އެންމެ ވޭން ބޮޑު މުޞީބާތް ކުރިމަތި ކުރުވަނީ އެންމެ ގާތް މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އެންމެ ވޭން ބޮޑު މުޞީބާތް ކުރިމަތި ކުރުވަނީ އެންމެ ގާތް މީހުން-

އެމީހަކަށް ދަތި އުނދަގޫ ޙާލަތެއް ނުވަތަ ހިތްދަތިކަން ކުރިމަތިވެއްޖެނަމަ އެކަން އޭނާއަށް ވާނީ މުޞީބާތަކަށެވެ. މިގޮތުން ބަލައިފިނަމަ ކޮންމެވެސް ކަމަކުން މުޞީބާތެއް ކުރިމަތިވެފައި ނުވާ މީހަކު މަދުވާނެއެވެ.

މިފަދަ ކަންކަމަށް ބަލައި ކުރިމަތިވާ ކުދި ބޮޑު ހުރިހާ ވަރެއްގެ މުޞީބާތްތަކަށް ބެލި ނަމަވެސް އެންމެ ބޮޑު މުޞީބާތެއް ކަމުގައިވެފައި އޮންނަނީ އެންމެ ހިތްދަތިޙާލުގައި ދިރިއުޅެންޖެހިފައިވާ މީހުންނެވެ. އެއިގެ ތެރެއިންވެސް ކުރިމަތިވެފައިވާ މުޞީބާތުގެ ވާހަކަ ދެއްކެން ނެތަ ޙާލުގައި ދިރިއުޅެން ޖެހިފައިވާ މީހުންނެވެ.

ކުޑަކުޑަ މިސާލަކަށް ބަލައިލާނަމެވެ.

ފިރިމީހާގެ ކިބައިން ހިތްދަތިކަމާއި އަނިޔާ ލިބެނީއެވެ. ދަރިންނަށްވެސް މެއެވެ. ނަމަވެސް އެފަދަ ވާހަކައެއް ދައްކައިފިނަމަ ވަރިކޮށްލައިފާނެކަމުގެ ބިރަށާއި އެކަނި ދަރިން ބެލުމުގެ ކުޅަދާނަކަން ލިބިފައި ނެތުމުން އަނގަބަންދުކޮށްގެން ތިބެން އެބަޖެހެއެވެ. ހަމައެގޮތަށް އަނބިމީހާގެ ކިބައިންވެސް އަނިޔާލިބެމުންދަނީއެވެ. އެއިން ވާހަކައެއް ދައްކައިފިނަމަ ވަރިވެ ދަރިންކޮޅުވެސް ބޮލަށް ޖަހައިފިނަމަ ބެލޭނެ ގޮތެއް (ބޯހިޔާވަހިކަމެއް) ނެތުމުން ވެސް އަނގަ ބަންދުކޮށްގެން ހުންނަން އެބަޖެހެއެވެ.

މީގެ އިތުރުން ދަރިންގެ ނުރުހުމުގައި ދަރިން ބޭނުން ނުވާ މީހުންނާއި ގަދަކަމުން ކައިވެނިކުރުވުންވެސް އެއީ ހަމަ ދެވޭ މިފަދަ ބޮޑު އަނިޔާއެކެވެ.

މިފަދަ ޙާލަތެއް މެދުވެރިވުމުން މެނުވީ އެފަދަ ކަމެއް މެދުވެރިވުމުން ކުރާނެ އަސަރު ނުވެސް ވިސްނޭނެއެވެ. ހިތަށް ކުރާނެ އަސަރާއި އަޅާނެ ވޭން އިޙްޞާޞްވެސް ނުކުރެވޭނެއެވެ. މިފަަދ ޙާލުގައި ދިރިއުޅެން ޖެހިފައިވާ ބައެއް މީހުން ބުނެފައިވަނީ އެފަދަ ޙާލެއްގައި ދުނިޔޭގައި އުޅެންޖެހުމަށްވުރެ އަބަދު ގައިގައި ތަޅާ އަނިޔާކުރުމުން އަޅާނެ ވޭންވެސް މާކުޑަވާނެ ކަމަށެވެ.

މީސްތަކުންނޭވެ! ތިމާގެ ކިބައިން އެހެން މީހަކަށް ކިތަންމެ ކުޑަނަމަވެސް ހިތްދަތިކަމެއް ދީފިނަމަ އެކަން އައިސް ތިމާ އާއި އަރައި ހަމަކުރާނެތެވެ. އެއީ ހަމަ ޔަޤީންކަމެކެވެ. ވީއިރު މިބަޔާންކުރި ޒާތުން އެހެން މީހަކަށް އަނިޔާކޮށް ހިތްދަތިކުރުވާނަމަ އެމީހަކަށް ލަވަވައިފާނެ ކޯފާއަށް ބިރުވެތިވާށެވެ. އެމީހަކަށް ކުރިމަތިކުރައްވަވާނީ ކޮންފަދަ ބޮޑު މުޞީބާތެއްކަމެއްވެސް ނުއެނގޭނެއެވެ.

ވީމާ ދުނިޔޭގައި ދިިއުޅެން މިލިބޭ މަދު ދުވަސްކޮޅު ތިމާގެ ކިބައިން އެއްވެސް މީހަކަށް ހިތްދަތިކަމެއް ނުދޭށެވެ. ކިތަންމެ ކުޑަކަމަކުންވެސް އަދި ކިތަންމެ ބޮޑު ކަމަކުން ނަމަވެސްމެއެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ހަޤީޤީ އުފާވެރިކަމެއް ލިބެން އޮތީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން