ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނީ އިޙްޞާންތެރިވެގެން- އެންމެ ކުޑައިރުންސުރެ އިޙްޞާންތެރިކަން ދަރިންނަށް އަންގައިދީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނީ އިޙްޞާންތެރިވެގެން- އެންމެ ކުޑައިރުންސުރެ އިޙްޞާންތެރިކަން ދަރިންނަށް އަންގައިދީ!

އިޙްޞާންތެރިކަމުގެ ފުރިހަމަ މާނަ މިއަދު އެނގެނީ މަދު މީހަކަށެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެހެނީ އިޙްޞާންތެރިކަން ނެތް މީހާ އެވަނީ މަގު ގެއްލިފައެވެ. އެފަދަ މީހުންގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތުމުންނެވެ. 

މަދަރުސާތަކުން އިހްޞާންތެރިކަން ފުރިހަމައަށް ދަސްކޮށްދޭނެ ކަމަށް ބަލައި އިތުބާރުކޮށްގެން ނުތިބޭށެވެ! އެންމެ ކުޑައިރުންސުރެ ޢުމުރާއި ގުޅޭގޮތުން އިޙްޞާންތެރިކަން ދަރިންނަށް ބުނެދޭށެވެ! ޢިހްޞާންތެރިވާން ދަސްކޮށްދޭށެވެ! އިޙްޞާންތެރިކަން ނެތި ބޮޑެތިވެއްޖެ ނަމަ އެކުދިންގެ މުސްތަޤްބަލު ގެއްލިގެން އެދިއައީއެވެ. 

ބައެއް ޢިލްމުވެރިން ނަމާދަށް ހުއްޓިވަޑައިގަތުމާއިއެކު އެބޭކަލުންގެ މޫނުފުޅުގެ ކުލަ ބަދަލުވެ ހުދުވެގެންދެއެވެ. ހަށިކޮޅު ތުރުތުރު އަޅަން ފަށައެވެ. އެއީ އެބޭކަލުންނަށް ފާފައެއް ކުރެއްވެވިފައިވެދާނެ ކަމަށް ބިރުފުޅުންނެވެ. ވީއިރު އަބަދު ފާފަ ކުރެވޭ އަހަރެމެން ކިހައި ވަރަކަށް ބިރުގަންނަން ޖެހޭނެ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ކަންކަން ހުރީ މިފަދައިން ނަމަވެސް އިޙްޞާންތެރިކަމާއިމެދު ގިނަ ބައަކު މިވަނީ ޣާފިލުވެފައެވެ. އަމިއްލަ ނަފްސްތަކުން މިވަނީ އިޙްޞާންތެރިކަން ގެއްލިފައެވެ. ނުވަތަ ވަރަށް ބޮޑަށް އުނިވެފައެވެ. ބިރެއް ޖެހިލުމެއް ނެތި ފާފަތައް ކުރެވެމުން މިދަނީ އެކަމުގެ ސަބަބުންނެވެ. 

އިހްޞާންތެރިންނަކީ ޝައިޠާނާ ކިތަންމެ ވަރަކަށް ވަސްވާސްދިން ނަމަވެސް ﷲ ތަޢާލާ ނަހީ ކުރެއްވެވި އެއްވެސް ޢަމަލެއް ނުކުރާމީހުންނެވެ! އިޙްޞާންތެރިކަމަކީ އިސްލާމް ކަމުގެ ރުކުނެކެވެ. ވީމާ ކޮންމެ މުސްލިމެއްގެ ކިބައިގައިވެސް އިޙްޞާންތެރިކަން ހުންނަން ޖެހެއެވެ. 

ނަމާދު ކުރުމުގައިވެސް އިހްޞާންތެރިވާން ޖެހޭނެއެވެ. ނަމާދުކުރުމުގައި އިޙްޞާންތެރިވުމަކީ ތިމާއަށް ﷲ ތަޢާލާ ނުފެނުނު ކަމުގައިވީނަމަވެސް ތިމާ ކުރާ ނަމާދަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ހިތުގެ އަޑިން ޤަބޫލުކޮށް ވީހައި ފުރިހަމައަށް ނަމާދުކުރުމެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމެވެ. ދިރިއުޅުމުގައި އިޙްޞާންތެރިވުމަކީ ތިމާކުރާ ހުރިހާ އަމަލުތައް ﷲ ތަޢާލާ ވަގުތުން ބައްލަވައި ވޮޑިގެންވާކަން ޤަބޫލުކޮށް ﷲ ތަޢާލާ ނަހީ ކުރެއްވެވި އެއްވެސް ޢަމަލެއް ނުކުރުމެވެ. 

- ޔާސިރް ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން