ފޭރާން ލުމުގައި ޝައިޠޯނާގެ އަޚުންނަށްވެ އާޚިރަތް ނަގައިލާ މީހުން ގިނަވަނީ- ބިރުހުރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ފޭރާން ލުމުގައި ޝައިޠޯނާގެ އަޚުންނަށްވެ އާޚިރަތް ނަގައިލާ މީހުން ގިނަވަނީ- ބިރުހުރިކަމެއް!

ތިމާއަށް އެކަމަކުން ފައިދާއެއް ނުކުރާނެ ބޭކާރު ކަންކަމުގައި ވާދަކުރަމުން ގޮސް ފޭރާންލުމުން އިސްރާފްކޮށް ފާފަވެރިވާ މީހުން ވެސް ގިނަވެއްޖެއެވެ. ފޭރާން ލުމުގައިވެސް ވާދަކޮށް އެކަކަށްވުރެ އަގުބޮޑު ހެދުންލާން ބޭނުންވެގެން ދަރަނިވެރިވާ މީހުންވެސް މަދެއްނޫނެވެ. މިޙާލަތުގައި އެވެވެނީ ދެއްކުންތެރިއަކަށެވެ. ދެއްކުންތެރިކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ސިފައެއް ނޫނެވެ. 

މުސްލިމުންނަށް އޮތީ ލިބުނު އެންމެ އަގުބޮޑު ފޭރާން ލައިގެން ތިބުމެއް ނޫނެވެ. ސާފުތާހިރުކޮށް ތިބުމެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިމުގެ ތެރެއިން ނިވާވެގެން ތިބުމެވެ. 

ބާޒާރުގައި ހުރިހާ ފެންވަރެއްގެ ތެކެތި ވެސް ލިބެން ހުރެއެވެ. މިހާރަކަށް އައިސް ވަރަށް އަގުބޮޑު ފޭރާން ވެސް އެބަހުއްޓެވެ. ވަކި މަރުކާއެއް ޖަހައިލުމަކީވެސް ހެދުމުގެ އަގު އިންތިހާއަށް އުފުލިގެންދާ ކަމެކެވެ. "ބްރޭންޑެޑް" ހެދުމަކަށްވުމުންނެވެ. 

ގިނަ ބައަކު އަގު ބޮޑު ފޭރާން ލައި އުޅެނީ އެހެން މީހުން ލައި އުޅޭތީއެވެ. އެހެން މީހުންނާއި އެއް ފެންވަރުގައި ހެދުން ލުމަށެވެ. ނަމަވެސް އެއީ އިސްލާމް ދީނުގައި ކުރަން ހުއްދަ ކަމެއް ނޫނެވެ. މީހުން ކުރާ ކަންކަމުން ކޮޕީކުރަން ޖެހޭނީ ރަނގަޅު ކަންކަމެވެ. އެކަމެއް ކުރުމުން އެމީހަކަށް ފައިދާ ކުރާނެ ކަންކަމެވެ. އަގުބޮޑު ހެދުން ލުމަކީ އެއްވެސް މީހަކަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. 

އަލްއަންޢާމް ސޫރަތުގެ 141 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ މިފަދައިންނެވެ. "--- ތިއަބައިމީހުން އިސްރާފް ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާފް ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ."

މީސްތަކުންނޭވެ! އެކަމެއް ކުރުމުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރާށެވެ! ދެދުނިޔޭގެ ނަޞީބު ލިބުން އޮތީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުނު މިންވަރަކުންނެވެ. 

އިސްރާފް ކުރަނީ ކޮން ބައެއްކަން އެނގޭ ހެއްޔެވެ؟ "ހަމަކަށަވަރުން، އިސްރާފް ކުރާ މީހުންނީ، ޝައިޠާނުންގެ އަޚުން ކަމުގައިވޫއެވެ. އަދި ޝައިޠާނާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފިރު ވާ ކަމުގައިވިއެވެ. (އަލްއިސްރާ: 27)

ޝައިޠާނާގެ އަޚަކަށްވާން އެދޭނީ ކާކު ހެއްޔެވެ؟ ޝައިޠާނާގެ އަޚަކަށްވުމުން ޤިޔާމަތް ދުވަހު މެދުވެރިވާނެ ގޮތް ހަމަ ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. ވީމާ ﷲ ތަޢާލާއަށް ބިރުވެތިވެ އިސްރާފު ކުރުން ކަމުގައި ހިމެނިދާނެ އަމަލެއްވެސް ނުކުރާށެވެ! ހެދުން އެޅުމުގައިވެސް މެދުމިން އިޚްތިޔާރުކުރާށެވެ! އަދި ފޮށްޓަށް އަޅާފައި ބަހައްޓަން ހެދުން ނުގަންނާށެވެ! ލާން ބޭނުން ނުވާވަރަށް ގިނަ ނުކުރާށެވެ! ކޮންމެހެން ބޭނުން ނުވާރަށް ހެދުން އަތުގައި ގިނަކުރުމަކީވެސް އިސްރާފް ކުރުމެވެ. 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން