މި މަގުން ކުރިއަށްދާނަމަ ދުނިޔެއިން ބޭނުންވާ ކަންކަމާ އާޚިރަތް ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
މި މަގުން ކުރިއަށްދާނަމަ ދުނިޔެއިން ބޭނުންވާ ކަންކަމާ އާޚިރަތް ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ!: މުފްތީ މެންކް

ތިމާ މިހުރީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެގެން ކަމަށް ބުނާ ގިނަ ބައަކަށް ވެސް ވަރަށް ގޯސްކޮށް އެބަ ކަންކަން އެބަކުރެއެވެ. މިސާލަކަށް ބުނާނަމަ ކަމެއް ޖެހޭއިރަށް ކޮންމެވެސް މީހެއްގެ ގާތަށް ގޮސް ހިތުގައިވާ ހުރިހާ އުދާސްތަކެއް ހުސްކޮށްލުމެވެ. އެމީހާގެ ކިބައިން އެހީތެރިކަމަށް އެދި އާދޭސްކުރުމެވެ. 

ތިމާއަށް ކުރިމަތިވާ ކޮންމެ ޙާލަތެއް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާކަން ހަނދާނަކު ނުހުރެއެވެ. އަދި ﷲ ތަޢާލާގެ ފަރާތަކަށް ނުވެސް އެނބުރެއެވެ. ކުރެވޭ ކުށްތައް އިޞްލާޙްކޮށް ތައުބާއެއްވެސް ނުވެއެވެ. 

މި އުޞޫލު ބަދަލުކުރަން އެބަޖެހެއެވެ. ތިބާ އެމީހެއްގެ ގާތުގައި ރޮއި އާދޭސްކުރުމުން އެމީހާ ތިބާގެ ބޭނުންތައް ފުއްދައިދޭން ބޭނުންވިނަމަވެސް އެކަންވެސް ކުރެވޭނީ ﷲ ތަޢާލާގެ މިންވަރުފުޅާއި ލައިގެންނެވެ. އެކަމަށް ﷲ ތަޢާލާ ރުހިވޮޑިގަތުމުންނެވެ. އިރާދަ ކުރެއްވެވުމުންނެވެ. 

އެހެނަސް ﷲ ތަޢާލާ ތިބާގެ ބޭނުން ފުއްދަވައިދެއްވަވަން އިރާދަކުރައްވަވައިފިނަމަ އެކަމަށް ހުރަސް އެޅޭނެ އެއްވެސް ބައަކު ނުވެއެވެ. ހުރަސް އެޅޭނެ އެއްވެސް ބާރެއްވެސް ނުވެއެވެ. ވަގުތުން އޮނަނާނީ އެކަމެއްވެނިމިފައެވެ. 

ވީމާ ދުނިޔެއާ އާޚީރަތް ކާމިޔާބުކުރަންބޭނުންމީހާ ޢަމަލުކުރަންޖެހޭ ގޮތް މިއޮތީ ހާމައަށް ފެންނާށެވެ! ފުރަތަމަ ކަމަކަށް އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އިތުބާރުކުރާށެވެ! މީސްތަކުން ގާތު އެހީތެރިކަމަށް އެދުމުގެ ކުރިން ﷲ ތައާލާގެ ޙަޟްރަތުގައި އެެދި ދަންނަވާށެވެ! 

ހަމައެއާއިއެކު ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނު ނަމަވެސް އަދި ކިތަންމެ ދަތިޙާލުގައި އުޅެން ޖެހުނު ނަމަވެސް ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ކެތްތެރިވާށެވެ. ދުޢާކުރުން ގިނަކުރާށެވެ! ތިމާއަށް ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވާނީ އެންމެ ރަނގަޅަށްކަން ހިތުގެ އަޑިން ޔަޤީންކޮށްގެން ހުންނާށެވެ! ހިނދުކޮޅަކަށްވެސް އުންމީދުކަނޑައިނުލާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން