މީސްތަކުންނޭވެ! ރީތި ބޮޑެތި މިސްކިތްތައް ގިނަވެއްޖެއެވެ. ނަމަވެސް އެ މިސްކިތްތައް އަޑުންއަޑުނަގައި ރޮނީއެވެ. ކީއްވެގެން ކަމަށް ހެއްޔެވެ؟ މިސްކިތުގައި ނަމާދުކުރަން އަންނަ މީހުންގެ ޢަދަދުމަދުކަމުންނެވެ. ނަމާދުކުރުމުގައި ވެސް ފަރުވާކުޑަކުރާތީއެވެ.
އަޅެ ނިކަން ބުނެބަލާށެވެ! ބަންގި ގޮވުމުން 5 ވަގުތު މިސްކިތައް އަރައި ނަމާދުކުރަނީ މިތަނުގައި މިތިބަ މީހުންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ އެކަން ނުކުރެވޭނަމަ އާޚިރަތް ދުވަހު ސަލާމަތްކަން ހޯދާނީ ކިހިނަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! ކީރިތި ޤުރްއާނަށް ބަލާށެވެ! އަޅުކަން ކުރުމުގެ ވާހަކަ އެހައި ގިނައިން ގެންނަވާފައިވާ ސަބަބަށް ވިސްނައިލާށެވެ. ޖިންނިންނާއި އިންސީން އުފެއްދެވީ ތިމަން ﷲ އަށް އަޅުކަންކުރަން ކަމަށް ވަޙީކުރައްވަވާފައިވަނީ ކީއްވެގެންހެއްޔެވެ؟ ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދީ ﷲ ތަޢާލާ އަހަރެމެން ދުނިޔެއަށް ފޮނުއްވެވި މަޤްޞަދު ޙާޞިލުކުރެވޭނީ ކިހިނަކުންހެއްޔެވެ؟
ދިރާސާކުރާށެވެ! އެންމެ ހެޔޮ ޢަމަލުކަމުގައި ރަސޫލް ޙަދީޘްފުޅު ކުރައްވަވާފައިވަނީ ނަމާދުތަކަށް ރައްކައުތެރިވުމެވެ. ނަމާދަށް ގޮވާލެވުމުން ނުވަތަ ވަގުތު ޖެހުމުން ނަމާދުކުރުމަށެވެ. ވީމާ އެކަން ނުކޮށް ކުރެވޭނީ ކޮން ހެޔޮ ޢަމަލެއް ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން