ތިމާޢަކީ އެއްވެސް ކުށެއް ނުކުރާ އަދި މާތް މީހެއްކަމަށް ބުނުމުގެ ޙައްޤު ހަމައެކަކަށްވެސް ލިބިގެނެއް ނުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ތިމާޢަކީ އެއްވެސް ކުށެއް ނުކުރާ އަދި މާތް މީހެއްކަމަށް ބުނުމުގެ ޙައްޤު ހަމައެކަކަށްވެސް ލިބިގެނެއް ނުވޭ!

ދުނިޔޭގެ އެންމެ ބޮޑެތި ޢިލްމުވެރިން ދެއްވާ ދަރުސްތަކަށް ވިސްނާށެވެ! ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރައްވާއިރު ދުޢާކުރައްވާނީ "އަޅުގަނޑާ ތިއަ އެންމެ ބޭފުޅުންގެ ފާފަތައް---" ފަދަ ޢިބާރާތެއް ބޭނުންކުރައްވައިގެންނެވެ. އެއީ އެބޭކަލުންނަށްވެސް ފާފަތައް ކުރެއްވިފައިވާނެތީއެވެ. 

ދެން އޮތީ ޤިޔާމަތް ދުވަހެވެ. ޙިސާބު ބެއްލެވުން ލަސްވެ ދިގުލައިދަމުން ގޮސް މީސްތަކުންނަށް ކެތް ނުކުރެވުމުން ހިސާބު ބެއްލެވުން އަވަސްކުރައްވަވައި ދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވައި ދެއްވެވުން ރަސޫލް ބޭކަލުންގެ އަރިއަހަށް މީސްތަކުން ދާނެއެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ނޫން އެއްވެސް ބޭކަލަކަށް އެކަމަށް އެދިވަޑައިގަންނަވަން ކެރިވަޑައެއް ނުގަންނަވާނެތެވެ. އެއީ ކުރެއްވެވިފައިވާ ކޮންމެވެސް ކުށެއްގެ ސަބަބުންނެވެ. 

ގުޅުންހުރި ލިޔުން:

https://seekersguidance.org/answers/general-counsel/the-intercession-of-the-prophet-on-the-day-of-judgment/

ވީއިރު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ތިމާއަކީ އެއްވެސް ކުށެއް ނުކުރާ މީހަކަށް ހެދިގެން މީސްތަކުންގެ ކުރިމަތީގައި ވާހަކަ ދައްކާނީ ކިހިނަކުން ހެއްޔެވެ؟ 

ތިމާއަކީ އެއްވެސް ކުށެއް ނުކުރާ ނުވަތަ އެންމެ ފުރިހަމަ މީހެއް ކަމަށް ދައުވާ ކުރުމުގެ ޙައްޤު އެއްވެސް އިންސާނަކަށް ނެތެވެ. "ތިއަބައިމީހުންގެ އަމިއްލަ ނަފުސްތަކަށް ތާރީފުކޮށް ފަޚުރު ވެރިނުވާށެވެ! ތަޤްވާ ވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ."

މާތް މީހަކަށްވުމަށް އެދޭނަމަ ބޮޑެތި ފާފަތައް ކުރުމުން ދުރުހެލިވާށެވެ! ފާހިޝް އަމަލުތަކަށް އަރައި ނުގަންނާށެވެ! ތިމާގެ ކިބައިގައި ހުރި ބަލިކަށިކަމުން ނުވަތަ އޮޅުމަކުން ކުޑަ ފާފައެއް ކުރެވުނު ނަމަވެސް ތައުބާވުމަށް އަވަސްވެގަންނާށެވެ! މުސްލިމުންގެ ގޮތަކީ އެއީއެވެ. ﷲ ތަޢާލާ އީ ފާފަ ފުއްސަވައި ދެއްވެވުމަށް އެދުމުން ފާފަ ފުއްސަވައި ދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ. 

"އެއުރެންނީ، ކުދި ފާފަތައް ފިޔަވައި، ބޮޑު ފާފަތަކާއި، ފާހިޝް ކަންތަކުން ދުރުވެގަންނަ މީހުންނެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުން ތަނަވަސް ރަސްކަލާނގެއެވެ. ތިއަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިއަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިއަބައިމީހުން ތިބިހިނދުގައިވެސް، އެކަލާނގެ ތިއަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، ތިއަބައިމީހުންގެ އަމިއްލަ ނަފުސްތަކަށް ތާރީފުކޮށް ފަޚުރު ވެރިނުވާށެވެ! ތަޤްވާ ވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ." (އައްނަޖްމް: 32)

ތިމާއަކީ މާތް މީހެއްކަމަށް ނުވަތަ އެއްވެސް ކުށެއް ނެތް ފުރިހަމަ މީހެއް ކަމަށް ދަޢްވާ ނުކުރާށެވެ! "ތިއަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިއަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިއަބައިމީހުން ތިބިހިނދުގައިވެސް، އެކަލާނގެ ތިއަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން