އަޅުގަނޑަކީ 27 އަހަރުގެ އަންހެނަކީމެވެ. މިކަން ހިނގީ މީގެ 3 އަހަރުކުރިންނެވެ.
އެއްރޭ 9 ޖަހައި އެހާކަންހާއިރު ދިވެހިރާއްޖޭގެ އަޑުކައިރިން އަމީނީމަގުން އަޅުގަނޑުގެ ފޯނު ޖަހައިގަތެވެ. އެވަގުތު އެސްރަހައްދުގައި ތިބި 2 މީހަކުވެގެން އޭނާ ހިފަހައްޓައި ފޯނު އަތުލައި އަޅުގަނޑާއި ޙަވާލުކުރިއެވެ. ފުލުހުންނަށް ގުޅައި އޭނާ ޙަވާލުކުރަން އުޅުމުން އަޅުގަނޑު އެކަން ހުއްޓުވީމެވެ.
އެއީ އެއިރު އޭނާގެ ލޮލުން ފައިބަމުން ދިއަ ކަރުނަތައް ފެނިފައި އޭނާއަކީ ވަގެއް ނޫން ކަމަށް ތުހުމަތުކުރެވުމުންނެވެ. އެއީ ގޯސްކަމެއް ނަމަވެސް އަޅުގަނޑު އެޒުވާނާގެ އަތުގައި ހިފީމެވެ. ކުރިމަތީހުރި ހާބަރު ފުޑްކޯޓަކަށް ގެންގޮސް ބައިންދާފައި ކާނެ އެއްޗެތި ގެނެސްދޭން އުޅުމުން އޭނާ ބޭނުންވީ ހަމައެކަނި ކަޅުކޮފީއެކެވެ.
ކޮފީބޯން ފެށުމުން އަޅުގަނޑު ސުވާލުކުރީމެވެ. "ތެދަށް ބުނެބަލާށެވެ! ފޯނު ޖަހައިގަތީ ކީއްވެގެން ހެއްޔެވެ؟" ޖަވާބުގައި އޭނާ ބުނީ އޭނާ ވަރަށް ލޯބިވާ އަންހެން ކުއްޖަކު ހުންނަ ކަމަށާއި އޭނާގެ ފޯނު ކޮންމެވެސް ވަރަކަށް މައްސަލަ ޖެހޭތީ ބަދަލުކޮށްދޭން ބުނީމާ ފޯނެއް ގަނެނުދެވިގެން އޭނާ އާއި ބައްދަލުވެސް ނުކުރާތާ ހަފްތާއެއް ވެއްޖެކަމަށެވެ. އަދި ފޯނެއް ހޯދެންދެން ނަމްބަރުވެސް ބްލޮކްކޮށްފައިވާ ކަމަށެވެ.
އަޅުގަނޑު ސުވާލުކުރީމެވެ. "ފޯނެއް ނުދެވިގެން ބިޓް ކެޓުމާ ފޯނެއް ތިއަގޮތަށް ހޯދަން އުޅެގެން ޖަލަށްދާން ޖެހުމާއި ދެގޮތުންކުރެ ގެއްލުން ބޮޑުވާނީ ކޮން ގޮތެއް ހެއްޔެވެ؟"
މިބާވަތުގެ ވާހަކަތަކެއް ދައްކައި ދެން އިތުރަށް އެފަދަ ކަމެއް ނުކުރަން ނަޞޭޙަތްދީފައި އޭނާ އާއި ވަކިވީއެވެ.
އެއިގެ މަހެއްހައި ދުވަސްފަހުން ފެނުނީ އެ ޒުވާނާ ވިޔަފާރިވެރިންގެ މިސްކިތުގައި ޖަމާޢަތުގައި ޢިޝާ ނަމާދުކޮށްގެން ފައިބާތަނެވެ. އަޅުގަނޑު ހަމަފެނުމާއިއެކު ޒުވާނާ ބުނީ ކޮފީއަކަށް އަޅުގަނޑަށް ދައުވަތުދޭ ކަމަށެވެ.
އަޅުގަނޑު އެ ދައުވަތު ޤަބޫލުކުރީމެވެ. ހަމަ ފުޑްކޯޓުގެ ތަނަކަށް ދިއައިމެވެ. އެރޭ ޒުވާނާ ކިޔައިދިނެވެ. "އަޅުގަނޑު އެކުއްޖާ ދެކެ އިންތިހާއަށް ލޯބިވީމެވެ. އެނާއާއި ވަކިން ދިރިނުއުޅެވޭނެކަމަށްވެސް ޤަބޫލުކުރީމެވެ. އެހެންވެ އެރޭ އެކަންތައް ކުރެވުނީއެވެ. އެއީ ޙަޔާތުގައި ކުރެވުނު ފުރަތަމަ އެފަދަ ކަންތަކެވެ. އަދި އިރާދަކުރެއްވިއްޔާ އންމެ ފަހުން ކުރާނެވެސް ކަންތަކެވެ.
އަޅުގަނޑު ތައުބާވެއްޖައީމެވެ. އެބިޓުވެސް ދޫކޮށްލައިފީމެވެ. އެކަމުން ހިތަށް ކުރި އަސަރު ފިލުވަން މިކުރަނީ އަޅުކަމެވެ. ކުރިން ނަމާދުކުރެވުނީ ވަރަށް މަދުންނެވެ. މިހާރު 5 ނަމާދު ބަރާބަރަށް ކުރަމެވެ. ހޮޓަލަކުން ވަޒީފާއެއްވެސް ލިބިއްޖެއެވެ. މިހަފްތާގައި ދުވާލު ޑިޔުޓީއެވެ. އެރޭ އަޅުގަނޑު ފުލުހުންނާ ޙަވާލުކުރިނަމަ އަޅުގަނޑަށް މިދުވަހެއް ނުފެނުނީހެވެ! ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ!"
އަޅުގަނޑު ބުނީމެވެ. "ތިއަވާގޮތަކީ ސޯޝަލް މީޑިއާއިން ބަލަން ނުވާ ތަންތަން ބުލެނީއެވެ. ބިޓު ބުނީމާ މީހުންވެސް މެރެނީއެވެ. ވައްކަންވެސް ކުރެވެނީއެވެ. އެހެން ނުބައި ކަންކަންވެސް ކުރެވެނީއެވެ. އެބާވަތުގެ ވީޑީއޯތައް ދެންވެސް ނުބަލާށެވެ!"
ކުރުކޮށްލާނަމެވެ. އެރެއަށްފަހު ދޭތެރެ ދޭތެރެއިން ދެމީހުން ބައްދަލުވީމެވެ. ހަމަ އެގަޑީގައި (ޢިޝާ ނަމާދުން ފައިބާ ވަގުތު) ފުޑް ކޯޓުގައެވެ. ދުވަސްކޮޅެއް ފަހުން ލޯތްބަށް ބަދަލުވެ ކައިވެނިވެސް ކުރެވުނެވެ. ދިރިއުޅެމުން މިދަނީ އެކައިވެނީގައެވެ. ފިރިމީހާއަކީ މިއަދު ބައްޕަގެ ފިހާރަ ހިންގުމުގައި އެންމެ އިސް މީހާއެވެ. އެ މަސައްކަތް ޙަވާލުކުރީ ބައްޕަ ވަރަށް ބޮޑަސް އޭނާގެ ކަންކަން ބައްލަވާފައެވެ.
އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްބަކޮށް އަންހެން ކުދިންނަށް ބުނލަން އޮތީ ވަކި ފެންވަރަކުން ކަންކަން ބޭނުންވާނަމަ އެފެންވަރުން ގުޅޭށެވެ! ފަޤީރުކުދިންނާއި ގުޅި ވައްކަންކުރުނަ ފަދަ ކަންކަން ކުރަން މަޖުބޫރުނުކުރުވާށެވެ. ލޯބީގެ އަވާގައި ހުންނައިރު ކޮންމެފަދަ ނުބައިކަމެއްވެސް ކުރުވިދާނެއެވެ. ވައްކަންކޮށްގެން ނޫނީ ޖަހައިގަނެގެން ގެންދާ ފޯނު ސަޅިއެއް ނުވާނެއެވެ. އެވާނީ އަތުގައި އޮންނަ އަލިފާންގަނޑަކަށެވެ.
ފިރިހެން ކުދިންނަށް ބުނެލަން އޮތީ ކިތަންމެ ވަރަކަށް ލޯބިވީ ނަމަވެސް ވައްކަން ކުރުން ފަދަ ކަންކަން ނުކުރާށެވެ! ތިމާއަށް ނުކުރެވޭނެ ކަންކަން، ކޮށްނުދެވޭވަރުގެ ކަންކަމަށް އެދޭނަމަ އޭނާ ތިބާ ދެކެ ލޯތްބެއް ނުވެއެވެ. އެއީ ތިބާއަށް ހެޔޮއެދޭ އަންހެނެއް ނޫނެވެ.
--ޙަފީޒާ ސަލީމް / މިއަދުނޫހުގެ ކިޔުންތެރިއެއް