މިހަނގުރާމައިގައި ޔަހޫދީންގެ ބޮޑުންގެ ތެރެއިން ގިނަބަޔަކު ޤަތުލުވެގެންދިޔައެވެ. އެ މީހުންގެ ތެރޭގައި ޞަފިއްޔަތުގެފާނުގެ  ބައްޕާ ޙުޔައްޔު ބުން އަޚްތަބު އާއި ފިރިކަލުން ކިނާނަތު ބިން އަބުލްޙަޤީޤު  ހިމެނެއެވެ. 

ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ވެވަޑައިގެންނެވީ ޚައިބަރު ހަނގުރާމައިގައި ހައްޔަރުކުރެވިގެން ގެނެވުނު އަސީރުންގެ ތެރެއިންނެވެ. ހަނގުރާމައިގެ ޣަނީމާ މުދާ ބެއްސެވިއިރު ޞަފިއްޔަތުގެފާނު ލިބިވަޑައިގެންނެވީ ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު އަށެވެ. ޞަފިއްޔަތުގެފާނަކީ ޔަހޫދީންގެ ޤަބީލާއެއްގެ އަމީރާއެކެވެ. އެހެންކަމުން ޞަހާބީބޭކަލުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް އައިސް ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. ދިޙްޔާ އެ ގެންދެވީ އާންމު ޢަރަބި އަންހެނެއް ނޫނެވެ. އެއީ ބަނިއްނަޟީރުގެ ސާހިބު ކަމަނާއެވެ. އެކަމަނާ އެންމެ އެކަށީގެންވަނީ ކަލޭގެފާނަށެވެ.]

ދެން ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު އަށް، ބަދަލެއްގެގޮތުން ހަތްއަޅުން ދެއްވުމަށްފަހު އެކަލޭގެފާނުގެ އަތްޕުޅުން ޞަފިއްޔަތުގެފާނު މިނިވަންކުރައްވައި ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް އެކަމަނާ ހާޒިރުކުރެއްވިއެވެ. އެކަމަނާ ހާޒިރުކުރެއްވުމަށްފަހު އެކަމަނާއަށް ދެ ގޮތެއް ހުށައެޅުއްވިއެވެ. އެއީ މިނިވަންކަމާއެކު އެނބުރި އަމިއްލަފުޅު ވަޒަނަށް ވަޑައިގެންނެވުމެވެ. ނުވަތަ އެކަމަނާ މިނިވަން ކުރައްވާ ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނި ބައްލަވައިގެންނެވުމެވެ. އެ ދެ ގޮތް ހުށައެޅުއްވުމުން ޞަފިއްޔަތުގެފާނު ވިދާޅުވިއެވެ.

[މިހާރު ޔަހޫދީންގެ ތެރެއަކު އަޅުގަނޑުގެ ފިރިއަކުވެސް ބައްޕަޔަކުވެސް ނެތެވެ. ކާފިރުކަމާއި އިސްލާމްކަމާއި ދެކަމުގެ ތެރެއިން ތިމަންކަމަނާ ޚިޔާރުކުރާނީ އިސްލާމްކަމެވެ. އަޅުގަނޑު މިނިވަންކަމާއި ޤައުމުގެ ތެރެއަށް އެނބުރި ދިޔުމަށްވުރެ ބޮޑަށް ލޯބިކުރަނީ މާތް اللّـه އާއި އެކަލާނގެ ރަސޫލާއަށެވެ.]

ދެން ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނި ބައްލަވައިގެންނެވިއެވެ. ރަސޫލުންނާއި ނަބީބޭކަލުންގެ ސުންނަތާ އެއްގޮތްވާގޮތުގެ މަތީން ކާވެނީގެ ވަލީމާ ތައްޔާރުކުރައްވައި ވަލީމާދެއްވިއެވެ.

ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނިބައްލަވައިގެންނެވިފަހުން އެކަމަނާގެ ލޯފުޅުގެ މަތީގައި ނޫފަގެންފައިވާތަނެއް ދެކެވަޑައިގެންނެވިއެވެ. އެތަން ދެކެވަޑައިގެން އެއީ ކިހިނެތް އުފެދުނު ނިޝާނެއްތޯ ސުވާލުކުރެވުމުން އެކަމަނާ ވިދާޅުވިއެވެ. [އެއްރެއަކު ތިމަންކަމަނާއަށް މަދީނާއާ ދިމާލުން ހަނދެއް އަރައިގެން އައިސް، ތިމަންކަމަނާގެ އުނގުފުޅަށް ވެއްޓުނީތީ ހުވަފެންފުޅުގައި ދެކެވަޑައިގެންނެވީމެވެ. އެހުވަފެންފުޅުގެ ވާހަކަ އޭރުގެ ފިރިކަލުން ކިނާނަތުގެ ގާތު ބުނުމުން އޭނާ ރުޅިއައިސްގެން ތިމަންކަމަނާގެ މޫނުމަތީގައި ޖަހާފައި ބުންޏެވެ. ޢަރަބީންގެ ރަސްގެފާނާ ކާވެނިކުރުމުގެ ހުވަފެން ދެކެނީ ހެއްޔެވެ؟  ތިޔަދެކެވަޑައިގެންނެވީ އެކަމުގެ ސަބަބުން އުފެދިގެން ދިޔަ ނިޝާނެކެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޞަފިއްޔަތުގެފާނާ ކާވެނި ބައްލަވައިގެންނެވި އިރު އެކަމަނާގެ އުމުރުފުޅަކީ ސަތާރަ އަހަރުފުޅެވެ. 

{މަޙްމޫދު އަޙްމަދު ޣައްޡަންފަރު، ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 117-118}

އަދި ނުނިމޭ

- -ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން