ދެމަފިރިންވެސް މިކަންކަމަށް ސަމާލުކަން ދީފިނަމަ ދިރިއުޅުން އުފާވެރިވުމުގެ އިތުރުން ޘަވާބު ލިބި ބަރަކާތްވެސް ލައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދެމަފިރިންވެސް މިކަންކަމަށް ސަމާލުކަން ދީފިނަމަ ދިރިއުޅުން އުފާވެރިވުމުގެ އިތުރުން ޘަވާބު ލިބި ބަރަކާތްވެސް ލައްވަވާނެ! އިން ޝާ ﷲ

ކައިވެނިކުރުމަކުން އެއްވެސް މީހަކީ އަނެކާގެ މިލްކަކަށްނުވެއެވެ. އަދި އަޅަކަށްވެސް ނުވެއެވެ. ދެމީހުންނަކީވެސް އެކުގައި ތިބި ދެ މިނިވަނުންނެވެ. އެކަން ދެމީހުންވެސް ޤަބޫލުކުރަންވާނެއެވެ. މާނައަކީ ދެމީހުންނަށްވެސް އަނެކާގެ މައްޗަށް ޙައްޤުތައް ލިބިގެންވަނީ އިމެއްގެ ތެރެއިންނެވެ. އެއިންތައް ކަނޑައަޅުއްވަވާފައިވަނީ ﷲ ތަޢާލާއެވެ. 

ކޮންމެ މީހަކަށްވެސް އަނެކާ ނުރުހޭ ކަންކަން ކުރެވޭނެއެވެ. ކޮށްދޭންޖެހޭ ކަންކަން ނުކޮށްދެވި ލަސްވެސްވެދާނެއެވެ.  އެފަދަ ކޮންމެ ކަމަކާއި ގުޅިގެން ރުޅި އައިސް އެއްޗެތި ނުގޮވާށެވެ. ރިވެތި ގޮތުގައި މުޢާމަލާތުކުރާށެވެ! ލޯތްބާއި ހަމްދަރުދި އާއިއެކު ވާހަކަދައްކާށެވެ. 

ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ފިރިމީހާއަކީ މަސައްކަތުން އެނބުރި ގެއަށް އަންނައިރު ގޭތެރޭގެ ކަންކަން ވަރަށް ރަނގަޅަށް އިންތިޒާމްވެފައި ހުންނަން ބޭނުންވާ މީހަކަށްވެދާނެއެވެ. ނަަމަވެސް އެކަން އެގޮތަށް ނުހުރެދާނެއެވެ. ދަރިންބަލަމުން ގޭތެރޭގެ ކަންކަން އެންމެ ރަނގަޅަށް ނުކުރެވިދާނެއެވެ. 

އެޙާލަތުގައި އަނބިމީހާއަށް އެއްޗެތިނުގޮވައި ކަންކަން ރަނގަޅަށް އިންތިޒާމުކޮށްލަން މަސައްކަތްކުރާށެވެ! ސިންކުގައި ތަށި ނުދޮވެވި ހުރިނަމަ ރުޅިއަންނަންވީއެއް ނޫނެވެ. އަމިއްލައަށް ކޮށްލާށެވެ. ނޫންނަމަ ދަރިންގެ ކަންކަމާއި ޙަވާލުވެފަ މަސައްކަތްކުރަން އަނބިމީހާއަށް ފުރުޞަތު ފަހިކޮށްދޭށެވެ. 

މިވާހަކަ ދައްކަން މިޖެހެނީ މިބުނި ގޮތަށް ކަންކަން ނުކޮށް ރުޅި އާދެވި ބަސްބުނަމުން ގެންދިއުމުން އެކަންކަމަށް ކެތްނުކުރެވިގެން ގެއިން ނުކުންނަންޖެހޭ އަނބިން މަދެއް ނޫނެވެ.

ހަމައެގޮތަށް ފިރިމީހާ ކޮށްދޭންޖެހޭ ކަމެއް ކޮށްނުދެވި ލަސްވާނަމަވެސް ރުޅި އިސްނުކުރާށެވެ. ހަނދާންކޮށްލައިދޭށެވެ. ރުޅި އައިސް ބޮޑާހާކައި ކުނިމޫނު ދައްކަންޖެހޭނީ ޤަޞްދުގައި ފަރުވާކުޑަކުރަނީކަން ޔަޤީންކުރުމަށްފަހުގައެވެ.  

ގޭތެރޭގެ މަސައްކަތް ފިރިހެނުން ކުރުމަކީ ހަމައެކަނި އިޖުތިމާޢީ ކަމެއްވެސް ނޫނެވެ. އެއީ މަތިވެރި ސުންނަތެކެވެ. އެކަންކުރުމުން ﷲ ތަޢާލާ ޘަވާބު ދެއްވަވާނެތެވެ. ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން