(نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ ۚ إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى ﴿١٣﴾ )
"ތިމަންރަސްކަލާނގެ، ކަލޭގެފާނަށް އެއުރެންގެ خبر ތެދަށް ކިޔައިދެއްވަމެވެ. ހަމަކަށަވަރުން، އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެއަށް إيمان ވެ، އެއުރެންނަށް، ތިމަންރަސްކަލާނގެ ތެދުމަގު އިތުރުކުރައްވާފައިވާ ޒުވާން ފިރިހެނުން ތަކެކެވެ."
ތެދުބަހުން، ޙަގީގަތް އެނގުމާއި އެކު، ފަސޭހައިން ވިސްނޭނެ ޢިބާރާތުން ބުނެދިނުން އެއީ އެންމެ ރަގަޅު ގޮތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުގައި ވަނީ ޙައްގު ތެދެވެ. އެކަލާންގެ ބަސް ވަޙީ ކުރައްވާފައިވަނީ ޙަގީގަތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ޙާލުގައެވެ. އެންމެ ފަޞާޙާތްތެރި ޢިބާރާތުންނެވެ. މީސްތަކުންނަށް ފަސޭހައިން ވިސްނައިގަނެވޭނެ ގޮތަށެވެ.
( نَّحْنُ ) "އަހަރުމެން"، ﷲ ތަޢާލާ އަކީ އެއްކައުވަންތަ އިލާހު ކަމަށްވީއިރު "އަހަރުމެން" މިފަދައިން ވަޙީ ކުރައްވާފައިވާ ވުމުގެ ޙިކްމަތަކީ:
އަމިއްލަ ނަފްސަށް އިޝާރާތްކޮށް ޖަމްޢުގެ ޞީޣާ (ނަޙްނު)، ނުވަތަ މުފްރަދުގެ ޞީޣާ (އަނާ)، ނުވަތަ ޣައިބުގެ ޞީޣާ (ހުވަ) ބޭނުން ކުރުމަކީ ޢަރަބިންގެ ތެރޭގައި ވާހަކަދެއްކުމުގައި ބޭނުން ކޮށް އުޅުނު އުސްލޫބު ތަކެވެ. ކީރިތި ގުރްއާން ބާވާލެއްވުނީ ޢަރަބި ބަހުން ކަމުން، ޢަރަބިންގެ ތެރޭގައި ބޭނުން ކޮށް އުޅުނު ތިން ޞީޣާވެސް ކީރިތި ގުރްއާނުގައި ބޭނުން ކުރައްވާފައިވެއެވެ. (ފަތާވާ އައްލަޖްނަތުއްދާއިމާ 4/143).
(އަނާ) އަދި (ނަޙްނު) މި ދެލަފްޡު ބޭނުން ކޮށްގެން މީހަކު އޭނާގެ ޖަމާޢަތަށް ނިސްބަތްކޮށްވެސް ވާހަކަ ދައްކަފާނެއެވެ. އަދި ބައެއް ފަހަރު މީހަކު އޭނާގެ އަމިއްލަ ނަފްސަށްވެސް މިދެޞީޣާ ބޭނުން ކޮށްފާނެއެވެ. މިޘާލަކަށް ރަސްރަސްކަލުން ބޮޑެތި ބަޔާންތައް އިއްވާ ހިނދުގައި (ނަޙްނު) ބޭނުން ކުރެއެވެ. އެކަމަކު އެއީ އެންމެ ފަރްދެކެވެ. މީގެ ބޭނުމަކީ މަތިވެރި ކުރުމެވެ. ނުވަތަ ވަރުގަދަކޮށް ބާރުވެރި ކުރުވުމެވެ. އެންމެ މަތިވެރި ބާރުވެރި ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. އެހެންކަމުން، ކީރިތި ގުރްއާނުގައި (އިންނާ، ނަޙްނު) އައިސްފައި އިނުމުގެ ބޭނުމަކީ އެކަލާނގެ މަތިވެރިކަން ދޭހަކޮށް ދިނުމެވެ. މީގެ މާނައަކީ ފަހަރެއްގައިވެސް އެކަލާނގެ އާއި އެކު އެހެން ޝަރީކަކު ވުމެއް ނޫނެވެ.
(نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ )
(نَّحْنُ نَقُصُّ عَلَيْكَ ) ކަން ހިނގާދިޔަ ގޮތް ކަލޭގެފާނަށް ކިޔައިދެއްވާނަމެވެ.
( نَبَأَهُم ) އެބައިމީހުންގެ ޚަބަރު،
(بِالْحَقِّ ) ޙަގީގަތާއި އެއްގޮތަށް،
(إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ) އެއީ ހަށިގަނޑުގައި ވަރުހުރި، ޢަޒުމް ވަރުގަދަ، އީމާންކަން ވަރުގަދަ ޒުވާން ކުދިންކޮޅެކެވެ.
(وَزِدْنَاهُمْ هُدًى ) މާތް ﷲ އެކުދިންނަށް ހިދާޔަތް އިތުރު ކުރެއްވިއެވެ. މީހަކު ހެޔޮ ޢަމަލު ގިނަކުރި ވަރަކަށް މާތް ﷲ އެމީހަކަށް ހިދާޔަތް އިތުރުކޮށްދެއްވައެވެ.
(وَرَبَطْنَا عَلَىٰ قُلُوبِهِمْ) ތިމަން ﷲ އެކުދިންނަށް ޘާބިތުކަން ދެއްވާ ޢަޒުމް ވަރުގަދަ ކޮށްދެއްވީމެވެ. ސަބަބަކީ މުޅި ގައުމު އެއްކޮށް ވަނީ އެކުދިންނާއި ދެކޮޅަށެވެ. މިފަދަ ޙާލަތެއްގައި ޘާބިތުކަން ބޭނުންވާނެއެވެ. ވަކިން ޚާއްޞަގޮތެއްގައި ޒުވާން ކުދިންކޮޅެއް ކަމުން، އެކުދިންގެ މައިންބަފައިން އެކުދިންނަށް ކާފިރު ވުމަށް އަމުރުކޮށްފިނަމަ އެގޮތަކަށް ކިޔަމަން ގަންފާނެއެވެ. އެހެންނަމަވެސް، މާތް ﷲ ވަނީ އެކުދިންނަށް ޘާބިތުކަން ދެއްވާފައެވެ. މާތް ﷲ އަޅަމެންނަށްވެސް ޘާބިތުކަން ދެއްވާށި. އާމީން.
(إِذْ قَامُوا) އެކުދިންގެ ގައުމުގައި އޮތް ޝިރްކަށް އިންކާރުކޮށް، އެކަމުން ބަރީއަވެ، ތައުޙީދު އިޢުލާންކުރިއެވެ.
(فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ ) ތިމަންމެންގެ ރައްބަކީ އުޑާއި ބިން އުފެއްދެވި އިލާހެވެ. އެހެން ފަރާތެއް ނޫނެވެ. އެކުދިންނަށް ލިބިދާނެ އަނިޔާ އަކަށް ފުރައްސާރަ އަކަށް ބެލުމެއް ނެތިއެވެ. ސިޙުރުވެރިން ފިރްޢައުނުގެ ގާތުގައި ބުނިފަދައިންނެވެ. (قَالُوا لَن نُّؤْثِرَكَ عَلَىٰ مَا جَاءَنَا مِنَ الْبَيِّنَاتِ وَالَّذِي فَطَرَنَا ۖ فَاقْضِ مَا أَنتَ قَاضٍ ۖ إِنَّمَا تَقْضِي هَـٰذِهِ الْحَيَاةَ الدُّنْيَا ﴿٧٢﴾ ) ސޫރަތު ޠާހާ 72. މާނައަކީ: " އެއުރެން ބުނޫއެވެ. بيان ވެގެންވާ حجّة އާއި، دليل ގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ حياة ގައެވެ."
(لَن نَّدْعُوَ مِن دُونِهِ إِلَـٰهًا ) އެފަރާތަށް މެނުވީ އެހެން ފަރާތަކަށް ތިމަންމެން އަޅުކަމެއް ނުކުރާނަމެވެ. ވީމާ، އެކުދިން އެވަނީ ތައުޙީދުއް ރުބޫބިއްޔާ އަށާއި އުލޫހިއްޔާ އަށް އީމާންވެފައެވެ. ރުބޫބިއްޔަތަށް އީމާންވީ ގޮތަކީ (رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ) "ތިމަންމެންގެ ރައްބަކީ އުޑާއި ބިން އުފެއްދެވި ފަރާތެވެ."
ތައުޙީދުލް އުލޫހިއްޔާ އަށް އީމާންވީ ގޮތަކީ (لَن نَّدْعُوَ مِن دُونِهِ إِلَـٰهًا) " އެފަރާތަށް މެނުވީ އެހެން ފަރާތަކަށް ތިމަންމެން އަޅުކަމެއް ނުކުރާނަމެވެ."
(لَّقَدْ قُلْنَا إِذًا شَطَطًا)
(إِذًا ) ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ކޮށްފިނަމަ،
(شَطَطًا ) "ތިމަންމެން އޭރުން އެބުނީ، އަނިޔާވެރިކަމާއި، كفر ގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ."
(هَـٰؤُلَاءِ قَوْمُنَا اتَّخَذُوا مِن دُونِهِ آلِهَةً) "މިތިބީ އެކަލާނގެ ފިޔަވައި އަޅުކަންކުރުމަށް إله ން ތަކެއް ހަދައިގެންތިބި، އަހަރެމެންގެ قوم ގެމީހުންނެވެ."
(لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَانٍ بَيِّنٍ) " (އެ ބުދުތަކަށް އަޅުކަންކުރުމަށް) ފާޅުވެގެންވާ حجّة އެއް، އެއުރެން ނުގެންނަނީ ކީއްވެގެންހެއްޔެވެ؟"
އެބައިމީހުންގެ ކިބައިން އެދެވުނީ ދެކަމަކަށެވެ. އެއީ:
1. އެބައިމީހުން އަޅުކަން ކުރާ ބުދުތައް އެއީ އިލާހެއްކަން ޘާބިތުކޮށްދިނުން،
2. އެބުދުތަކަށް އަޅުކަން ކުރުމުގެ ޙައްގު ލިބިގެންވާކަން. މި ދެކަންތަކަކީ ވެސް މުސްތަޙީލުކަންތަކެވެ.
( بِسُلْطَانٍ بَيِّنٍ )
ސުލްޠާނަކީ އިންސާނާ އަށް ލިބިގެންވާ ބާރެވެ. ބައެއް ފަހަރަށް ދަލީލަށްވެސް "ސުލްޠާން" ކިޔައެވެ. ސޫރަތު ޔޫނުސްގެ 68 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنْ عِندَكُم مِّن سُلْطَانٍ بِهَـٰذَا) މާނައަކީ: "ތިޔަބައިމީހުން ތިޔަބުނާ ބަހުގެ މައްޗަށް ތިޔަބައިމީހުންގެ ގާތުގައި އެއްވެސް دليل އެއް ނެތެވެ."
ބައެއް ފަހަރަށް ލިބިފައިވާ ބާރަކަށްވެސް އެބަސް ބޭނުން ކުރެވެއެވެ. ސޫރަތުއް ނަޙްލުގެ 100 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (إِنَّمَا سُلْطَانُهُ عَلَى الَّذِينَ يَتَوَلَّوْنَهُ وَالَّذِينَ هُم بِهِ مُشْرِكُونَ ﴿١٠٠﴾) މާނައަކީ: "އޭނާއަށް ބާރު ލިބިގެންވާކަން ކަށަވަރީ، އޭނާގެ ވާގިވެރިކަން ލިބިގަންނަ މީހުންގެ މައްޗަށާއި، އެކަލާނގެއަށް شريك ކޮށްއުޅޭ މީހުންގެ މައްޗަށެވެ."
(فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا ﴿١٥﴾ ) " اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ ކާކުހެއްޔެވެ؟"
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން