ސުވަރުގެ ލިބުން އެދޭ މީހާ ސުންނަތަށް އަމަލުކުރުން ގިނަކުރަންޖެހޭކަން ޤިރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ސުވަރުގެ ލިބުން އެދޭ މީހާ ސުންނަތަށް އަމަލުކުރުން ގިނަކުރަންޖެހޭކަން ޤިރްއާނުން-

އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އުނގަންނަވައިދެއްވެވި ކޮންމެ ކަމަކީ އަދި ޙަދީޘްފުޅު ކުރެއްވެވި ކޮންމެ ބަސްފުޅަކީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބިވަޑައިގެންނެވި ކަންކަމެވެ.

މުޅި ކީރިތި ޤުރްއާން އަހަރެމެންނާއި ހަމައަށް އައިސްފައިވަނީ ރަސޫލް ﷺ ގެ ދޫފުޅުންނެވެ. އެފަދަ ބޮޑު މަތިވެރިކަމެއް ދެއްވެވި ދޫފުޅަކުން ބޭކާރު ބަސްތަކެއް އައިސްފައެއް ނުވާނެއެވެ. ﷲ ތަޢާލާ އުފެއްދެވި އެންމެހައި މަޚްލޫޤުންގެ ތެރެއިން އެންމެ މަތިވެރި ދަރަޖަ ދެއްވަވާފައިވަނީ ރަސޫލާ ﷺ އަށެވެ. އެފަދަ ބަތިވެރި ބޭކަލަކު އަހަރެމެންނަށް ފައިދާ ނުކުރާނެ އެއްވެސް ކަމެއް އުނގަންނަވައި ދެއްވަވާފައެއް ނުވާނެއެވެ.

ރަސޫލް (ﷺ)ގެ ސުންނަތާއި ޙަދީޘްފުޅުތަކުން ފައިދާ ޙާޞިލު ނުކުރެވޭ ބައަކު އުޅެއެވެ. އެމީހުންނަށް ޤަބޫލުކުރެވޭ ގޮތުގައި ސުންނަތުން ވެސް އަދި ޙަދީޘްފުޅުތަކުންވެސް އެމީހުންނަށް ފައިދާ ކުރާނެ ކަންކަމެއް ނުފެނެއެވެ. އެފަދަ ބައެއް މީހުން ރަސޫލް ﷺ ގެ ސުންނަތާއިމެދު މީސްތަކުންގެ ހިތުގައި ޝައްކުތައް އުފައްދުވަން މަސައްކަތް ވެސް ކުރެއެވެ.

އެފަދަ މީހުން، އެމީހުންނަކީ މުސްލިމުން ކަމުގައިވާނަމަ ވިސްނައިލަންވީ އަހްޒާބު ސޫރަތުގެ 21 ވަނަ އާޔަތަށެވެ. އެ އާޔަތުގައި ﷲ ތަޢާލާ ވަނީ "ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިއަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް" ވާކަމުގެ ޔަޤީންކަން ދެއްވަވައިފައެވެ. ހަމަ އެއާއިއެކު އެކަން ބަލައިގަނެވޭނީ ކޮން ބައަކަށް ކަންވެސް ވަނީ ވަޙީ ކުރައްވަވައިފައެވެ. "(އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ."

"ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިއަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ." (އަލް އަހްޒާބް: 21)

މިއާޔަތުން ޔަޤީންވެގެން މިދަނީ ހުރިހާ ކަމެއްގައި ވެސް ނަމޫނާއަކަށް ބަލައިގަންނަން ޖެހޭނީ ރަސޫލް (ﷺ) ކަމެވެ. އެކަން ކުރެވޭނީ ﷲގެ ދަރުމައާއި، އާޚިރަތުގެ ގެ ޘަވާބަށް އެދޭ މީހަކަށެވެ. އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ. ހަމައެއާއިއެކު ގިނަގިނައިން ﷲ ތަޢާލާ ހަނދުމަ ކުރެވޭނީ ﷲގެ ދަރުމައާއި، އާޚިރަތުގެ ގެ ޘަވާބަށް އެދޭ މީހަކަށެވެ.

ވީމާ ކޮންމެ މުސްލިމަކު ވެސް މިކަންކަމަށް އިސްކަން ދޭން ޖެހޭނެއެވެ. ރަސޫލް (ﷺ)ގެ ސުންނަތާއި ދުރަށް ޖައްސުވަން މަސައްކަތް އެކުރަނީ މުސްލިމުންގެ ޢަދާވާތްތެރިކަމުގައި ބަލައިގަންނަން ޖެހޭނެއެވެ.

މިއާޔަތަށްވެސް ވިސްނައިލާށެވެ! " ހަމަކަށަވަރުން، މުއުމިނުންގެ މައްޗަށް اﷲ ދަރުމަވަންތަވެ ވޮޑިގެންފިއެވެ. (އެއީ) އެއުރެންގެ ތެރެއަށް، ހަމަ އެއުރެންގެ ތެރެއިން ރަސުލަކު ފޮނުއްވި ހިނދުގައެވެ. އެކަލާނގެ އާޔަތް ތައް އެއުރެންނަށް ކިޔަވައިދެއްވަވާ އަދި، އެއުރެން ޠޯހިރުކުރައްވަވާ، އަދި ފޮތާއޙިކްމަތް، އެއުރެންނަށް އުނގަންނައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭގެކުރިން އެއުރެންވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ." (އާލްއިމްރާން 164)

ވީއިރު ތިއައީ ސުނަތެކޭ ބުނެ ސުންނަތަށް ފަރުވާ ކުޑަކުރެވޭނީ ކިހިނަކުންހެއްޔެވެ؟ އަދި ކޮށްގެންވާނީވެސް ކިހިނަކުން ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން