އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ 2‍، - އަނބިންގެ ފިތުނަ އާ ޝަކުވާ ނުހުއްޓުވޭނެކަމުގެ ހެކިތައް-

ކިޔުމަށް ހޭދަވާނީ 9މ 12ސ
އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ 2‍، - އަނބިންގެ ފިތުނަ އާ ޝަކުވާ ނުހުއްޓުވޭނެކަމުގެ ހެކިތައް-

ޢަލީ އިޙްޞާން ފިރާޤް

މާތް ރަސޫލާ ﷺ ގެ އަރިހުގައި ޞަފިއްޔަތުގެފާނުގެ ދިރިއުޅުއްވުން 

މަދީނާއަށް ވަޑައިގެން ރަސޫލާ صلّى اللّـه عليه وسلّم، އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ އެންމެ ފުރަތަމަ ބޭންދެވީ ޙާރިޘަތު ބުނުއް ނުޢުމާނު ރަޟިޔަﷲ ޢަންހުގެ ގެކޮޅުގައެވެ. މާތް ރަސޫލާ، ޞަފިއްޔަތުގެފާނާ ކާވެނިބެއްލެވި ޚަބަރު ލިބިވަޑައިގެން އެކަލޭގެފާނުގެ އެހެން އަނބިއަނބިކަނބަލުން ޙާރިޘަތު ބުނުއް ނުޢުމާނު ރަޟިޔަﷲ ޢަންހު ގެ ގެކޮޅަށް އެކަމަނާ ދެކެވަޑައިގެންނެވުމަށް ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނާއި ޖުވައިރިއްޔަތުގެފާނާއި ޒައިނަބު ބިންތި ޖަޙުޝް ހިމެނިވަޑައިގްނަވައެވެ. އެބޭކަނބަލުން ވަޑައިގެންނެވީ މޫނުބުރުގާ ތުރުކުރައްވައި، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެއީ އެބޭކަނބަލުންކަން ދެނެނުގަނެވޭފަދަ ގޮތްތަކަށް ފޭރަން ތުރުކުރައްވައިގެންނެވެ. 

އިބްނު ސަޢުދު ލިޔުއްވައިފައިވެއެވެ. ޞަފިއްޔަތުގެފާނު ދެކެވަޑައިގެންފައި ޒައިނަބުގެފާނު، ޖުވައިރިއްޔަތުގެފާނަށް ވިދާޅުވިއެވެ. [އޭ ޙާރިޘްގެ ދަރިކަނބަލުނޭވެ. މި އަންހެން ކުއްޖާ އަހަރެމެންގެ މައްޗަށް ގަދަވެގެނެ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހިތްޕުޅު އޭނާގެ މައްޗަށް އަނބުރާލާނެކަން ޔަޤީނެވެ.] ޖުވައިރިއްޔަތުގެފާނު ވިދާޅުވިއެވެ. [ނޫނެކެވެ. ފެންނަފެނުމަށް އެއީ އެފަދަ ބޭކަނބަލެއްހެނެއް ހިޔެއް ނުވެއެވެ.] {އިބްނު ސަޢުދު، ޠަބަޤާތުގެ 8 ވަނަ ޖިލްދުގެ 101 ވަނަ ޞަފްޙާ}

އެބޭކަނބަލުން އެނބުރި ވަޑައިގެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. [ޞަފިއްޔަތުގެފާނާމެދު ދެކެވަޑައިގަންނަވަނީ ކިހިނެތްތޯއެވެ؟] ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އަޅުގަނޑު ޔަހޫދީ އަންހެނަކު ދުށީމެވެ.] ޙަދީޘް ކުރެއްވިއެވެ. [ތިޔަހެން ވިދާޅުނުވާށެވެ!  ޞަފިއްޔާއަކީ ތެދުހިތްޕުޅަކުން އިސްލާމްވެވަޑައިގެން އިންނެވި މުސްލިމު ބޭކަނބަލެވެ. މިހާރު އެކަމަނާއަކީ ޔަހޫދީއެއް ނޫނެވެ."

އިމާމު ތިރުމިޒީ ރިވާ ކުރައްވައިފައިވެއެވެ. އެއްފަހަރަކު ޙަފްޞަތުގެފާނު، ޞަފިއްޔަތުގެފާނާ ދިމާލަށް އެކަމަނާއަކީ ޔަހޫދީއެއްގެ ދަރިއެކޭ ވިދާޅުވެ މަލާމާތް ކުރެއްވިއެވެ. އެކަމާ ޞަފިއްޔަތުގެފާނު ވަރަށް ދެރަފުޅުވެ ކީރިތި ކުރައްވަން ފެއްޓެވިއެވެ.

މި ޙާލުކޮޅެއްގައި އިންނަވަނިކޮށް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ އަރިހަށް އެކަމަނާ ކީރިތި ކުރައްވަނީ ކީއްވެތޯ އެއްސެވިއެވެ. ކަންތައް ވީގޮތް އެކަމަނާ މާތް ރަސޫލާއަށް ވިދާޅުވެ ދެއްވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ދެން އެފަދަ ވާހަކައެއް ދެކެވޭ ފަހަރަކުން ވިދާޅުވާށެވެ. "ތިމަންކަމަނާގެ ބައްޕައަކީ ހާރޫނުގެފާނެވެ.  ތިމަންކަމަނާގެ ބޮޑުބޭބެއަކީ މޫސާގެފާނެވެ.   ތިމަންގެ ފިރިކަލަކީ محمّد صلّى اللّـه عليه وسلّم އެވެ.  އެހެންވީއިރު ތިޔަބޭކަނބަލުން ތިމަންކަމަނާއަށްވުރެ މޮޅުވާނީ ކޮންގޮތަކުންތޯއެވެ؟"

ޞަފިއްޔަތުގެފާނަކީ ހާރޫނުގެފާނުގެ ނަސަބުފުޅުން ވަޑައިގެން އިންނެވި ބޭކަނބަލެކެވެ. މޫސާގެފާނަކީ ހާރޫނުގެފާނުގެ އަޚެކެވެ.  

އިބްނު ސަޢުދު ރިވާކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ކުރެއްވި ދަތުރުފުޅެއްގައި އެކަލޭގެފާނާއެކު އެކަލޭގެފާނުގެ ދެ އަނބިކަނބަލެއްކަމުގައިވާ އުއްމު ސަލަމަތުގެފާނާ ޞަފިއްޔަތުގެފާނު ބައިވެރިވެވަޑައިގެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އޮޅިވަޑައިގެން އުއްމުސަލަމަތުގެފާނުގެ ދުވަހުގައި ޞަފިއްޔަތުގެފާނުގެ ހައުދަޖު ގެ ކައިރިއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އިރުކޮޅަކު ޞަފިއްޔަތުގެފާނާ ވާހަކަފުޅު ދައްކަވަން މަޑުކޮށްލެއްވިއެވެ. އެތަން އުއްމުސަލަމަތުގެފާނަށް ފެނިވަޑައިގެން އެކަމަނާގެ ހިތްޕުޅުގައި ޣީރަތްތެރިކަން އުފެދުނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ އަރިހަށް ވަޑައިގެންނެވުމުން އެކަމަނާ ވިދާޅުވިއެވެ.

[އަޅުގަނޑުގެ ދުވަހުގައި، އެ ޔަހޫދީމީހާގެ އަންހެން ދަރިޔާ ވާހަކަފުޅު ދައްކަވަން ހުންނެވީ ކީއްކުރަންތޯއެވެ؟]

އުއްމު ސަލަމަތުގެފާނު ވިދާޅުވެފައިވެއެވެ. [އެދުވަހު އެހެން ޞަފިއްޔާގެ ވާހަކަ ބުނެވުނީތީ އަހަރެން ވަރަށް ދެރަވިއެވެ. އެކަމާ ދެރަވެގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އަހަރެންގެ ފާފާ ފުއްސެވުން އެދިވަޑައިގެން މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް އަހަރެން އެދުނީމެވެ. އެދުވަހު އެހެން ބުނެވުނީ އަހަރެންގެ ޣީރަތްތެރިކަމުގެ ބޮޑުކަމުންނެވެ.] {އިބްނު ސަޢުދު، ޠަބަޤާތު، ވޮލިޔުމް 8، ޞަފްޙާ 76}

އިމާމު އަޙްމަދު ރިވާކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ކުރެއްވި އެހެން ދަތުރުފުޅެއްގައި ޞަފިއްޔަތުގެފާނު ސަވާރުވެވަޑައިގެން އިންނެވި ޖަމަލު ބަލިވިއެވެ. އެ ދަތުރުފުޅުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލެއްކަމުގައިވާ ޒައިނަބު ބިންތު ޖަހުޝްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަނާގެ އަތްޕުޅުގައި އިތުރުޖަމަލު ހުއްޓެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޒައިނަބުގެފާނާ ޙަދީޘް ކުރެއްވިއެވެ. [ޞަފިއްޔާގެ ޖަމަލު ބަލިވެއްޖެއެވެ. ކަމަނާގެ ޖަމަލުތަކުގެ ތެރެއިން ޖަމަލެއް އެކަމަނާއަށް ދެއްވުން ކީއްތޯއެވެ؟]

ޒައިނަބުގެފާނު ޖަވާބު ދެއްވީ ވަރަށް ތަފާތު އިބާރާތަކުންނެވެ. އެކަމަނާ ވިދާޅުވިއެވެ. [އަޅުގަނޑު އަޅުގަނޑުގެ ޖަމަލުތަކުގެ ތެރެއިން އެއްވެސް ޖަމަލެއް އެ ޔަހޫދީ އަންހެނާއަކަށް ނުދޭނަމެވެ.]

ޒައިނަބުގެފާނު އެފަދަ ގޮތަކަށް ޖަވާބު ދެއްވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވިއެވެ. ދެމަސް ނުވަތަ ތިން މަސްދުވަސް ވަންދެން ޒައިނަބުގެފާނުގެ އަރިހަށް ވަޑައިނުގެން ހުންނެވިއެވެ. {މުސްނަދު އަޙްމަދު، ވިލިޔުމް 6، ޞަފްޙާ 336-337} 

ޞަފިއްޔަތުގެފާނަކީ އިސްކޮޅުފުޅުން ކުރު ބޭކަނބަލެކެވެ. އެއްފަރަކު ޢާއިޝަތުގެފާނު، ޞަފިއްޔަތުގެފާނުގެ އިސްކޮޅުފުޅުކުރު ކަމަށް މަލާމާތް ރައްދުކުރެއްވިއެވެ. މިކަމާ މާތް ރަސޫލާ صلّى اللّـه عليه وسلّم ކޯފާ އިސްކުރެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. [ކަމަނާ ތިޔަ ވިދާޅުވި ބަސްތައް ގެންގޮސް ކަނޑަށް އެއްލަވައިލެއްވި ނަމަ އެ ކަނޑުގެ ލޮނުގަނޑުވެސް ފާސިދުވެއްޖައީހެވެ.] {ސުނަނު އަބޫދާއޫދު، ޙަދީޘް ނަންބަރު 4875}

މާތް ރަސޫލާ صلّى اللّـه عليه وسلّم ޞަފިއްޔަތުގެފާނު ދެކެ ވަރަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. އެކަމަނާއަށް ޤަދަރު ކުރައްވާ ހަމްދަރުދީވެވަޑައިގަންނަވައެވެ. ޞަފިއްޔަތުގެފާނުވެސް މާތް ރަސޫލާ ދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަބަދުވެސް އެކަމަނާގެ ހިމާޔަތުގައި ހުންނަވައެވެ. ޞަފިއްޔަތުގެފާނު ވިދާޅުވެފައިވާ ކަމަށް އިބްނު ސަޢުދު ރިވާ ކުރައްވައިފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. [އަހަރެންގެ ޙަޔާތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ވުރެ އަޚުލާޤު ރަނގަޅު މީހާކާ ދިމާވެފައެއް ނެތެވެ.] {އިބްނު ސަޢުދު، ޠަބަޤާތު، ވޮލިޔުމް 8، ޞަފްޙާ 100}   

މާތް ރަސޫލާ صلّى اللّـه عليه وسلّم ރަމަޟާންމަހުގެ ރޭތަކުގައި މިސްކިތުގައި އިޢުތިކާފަށް އިންނަވާއިރުވެސް ވަރަށް ގިނައިން ޞަފިއްޔަތުގެފާނު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ ޙާލުކޮޅު ބައްލަވައެވެ. ޞަޙީޙު ބުޚާރީގައި ރިވާވެގެންވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ރަޟަމާން މަހުގެ ފަހު ދިހަ ރޭތަކުގައި އިޢުތިކާފަށް އިންނަވަނިކޮށް ޞަފިއްޔަތުގެފާނު އެކަލޭގެފާނުގެ އަރިހަށް ޒިޔާރާތް ކުރެއްވިއެވެ. އެކަމަނާ އެކަލޭގެފާނާ ވާހަކަފުޅުދެއްކެވުމަށް އިރުކޮޅަކު މަޑުކުރެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާ އުޅުއްވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާ ގެކޮޅަށް ލައި ދިނުމަށްޓަކައި ވަޑައިގެންނެވިއެވެ.

މިސްކިތުގެ ދޮރުކޮޅާ ހަމައިން ދެ އަންޞާރުންގެ ބޭކަލުންނާ ބައްދަލުވެވަޑައިގަތެވެ. އެ ދެ ބޭކަލުން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ސަލާމް ދެންނެވުމަށްފަހު ވަޑައިގަންނަވާ ފެއްޓެވުމުން މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [މިއީ ތިމަންކަލޭގެފާނުގެ އަނބިކަނބަލުން ޞަފިއްޔާއެވެ.]  އެ ދެ ބޭކަލުން ދެންވިއެވެ. ޞުބްޙާނަﷲއެވެ. ކަލޭގެފާނާ މެދު ނުބައި ހީކުރުމެއް އަޅުގަނޑުމެން ނުކުރަމެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރު ކުރާ ފަދައިން ޝައިތާނާ ހަށިގަނޑުގައި ދަތުރުކުރެއެވެ. (ތިމަންކަލޭގެފާނު އަންހެން ބޭފުޅަކާއެކު މިކަހަލަ ވަގުތެއްގައި ހުރިތަން ފެނުމުން) ޝައިތާނާ ތިޔަބޭކަލުންގެ ހިތުގައި ނުބައި ހީއެއް އުފައްދަފާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީއެވެ.] {ޞަޙީޙުލް ބުޚާރީ. ޙަދީޘް ނަންބަރު، 2030} 

ކުރިންވެސް ދެންނެވުނު ފަދައިން ޞަފިއްޔަތުގެފާނަކީ ވަރަށް ހިތްޕުޅު މަޑު ބޭކަނބަލެކެވެ. އެހެން މީހުންގެ އިޙްސާސްތަށް ދެނެވަޑައިގަންނަވާ ބޭކަނބަލެކެވެ. ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެންނެވި އާލާސްކަންފުޅުގައި އެކަލޭފާނުގެ ޙާލުކޮޅު ވަރަށް ބޮޑުވި ދުވަހަކު އެކަމަނާ ވަޑައިގެން ވިދާޅުވިއެވެ. [ކަލޭގެފާނަށް ތިޔަ ލިބިވަޑައިގަންނަވާ ވޭންތައް އެކަލޭގެފާނުގެ ބަދަލުގައި އަޅުގަނޑަށް ލިބޭނަމަ އަޅުގަނޑު އެކަމާ އުފާ ކުރެއްވީމުހެވެ.] އޭރު އެތަނުގައި ރަސޫލާ صلّى اللّـه عليه وسلّم  ގެ ހުރިހާ އަނބިއަނބިކަނބަލުން ތިއްބެވިއެވެ. އެކަމަނާ އެހެން ވިދާޅުވުމުން އެބޭކަބަލުންގެ ލޯފުޅުތަކުން ނުހުރުނެތެރިކަން ފާޅުކޮށް އެއްބޭކަނބަލަކު އަނެއްބޭކަނބަލަށް ލޯފުޅުން އިޝާރާތް ކުރައްވަންފެއްޓެވިއެވެ. އެހިނދު ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

[އަހަރެންގެ ބަލި އިތުރު ވެއްޖެއެވެ.] (އެހެން ރިވާޔަތެއްގައިވަނީ [ތިޔަކަނބަލުން ވަޑައިގެން ތިޔަކަނބަލުންގެ އަނގަފުޅުތައް ދޮންނަވާށެވެ.])  އެބޭކަނބަލުން ދެންނެވިއެވެ.  [އެއީ އަނެއްކާ ކޮންކަމަކުންތޯއެވެ.] ޙަދީޘް ކުރެއްވިއެވެ. [ޞަފިއްޔާ ވިދާޅުވި އެއްޗަކަށް ތިޔަބޭކަނބަލުން ނުރުހުތެރިންކަން ފާޅުކުރައްވައި ލޯފުޅުތަކުން ޢިޝާރާތްކުރެއްވުމުންނެވެ. މާތް ﷲ ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން ޞަފިއްޔަތުގެފާނަކީ ތެދުވެރި މުއުމިނެކެވެ. އެކަމަނާ ވިދާޅުވީ ތެދުބަސްފުޅެކެވެ.] { އިބްނު ސަޢުދު، ތަބަޤާތު، ވޮލިޔުމް 8، ޞަފްޙާ} 

- ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން