ޢަލީ އިޙްޞާން ފިރާޤް
ހިތްޕުޅުގަ ކޮންމެ އެއްޗެއް އޮތް ނަމަވެސް ޢާއޝަތުގެފާނު އިންޞާފަށް ލޯބިކުރެއްވެވިކަން-
މާތް ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހު ޞަފިއްޔަތުގެފާނު
މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުމަށްފަހު މުސްލިމުންގެ ޚަލީފާއަކަށް ހަމަ ޖެހިގެން ދިޔައީ އަބޫބަކުރުގެފާނެވެ. އެކަލޭގެފާނުގެ ޚިލާފަތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ޚަރަދު ބަރަދަށްވާ ފައިސާ ހަމަ ހަމައަށް އެއްވަރަކަށް ހުރިހާ ބޭކަނބަލުންނަށްވެސް ފޮނުއްވަމުން ގެންދެވިއެވެ.
ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ މުސާރަފުޅަކީ ބަރާ ހާސް ދިރުހަމް ކަމުގައި ހަމަޖެއްސެވިއެވެ. ނަމަވެސް ޖުވައިރިއްޔަތުގެފާނަށާއި، ޞަފިއްޔަތުގެފާނަށް ދެއްވީ ހަ ހާސް ދިރުހަމެވެ. އެބޭކަނބަލުން އެ މުސާރަފުޅު ހިއްޕެވުމަށް އިންކާރު ކުރެއްވިއެވެ.
އެދެބޭކަނބަލުން އެކަމަނާ އިޢުތިރާޟު ކުރެއްވުމުން ޢުމަރުގެފާނު ވިދާޅުވިއެވެ. [އެހެން ބޭކަނބަލުންނަށް ބާރަ ހާސް ދިރުހަމު ދެއްވީ އެބޭކަނބަލުންނަކީ މުހާޖިރިއްޔަ ބޭކަނބަލުން ކަމުގައި ވާތީއެވެ.]
ޞަފިއްޔަތުގެފާނާއި ޖުވައިރިއްޔަތުގެފާނު ވިދާޅުވިއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم ދެކެވަޑައިގަންނަވާ ގޮތުގައި އެކަލޭގެފާނުގެ ހުރިހާ އަނބިއަނބިކަނބަލުންނަކީ ހަމަހަމަ ބައެކެވެ. ވީމާ މުހާޖިރުންނަށް ވެގެން މި ތަފާތު ގެނެސްގެން ނުވާނެއެވެ.]
މިދެންނެވި ކަންތައްތަކުގެ ވާހަކަ ޢާއިޝަތުގެފާނަށް އެނގިވަޑައިގެން އެކަމަނާ ޢުމަރުގެފާނަށް ދެންނެވިއެވެ. [ މާތް ރަސޫލާ صلّى اللّـه عليه وسلّم ތިމަންބޭކަނބަލުންގެ މެދުގައި އެއްޗެއް ބައްސަވާނަމަ ބައްސަވަނީ ހަމަހަމައަށް އިންޞާފުންނެވެ.] މި ވާހަކަތަކަށް ރިޢާޔަތްކުރައްވާ ޢުމަރުގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހުރިހާ އަނބިއަނބިކަނބަލުންނަށް ހަމަހަމައަށް މުސާރަ ދެއްވިއެވެ.
ޢުމަރުގެފާނުގެ ޚިލާފަތުގައި އެއްފަހަރަކު ޞަފިއްޔަތުގެފާނު ގެންގުޅުއްވި ޖާރިޔާއަކު އައިސް ޢުމަރުގެފާނަށް ދެންނެވިއެވެ. [ޞަފިއްޔާގެ ކިބައިގައި އަދިވެސް ޔަހޫދީންވަންތަކަން އެބަހުރެއެވެ. އެހެނީ އެކަމަނާ ހޮނިހިރުދުވަހަށް ލޯބިކުރައްވައެވެ. ޔަހޫދީންނާ ގާތް ގުޅުމެއް ބަހައްޓަވައެވެ.]
މިކަން ތަޙްޤީޤު ކުރައްވަން ޢުމަރުގެފާނު މީހަކު ފޮނުއްވައިގެން އެކަމަނާއާ ސުވާލުކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ. [ހޮނިހިރު ދުވަހުގެ ބަދަލުގައި މާތް ﷲ އަޅުގަނޑަށް ދެއްވާފައިވަނީ ހުކުރު ދުވަހެވެ. ޔަހޫދީންގެ ތެރޭގައި އަޅުގަނޑުގެ ގާތްތިމާގެމީހުން އެބަތިއްބެވެ. އެމީހުންނަށް ގުޅުންބާއްވާ ހެޔޮ ފޯރުކޮށްދީއުޅެމުއެވެ.]
އެހެން ވިދާޅުވެފައި އެ ޖާރިޔާއަށް ދެންނެވިއެވެ. [ކަމަނާ ތިޔަ ޝަކުވާ ޢުމަރުގެފާނުގެ އަރުހުގައި ކުރީ ކީއްވެގެން ހެއްޔެވެ؟] އެ ޖާރިޔާ ދެންނެވިއެވެ. [ޝައިޠާނާ ވަސްވާސް ދިނީއެވެ.] ޞަފިއްޔަތުގެފާނު ވިދާޅުވިއެވެ. [ތިޔަހުރީ މިނިވަންކޮށްފައެވެ. ބޭނުން ތަނަކަށް ދާށެވެ.]
ޢުޘްމާނުގެފާނު ޚިލާފަތުގައި މަދީނާއަށް ބާޣީން އަރާ އެކަލޭގެފާނުގެ ގަނޑުވަރު ވަށައިލިއެވެ. އެކަލޭގެފާނުގެ ގަނޑުވަރަށް ކާތަކެއްޗާއި ފެން ވެއްދުންވެސް މަނާ ކުރިއެވެ. އެކަން ޞޮފިއްޔަތުގެފާނަށް އެނގިވަޑައިގެންނެވުމުން ޢުޘްމާނުގެފާނުގެ އަރިހަށް ކާތަކެއްޗާއި ފެން ހިއްޕަވައިގެން ވަޑައިގެންނެވިއެވެ. އެ މަންޒަރު ފަސާދަވެރިންގެ ތެރެއިން ބޮޑެއްކަމުގައިވާ މާލިކު އަލް އަޝްތަރު އަށް ފެނިގެން އައިސް އެކަމަނާ ސަވާރުވެވަޑައިގެން އިންނެވި ބަޣަލުގެ މޫނުގައި ތަޅަށް ފެށިއެވެ. އެކަމަނާ ވީދާޅުވުއެވެ. [އަހަރެންގެ ކުރިމަތީން ދުރަށް ދާށެވެ. އަހަރެންގެ ބަޣަލުގެ ވާފަށުން ދޫކުރާށެވެ. އަހަރެން އެނބުރި ގެއަށް ދިޔަ ދޭށެވެ.]
އެއަށްފަހު އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ގެކޮޅަށް ވަޑައިގެން އެކަމަނާއަށް ދޮންމާމާ ވިދާޅުވާ ދެބޭކަލުންކަމުގައިވާ ޙަސަނުގެފާނާއި ޙުސައިންގެފާނު މެދުވެރިކުރައްވައި ޢުޘްމާނުގެފާނަށް ފަރީކޮޅާއި ފެން ފޮނުއްވަމުން ގެންދެވިއެވެ. އެއް ރިވާއެއްގައިވަނީ އެކަމަނާގެ ގެކޮޅުން ޢުޘްމާނުގެފާނުގެ ގެކޮޅަށް ފިލައެއް އަޅުއްވައިގެން އެ ފިލާ މެދުވެރި ކުރައްވައިގެން ފަރީކޮޅުއް ފޮނުއްވި ކަމަށެވެ.