" ހުކުރު ދުވަހުގަވާ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތު ދެނެގަންނާނީ ކިހިނެއް؟" މިއީ ކިޔުންތެރިއަކު ކޮށްފައިވާ ސުވާލެކެވެ.
ޖަވާބުގައި ބުނަން ޖެހެނީ އެ ވަޤުތު އެނގޭނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. ޢިލްމުވެިންގެ މެދުގައިވެސް ޚިލާފް ހުރުމުންނެވެ. ގިނަ ޢިލްމްވެރިން ބުރަވެވަޑައިގަންނަވަނީ އެ ވަގުތުކޮޅު ވަނީ ޢަޞްރު ނަމާދުން ފެށިގެން މަޤްރިބްނަމާދާއި ދެމެދުގައި ކަމަށެވެ.
ކޮންމެއަކަސް ތިރީގައިވާ ވާހަކަ ކިޔައިލާށެވެ! އެގޮތަށް ޢަމަލުކުރެވިއްޖެނަމަ ދިމާނުވެއެއް ނުދާނެއެވެ. އިން ޝާ ﷲ
ޒުވާނަކު ބޭނުންވީ އޭނާއަށްވުރެ މުއްސަނދި އަންހެން ކުއްޖަކާއި ކައިވެނިކުރުމަށެވެ. އެރަށުގެ ޢާދަކާދަ އޮންނަ ގޮތުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ކައިވެނިކުރަން ޖެހޭނީ އެމީހަކަށްވުރެ ފަޤީރު އަންހެން ކުއްޖަކާއިއެވެ.
އަންހެން ކުއްޖާ އޭނާ ދެކެ ލޯބިވާކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް ދެމީހުންނަށް ވާހަކަ ދައްކައިލުމަކީވެސް މުޖުތަމައު ޤަބޫލުކުރާ ކަމަކަށް ނުވާތީ އެވަރުވެސް އޮންނަނީ ނުކުރެވިފައެވެ.
ކޮންމެއަކަސް ހުކުރު ދުވަހަކު ޒުވާނާއަށް މަގުމަތިން އަންހެން ކުއްޖާ ފެނުމުން ކައިރިވެލާފައި ބުންޏެވެ. "ކެތްތެރިވެލައިދޭށެވެ! އިރާދަ ކުރެއްވިއްޔާ ވަގުތު ޖެހޭނެއެވެ!"
އެދުވަހުގެ ޚުޠުބާގައި އިމާމް ވިދާޅުވީ ހުކުރު ދުވަހު ދުޢާ އިޖާބަ ކުރައްވަވާ ވަގުތުކޮޅެއް އޮންނަ ކަމަށާއި އެ ވަގުތު ކޮޅުގައި ދުޢާ ކުރެވިއްޖެ ނަމަ އެ އަޅަކު އެދުނު ކަމެއް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެ ކަމަށެވެ."
ޒުވާނާ ހިތަށް އެރިއެވެ. އިމާމް އެވިދާޅުވި ކަންތައް ކުރާނަމެވެ. އެދުވަހަށްފަހު ކޮންމެ ހުކުރު ދުވަހަކު ފަތިސް ނަމާދު ނިމިގެން ދުޢާ ކުރަން ފަށާގޮތަށް ޒުވާނާ ދުޢާކުރުން ހުއްޓައިލަނީ މަޣްރިބް ނަމާދު ވަގުތު ޖެހުމުންނެވެ. ކޮންމެ ކަމެއް ކުރަމުންވެސް ހުންނަނީ ދުޢާކުރުންމަތީގައެވެ. ވަރުބަލިވުމުން މެދުކަނޑާލާފައި އަނެއްކާވެސް ދުޢާކުރަން ފަށަނީއެވެ.
އެގޮތަށް ދުޢާ ކުރަމުން ގެންދާތާ ހައަކަ މަސް ދުވަސްވީތަނާ އެއް ދުވަހަކު ޒުވާނާގެ ބޮޑުބޭބެ ޒުވާ ގެންގޮސްފައި ބުނީ އޭނާ މުސްކުޅިވެ ގައިބާރު ދެރަވެއްޖެ ކަމަށާއި ބޮޑުބޭބެގެ 3 ފިހާރަ ބަލަހައްޓައިދިނުމަށް އެދޭ ކަމަށެވެ. އުޖޫރައެއްގެ ގޮތުން އެއް ފިހާރަ ދޭނެ ކަމަށެވެ.
ބޮޑުބޭބެ ދިނީ 3 ފިހާރައިގެ ތެރެއިން އެންމެ ގިނަ މުދާ ހުރި ފިހާރައެވެ. ޒުވާނާ ކުއްލިއަކަށް މުއްސަނދިވީއެވެ. ލޯބިވާ އަންހެން ކުއްޖާއަށްވުރެ މުއްސަނދިވީއެވެ. ދެމީހުންނަށް ކައިވެނިކުރެވުނީއެވެ.
ކައިވެނީގެ ފުރަތަމަ ރޭ ނިދަން ތިބެފައި އަނބިމިހާއަށް އޭނާ ދުޢާކުރި ގޮތުގެ ވާހަކަ ކިޔައިދިނުމުން އަނބިމީހާ އަށް ލިބުނީ ވަރަށް ބޮޑު ޙައިރާން ކަމެކެވެ. އަނބިމިހާ ބުންޏެވެ. އަހަރެންވެސް ބައިވެރިވާނަމެވެ. ދެމީހުން ދެން ދުޢާކުރާނީ ﷲ ތަޢާލާއަށް ބިރުވެތިވާ ހެޔޮ ލަފާ ދަރިން ދެއްވެވުމަށާއި ސުވަރުގެ ދެއްވެވުން އެދިއެވެ. އަދި ސުވަރުގޭގައި ދެމީހުން އެކުގައި ލެއްވެވުން އެދިއެވެ."
Narrated Abu Huraira: Allah's Messenger (ﷺ) (p.b.u.h) talked about Friday and said, "There is an hour (opportune time) on Friday and if a Muslim gets it while praying and asks something from Allah, then Allah will definitely meet his demand." And he (the Prophet) pointed out the shortness of that time with his hands.
--ވާހަކަ: އިސްލާމީ ތިލަފަތުގެ ދަރުސަކުން