"ހެޔޮކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ثواب (آخرة ގައި) ހުށްޓެވެ. އަދި އެދުވަހުން އެއުރެންވަނީ، ހުރިހާ ބިރުވެރިކަމަކުން أمان ކަން ލިބިގެންނެވެ." (އަންނަމްލް: 89)
"ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ. އަދި ނުބައިކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެމީހަކަށް ނުލިބޭހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ." (އަލް އަންޢާމް: 160)
މިއާޔަތަކީ ވަރަށް އުފާވެރި ޚަބަރެއް ލިބޭ އާޔަތެކެވެ. އެއީ ކުރާ ކޮންމެ ހެޔޮ ޢަމަލަކަށް މަދުވެގެން 10 ހެޔޮކަމުގެ ޘަވާބު ދެއްވަވާނެ ކަމަށް އޮތުމުންނެވެ. ނަމަވެސް އެކަމުގެ ފައިދާ އެމީހަކަށް ކުރާނީ ކުރިހެޔޮކަން ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވިއްޖެނަމައެވެ.
ﷲ ތަޢާލާގެ ޙަޟްރަތަށް ޢަމަލު ގެންދިއުމުގެ މާނައަކީ އެ ޢަމަލު ރައްކައުތެރިކަމާއިއެކު ގެންދެވުމެވެ. ރައްކައުތެރިކަމާއިއެކު ގެންދެވުމަކީ އެ ޢަމަލުން އުނިނުވާނެ ގޮތަށް ޢަމަލުގެންދެވުމެވެ.
އެބަހުގެ މާނައަކީ ތިބާއަކީ ޙަދީޘްފުޅުގައިވާ ފަދައިން ބަނގުރޫޓުވެފައިވާ މީހަކު ކަމުގައި ނުވުމެވެ. އެހެން މީހުންނަށް ނުބައި ބަސްބުނުމާއި ނުބައިކަންކަން ކުރުމުގެ ސަބަބުން ބަދަލުދޭންޖެހޭނެ މީހަކަށް ނުވުމެވެ. ބަދަލުދޭންޖެހުމުގެ ސަބަބުން ބަނގުރޫޓުވެފައިވާ މީހަކަށް ނުވުމެވެ. ބަނގުރޫޓުވެ އެހެން މީހުން ކޮށްފައިވާ ފާފަތައް ބޮލުގައި އަޅަންޖެހޭނެ މީހަކަށް ނުވުމެވެ.
ފާފައެއް ކުރެވިއްޖެނަމަ އޮތީ ތައުބާވުމެވެ. ތައުބާވުމުން ﷲ ތަޢާލާ ފާފަ ފުއްސަވައި ދެއްވަވާނެތެވެ. ހަމަ އެފަދައިން އެއްވެސް މީހަކަށް ދެރައެއް ދެވިއްޖެނަމަ، އަނިޔާއެއް ކުރެވިއްޖެނަމަ، އެއްވެސް މީހަކާއިމެދު ނުބައި ވާހަކައެއް ދެއްކިއްޖެނަމަ އެމީހެއްގެ ކިބައިން އަވަހަށް މާފަށް އެދޭށެވެ. އެހެނީ އެހެން މީހަކާއި ގުޅުން ހުންނަ ކަންކަމުގައި ﷲ ތަޢާލާ ޢަފޫކުރައްވަވާނީ އެމީހާ މާފުކުރުމުންނެވެ. ނޫންނަމަ ޖެހޭނީ ކުރެވިފައިވާ ހެޔޮ ކަންކަމުން އޭނާއަށް ބަދަލުދޭށެވެ.
މީސްތަކުންނޭވެ! ވީމާ ފުރަތަމަ ކަމަކަށް ބަލަންވީ މިބަޔާންކުރި ފުރަތަމަ އާޔަތަށެވެ. ކުރި ހެޔޮ ޢަމަލުތައް ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދެވޭނެ މީހަކު ކަމުގައިވުމަށެވެ. އެކަން ކުރެވޭނީ ކުރިން މި ބަޔާންކުރި ފަދައިން ތިމާކުރާ ޙެޔޮޢަމަލުތައް ފުރިހަމަގޮތުގައި ރައްކައުތެރިކުރެވިގެންނެވެ. އެއިން ބަދަލުދޭންޖެހި އުނިކުރަން ނުޖެހޭނެ ގޮތަށް ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވިގެންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން