ހެޔޮނުވާނެ- ދަތިޙާލުގަ ތިބި ކުދިންނަށް އެހީތެރިވެބަލަ!- ވަށިގަނޑުން ހޮވި ކުއްޖަކަށްޓަކާ ދިރިއުޅުން ޤުރްބާންކުރި ފިރިހެނަކަށް ލެއްވެވި ބޮޑު ނަޞީބުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 37ސ
ހެޔޮނުވާނެ- ދަތިޙާލުގަ ތިބި ކުދިންނަށް އެހީތެރިވެބަލަ!- ވަށިގަނޑުން ހޮވި ކުއްޖަކަށްޓަކާ ދިރިއުޅުން ޤުރްބާންކުރި ފިރިހެނަކަށް ލެއްވެވި ބޮޑު ނަޞީބުގެ ވާހަކަ-

އިބްރާހީމް ކުނި އުކާލަން ވަށިގަނޑު ކައިރިއަށް ދިއުމުން ފެނުނީ ވިހާފައި އެއްލާލާފައި އޮތް ކުޑަކުއްޖެކެވެ. އިބްރާހީމް ވަގުތުން އެކުއްޖާ ވަށިގަނޑުން ނެގިއެވެ. ގެއަށް ގެންދަން ބޭނުންވިއެވެ. ނަމަވެސް އަނބިމީހާ ރުޅިއަތުވެދާނެކަމަށް ބިރުން ކުއްޖާ ގެންދިއައީ އެފަދަ ކުދިން ބަލަހައްޓާ ތަނަކަށެވެ.

އިބްރާހީމް އުންމީދުކުރީ ކޮންމެވެސް މީހަކު ކުއްޖާ ބަލައިގަނެގެން ގެންގޮސް ދަރިއެއްގެ ގޮތުގައި ކުއްޖާ ބޮޑުކުރާނެ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ކުއްޖާ ނުގެންދިއައެވެ. މައްސަލައަކަށްވީ ކުއްޖާގެ ނިތްކުރީގައި ބޮޑުލަފެއް އިންނާތީ މޫނުގެ ސިފަ ހުތުރުކަމެވެ.

އިބްރާހީމް ކޮންމެ ދުވަހަކލުހެން ކުއްޖާއަށް ޒިޔާރަތްކުރެއެވެ. ޙާލުބަލައި އެހީތެރިވެއެވެ. ދުވަސްތަކެއް ފާއިތުވިފަހުން އިްރާހީމް ކޮންމެދުވަހަކު ދާތަނަކާއިބެހޭ ގޮތުން އަނބިމީހާ ސުވާލުކުރުމުން ތެދަށް ކިޔައިދިނުމުން އަނބިމީހާ ބޭނުންވީ ކުއްޖާ ގެއަށްގެނެސްގެން ބަލާށެވެ.

އިބްރާހީމް ކއްޖާގެނެސްދިނެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްފަހުން އަނބިމީހާ ޝަކުވާކުރަން ފެށިއެވެ. ކުއްޖާ އަބަދު ރޯތީއެވެ. ކުއްޖާ ހޮވިގޮތަށް އެއްލާލަން އަނބިމީހާ ބުންޏެވެ. ނަމަވެސް އިބްރާހީމް އެކަމަށް ދެކޮޅު ހެދިއެވެ. ނަތީޖާއަކަށްވީ ކުއްޖާ އާއި އިބްރާހީމް ގެއިން ބޭރުކޮށްލުމެވެ.

އިބްރާހީމް ކުއްޖާ ގޮވައިގެން ގޮސް ކުޑަކޮޓަރިއެއް ކުއްޔަށް ހިފައިގެން ދިރިއުޅެން ފެށިއެވެ. އެދުވަސްވަރު އިބްރާހީމްއަށް ޕްރަމޯޝަން ލިބި، ލިބޭ އާމްދަނީ އިތުރުވުމުން އެޕާޓްމަންޓެއް ކުއްޔަށް ހިފައި އެތަނުގައި ދިރިއުޅެން ފެށިއެވެ. އަދި ދެވަނަ ކައިވެންޏެއްވެސް ކުރިއެވެ.

ކުއްޖާ ބޮޑުވެ މަސައްކަތްކުރެވޭވަރުވީތަނާ މުއްސަނދި ދެމަފިރިއަކު އެދެމަފިރިންގެ ސެކެޓްރީއެއްގެ ވަޒީފާ ކުއްޖާއަށް ދިނެވެ. ކުއްޖާ ވަޒީފާއަށް ގޮސްއުޅެނީ ނިތްކުރީގައި އިންނަ ފާހަގަ ފޮރުވޭނެ ގޮތަށް ބުރުގާ އަޅައިގެންނެވެ.

އެއްދުވަހަކު ފާޚާނާއިން ނުކުމެ ބުރުގާ ރަނގަޅުކުރަން އުޅުމުގެ ތެރޭގައި ދެމަފިރިންނަށް އެފާހަގަފެނުނެވެ. އަދި އެފާހަގައާއި ބެހޭގޮތުންނާއި އޭނާގެ މައިންބަފައިންނާއި ބެހޭ ގޮތުން ސުވާލުކުރުމުން އޭނާއާއިމެދު ކަންކަން ވީގޮތް ކިޔައިދިނެވެ.

ކުއްޖާގެ ޙަޤީޤަތް:

މުއްސަނދި ދެމަފިރިންނަށް ލިބުނީ އެންމެ ދަރިއެކެވެ. އެއީ އަންހެން ކުއްޖެކެވެ. ދަރިފުޅު ކައިވެނި ކުރިަން ބޭނުންވި ކުއްޖާ އާއި ނުރުހި ދަރިފުޅު ގެއިން ބޭރުކޮށްލީއެވެ. ދަރިފުޅު އޭނާ އާއި ކައިވެނިކޮށްގެން އުޅެނިކޮށް ދަރިއަކު ލިބުނީއެވެ. ނަމަވެސް ފިރިމީހާއަކީ ވަރަށް ނުބައި އަނިޔާވެރިއަކަށްވެފައި ލިބުނު ދަރިފުޅުގެ ނިތްކުރީގައި ބޮޑުލަފެއް އިނުމުން ސިފަހުތުރުކަމުން ލިބުނު ދަރިފުޅު އެއްވެސް ރަޙުމެއް ނެތި އެއްލައިލީއެވެ. އެކަމުގެ ހިތާމައިގައި ކުއްޖާގެ މަންމަ މަރުވީއެވެ.

އެދެމަފިރިން އެމީހުންގެ ކާފަ/މާމަ ދަރިފުޅު ދެނެގަތީ އެފާހަގައިންނެވެ. އެމީހުންގެ ދަރިފުޅުގެވެސް ނިތްކުރީގައި ހަމައެ ފާހަގަ އިންނާތީއެވެ. ޔަޤީންކުރެވުނީ ޑީއެންއޭ ޓެސްޓް ހެދުމުންނެވެ.

އެދެމަފިރިން އިބްރާހީމް އެގެއަށް ގެނުވިއެވެ. އަދި އިބްރާހީމް ކޮށްދިން ޚިދުމަތުގެ އަގުވަޒަންކޮށް އެމީހުންގެ ވިޔަފާރި ބަލަހައްޓައިގެން ދަރިފުޅާއިއެކު އެގޭގައި ދިރިއުޅެން ދައުވަތުދިނެވެ. އަދި ދެމަފިރިން މަރުވުމުން މުދަލުގެ 40 އިންސައްތަ އިބްރާހީމްއަށް އަދި 60 އިންސައްތަ ދަރިފުޅަށް ފަތްލިޔެވެސް ދިނެވެ.

އިބްރާހީމްވީ ޤުރްބާނީގެ އަގުލިބި އިތުރުވީއެވެ. އިބްރާހީމަކީވެސް މިލިއަނަރަކަށްވެވުނީއެވެ.

އަޚުންނާއި އުޚުތުންނޭވެ. މިފަދަ އެތައް ބައިވަރު ޙާދިށާތައް ކޮންމެ ދުވަހަކު ހިނގައެވެ. ނަމަވެސް އެފަދަ ވާހަކަތައް ދައްކާ މީހުން މަދީއެވެ. މިއަދުގެ މީހުންނަށް މިތިބީ ވަރަށް ނުބައި ޒާތެއްގެ ބައްޔެއް ޖެހިފައެވެ. އެއީ މީހުންގެ ނުބައިކަމުގެ ވާހަކަތައް ދެއްކުމުގެ ބައްޔެވެ. މީހުންކުރާ ރަނގަޅު ކަންކަމުގެ އަގު ވަޒަން ނުކުރުމުގެ ބައްޔެވެ.

ދުނިޔޭގައި ކަންކަން ހިނގާ ގޮތް ނިކަން ދެކިބަލާށެވެ! ތަނެއްގައި އާދައިގެ ވަޒީފާއެއް އަދާކޮށްލައިގެން ދިރިއުޅުމުގެ ކަންކަން އާދައިގެ ފެންވަރެއްގައި ކުރަމުން އައި އިބްރާހީމް ކުއްލިއަކަށް މިއަދު އެވީ މިލިއަނަރަކަށެވެ.

މިއީ ޜާއްޖޭގައި ހިނގާފައިވާ ކަމެއް ނޫންނަމަވެސް މިވާހަކަފެނުމުން މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާމިކުރީ އެންމެ ބޭނުމަކުއެވެ. ޔަތީމް މިސްކީން ކުދިންނަށް އެހީތެރިވެދިނުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.

ރާއްޖެއަކީ ކުދިން އުކައިލާ ޤައުމެއް ނޫނެވެ. ނަމަވެސް ހަމަ މިރާއްޖޭގައިވެސް ވަރަށް ނިކަމެތި ޙާލުގައި ތިބި ކުޑަކުދިން ހާދަގިނައެވެ. އެމީހެއްގެ ފެންވަރުން އެހީތެރިވެދިނުން ކީއްތޯއެވެ؟

ކޮންމެ މީހަކަށް އިބްރާހީމަށް އެލިބުނު ފުރުޞަތު ދުނިޔޭގައި ނުލިބިދާނެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް އާޚިރަތް ދުވަހު އޮތީ ހަމަ ހެޔޮ ރަޙްމަތެވެ. އަދި ދުނިޔޭގައިވެސް އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

--ސަޢީދާ މޫސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން