ބަލިވީމާ ހަނދާން ނެތޭ އެކުވެރިން ގިނަވެއްޖެ- ބޮޑަށް އަޅާލަނީ އަންހެނުން އަންހެނުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ބަލިވީމާ ހަނދާން ނެތޭ އެކުވެރިން ގިނަވެއްޖެ- ބޮޑަށް އަޅާލަނީ އަންހެނުން އަންހެނުންނަށް!

އެކުވެރިންގެ މިހާރުގެ އެންމެ ބޮޑު އެއް އާދައަކީ ގަދަވެ ހުންނައިރު ކޮފީ މޭޒުތައް ކައިރިން ދުރަށް ދެވޭ ކަމަކަށް ނުވުމެވެ. ގުޅައިގެންވެސް ކޮފީއަށް ގެންދެއެވެ. އެކުގައި އެތައް ގަޑިއރެއްވަންދެން ވަޤުތު ހޭދަކުރެއެވެ. ނަމަވެސް ބަލިވެއްޖެ ނަމަ ޙާލުވެސް ބަލައިލެވޭ ކަމަކަށް ނުވެއެވެ. 

ސުވާލަކީ އެއީ ކޮން ރަޙްމަތްތެރިކަމެއް ހެއްޔެވެ؟ ރަހްމަތްތެރިޔާ ދެކެ އެވެވެނީ ކޮން ލޯތްބެއް ހެއްޔެވެ؟ ޙަޤީޤީ ރަޙްމަތްތެރިންނަކީ ބަލިވީމައި ވެސް ޙާލު ބަލައި އަދި އެހީތެރިކަމަށް ނުއެދުނު ނަމަވެސް އަމިއްލައަށް އިސް ނަގައިގެންވެސް އެހީތެރިކަން ފޯރުކޮށްދޭ މީހާއެވެ. 

އަހަރެންގެ ކްލިނިކަށް އަންނަ ބަލި މީހުންނާއިއެކު އެމީހުންގެ ރަޙްމަތްތެރިން އަންނަނީ ވަރަށް މަދުންނެވެ. ވަރަށް ބޮޑަށް ބަލިވެގެން ވެސް އެކަނި އަންނަ މީހުން މަދެއް ނޫނެވެ. ނަމަވެސް އެމީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި އެމީހުންގެ ރަހްމަތްތެރިން ވަރަށް ގިނައެވެ. ރަހްމަތްތެރިކަމުގެ ބޭނުމަކީ ކޮބައިކަމާއިމެދު ސުވާލު އުފެދެނީ މިހެންވެގެންނެވެ. 

ހަމަ އެއާއިއެކު އެއްކަމެއް ފާހަގަކޮށްލާނަމެވެ. ބަލިމީހާ ގޮވައިގެން ރަޙްމަތްތެރިން އަންނަ ނިޞްބަތަށް ބަލައިފިނަމަ ގިނައީ އަންހެނުންނެވެ. މިއާދަ ފިރިހެނުން ދަސްކުރަން އެބަޖެހެއެވެ. ރަހްމަތްތެރިޔާއަކީ އަންހެނަކަށްވުމުން ތިމާ ދިއުމަށް ހުރަސް ހުރިނަމަ ތިމާގެ އަނބިމީހާ ނުފޮނުވަނީ ކީއްވެގެން ހެއްޔެވެ؟ އިޚްލާޞްތެރި ރަޙްމަތްތެރިކަމަކީ އެއީ ނޫންހެއްޔެވެ؟ 

- ޑރ. ނިސްރީން ޢަބްދުﷲގެ ލިޔުމަކުން

މިއަދު އޮންލައިން