ކިތަންމެ ގާތް ނަމަވެސް ކޮންމެ މީހަކު ދައްކާ ކޮންމެ ވާހަކައެއް ބުއްދީގެ ތިލަފަތުން ނުކިރާ ޤަބޫލުނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ކިތަންމެ ގާތް ނަމަވެސް ކޮންމެ މީހަކު ދައްކާ ކޮންމެ ވާހަކައެއް ބުއްދީގެ ތިލަފަތުން ނުކިރާ ޤަބޫލުނުކުރާށެވެ!

އެންމެ ގާތް އެކުވެރިންގެ މެދުގައިވެސް މައްސަލަތައް ޖެހެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ވަކި އެކުވެރިއަކު ބުނެފިނަމަ ކޮންމެ ވާހަކައެއްވެސް އެއީ ތެދެއް ކަމުގައި ޤަބޫލުކުރެވޭތީއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ގިނަ ބައަކު ބަލަނީ ދެއްކި ވާހަކަ އަކަށް ނޫނެވެ. ދެއްކި މީހާއަށެވެ. އިސްރާ އާއި މިޢްރާޖެގެ ވާހަކަ މީހަކު ގޮސް ދެންނެވުމުން އަބޫބަކުރުގެފާނު ވިދާޅުވީ "ރަސޫލާ (ﷺ) ތިއަހެން އެބަ ވިދާޅުވޭ ހެއްޔެވެ؟ ވިދާޅުވާނަމަ ތިއަ ވާނީ ހަމަ 100% ތެދަށެވެ. ތިމަން ކަލާގެފާނު ތިއަ ކަންކަން ޤަބޫލުފުޅު ކުރައްވައިފީމުއެވެ."

އެގޮތަށް އެކަންކުރެއްވެވި ސަބަބުވެސް އަބޫބަކުރުގެފާނު ބަޔާންކޮށް ދެއްވެވިއެވެ. "އަހަރެމެން މިތިބީ ތިއައަށްވުރެ މާބޮޑުކަމެއްގައި ރަސޫލާ އަށް އެންމެ ފިހަމައަށް އިތުބާރުކޮށްގެންނެވެ. ﷲ ތަޢާލާ ވަޙީ ބާވައިލެއްވެވުމުން އެކަންވެސް ޤަބޫލުކޮށްގެނެވެ."

ހަމައެއާއިއެކު ދޮގުހަދާ މީހަކަށް ވަޙީބާވައި ނުލައްވަވާނެކަން އެއީވެސް ޔަޤީން ކަމެކެވެ. ވީމާ އިސްރާ އާއި މިޢްރާޖްގެ ވާހަފުޅު ރަސޫލް ބަޔާންކުރެއްވެވުމުން އެވާހަކަފުޅު އަބޫބަކުރުގެފާނު ޤަބޫލުފުޅުކުރެއްވެވީ ގިނަ ސަބަބުތަކެއ ހުރުމުންނެވެ.

މައްސަލައަކީ ރަސޫލް (ﷺ) އަށް އަބޫބަކުރުގެފާނު ދެއްވެވި މަތިވެރި ދަރަޖަ މިއަދު ވެސް ބައެއް މީހުންނަށް ދެވިގެން އުޅޭ ކަމެވެ. އެމީހާ ތާއީދުކުރާ މީހާ ކިތަންމެ ބޮޑެތި ދޮގުތައް ހެދި ނަމަވެސް އެއީ ތެދުކަމުގައި ޤަބޫލުކޮށް އަދި އެއީ ތެދުކަން މީސްތަކުންނަށް ބަޔާންކޮށްދޭން އުޅޭ ކަމެވެ. ދެއްކި ވާހަކައިގެ މާނަވެސް އެފަހަރަކު ބޭނުންވާ ގޮތަކަށް ބަދަލުކުރަން މަސައްކަތްކުރާ ކަމެވެ.

ފިތުނަ އުފެދޭނީ ބުނާ މީހާގެ ސަބަބަކުން ނޫނެވެ. ބުނާ ބަހުގެ ސަބަބުންނެވެ. މި ޙަޤީޤަތް ޤަބޫލުކުރަމާތޯއެވެ! އެއްވެސް މީހަކު ބުނާ ކޮންމެ ވާހަކައަކީ ތެދުކަމަށް ޤަބޫލުކުރުމެއް ނެތެވެ. ކިތަންމެ ރަނގަޅު މީހަކު ނަމަވެސް ނުބައި ވާހަކަ އެބަ ދައްކައެވެ. ބޮޑެތި ދޮގުތައް އެބަ ހަދައެވެ. އިންކާރު ނުކުރެވޭނީ ހަމައެކަނި ކީރިތި ޤްރްއާނަށާއި ރަސޫލް (ޞޢވ)ގެ ސުންނަތަށެވެ. ޞަޙީޙް ޙަދީޘްފުޅުތަކަށެވެ.

އިންސާނުންނަށް މައްސަލަތައް ކުރިމަތިވެ ފިތުނަވެރިކަން ޢާންމުވެގެން މިއުޅެނީ އިންސާނުން، އިންސާނުންނަށް އަޅުކަން ކުރާތީއެވެ. ކަލާނގެވަންތަކަމަށް އެމީހަކު ޤަބޫލުކުރާ މީހާ ކޮންމެ ފަދަ ވާހަކައެއް ދެއްކި ނަމަވެސް އެއީ ހަޤީޤަތާއި ތެދު ކަމަށް ޤަބޫލުކުރެވޭތީއެވެ.

އެކަން ބަދަލުކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. ކޮންމެ މީހަކު ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ދެއްކި މީހާއަށް ނުބަލާށެވެ! ދެއްކި ވާހަކައަށް ބަލާށެވެ.

ޢަންމު ރައްޔިތުންނާއި މުޚާޠަބްކޮށް ވާހަކަ ދައްކާއިރު ބަނޑުގައި އެއް މާނަ ބާއްވައިގެން ވާހަކަ ދެއްކުމަކީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ހަޤީޤަތުގައި އެންމެ ގިނައިން ފިތުނަ އުފެދެނީ އެފަދަ ވާހަކަތަކުގެ ސަބަބުންނެވެ. "ނޫން! އަޅުގަނޑު ބުނީ އެހެނެއް ނޫން.. އަޅުގަނޑު ދެންނެވީ..މިސާލަކަށް" ކޮން މިސާލަކަށްތޯއެވެ؟ ވިދާޅުވި އެތި ވަނީ އަޑު އިވިފައެވެ. އިތުރު ތަފްޞީލު ދެއްވާނީ މިހާރަކު ނޫނެވެ. އެއިރު އެވެ. ވިދާޅުވި އިރުއެވެ.

މިއީ ސިޔާސީ ބޭފުޅުން ވަރަށް ވިސްނަން ޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް ރައްޔިތުންގެ އެތައް ހާސް ބައެއްގެ ލޯބި ހޯއްދަވައިގެން ތިއްބެވި ބޭފުޅުންނެވެ. ދިވެހި ބަހުން ދައްކަވާ ވާހަކަ އިތުރަށް މާނަކުރަން ނުޖައްސުވާށެވެ! އެއިރުން މުޖުތަމައުގައި އުފެދެނީ އިތުރު ފިތުނަވެރިކަމެވެ.

ފިތުނައިން ސަލާމަތްވާނީ މިއުޞޫލުން ކަންކަން ކުރެވިގެންނެވެ.

 

މިއަދު އޮންލައިން