ދެމަފިރިންގެ މެދުގައި ވެވޭ އެއްބަސްވުންތައް އުވާލާއިރު މިކަންކަމަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ދެމަފިރިންގެ މެދުގައި ވެވޭ އެއްބަސްވުންތައް އުވާލާއިރު މިކަންކަމަށް ބިރުވެތިވާށެވެ!

މިއާޔަތުގައި ބަޔާންވެގެންވާ ކަންކަމަސް ވިސްނައިލަމާހެއްޔެވެ؟ ސަމާލުކަންދީގެން ވިސްނައިފިނަމަ ގިނަ ކަންތައްތަކެއް އެނގިގެންދާނެއެވެ.

"ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިއަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، ﷲ އަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާން ވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ޙާލުގައި ޖެހިިފައިވާ) ދަތުރުވެރިންނަށާއި އެހީއަށްއެދި ސުވާލު ކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ.

އަދި ނަމާދު ޤާއިމު ކޮށް، ޒަކާތްދީއުޅޭ މީހާއެވެ. އަދި ޢަހުދެއް ކޮށްފިނަމަ އެއުރެންގެ އަހުދު ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި ތަޤްވާވެރިންނަކީވެސް ހަމަ އެއުރެންނެވެ." (އަލްބަޤަރާ: 177)

މިއާޔަތުން އެނގިގެން ދަނީ ފުރިހަމަ އީމާންތެރިއަކަށް ވެވޭނީ އީމާންވެ ނަމާދު ކުރުމާއިއެކު އިތުރު ކަންތައްތަކެއް ވެސް ފުރިހަމަކޮށްގެން ކަމެވެ. އެގޮތުން މިއާޔަތުގައި ﷲ ތަޢާލާ ވަނީ އީމާންވުމާއި ނަމާދުކުރުމުގެ އިތުރުން ކުރަންޖެހޭނެ 2 ކަމެއް ފާހަގަ ކުރައްވަވައިފައެވެ. ހެޔޮކަންކަން ކުރާ މީހާ އަކީ ﷲ އަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާން ވި މީހާ ކަމަށްވުމުގެ ކުރުމުގެ އިތުރުން:

1 މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށާއި އެހީއަށްއެދި ސުވާލު ކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާ

2 ޢަހުދެއް ކޮށްފިނަމަ އެއުރެންގެ އަހުދު ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުން

ކަމަށާއި ތެދުވެރިވި މީހުންނަކީ، އެއުރެން ކަމަށާއި އަދި ތަޤްވާވެރިންނަކީވެސް ހަމަ އެއުރެންކަން މިއާޔަތުން އެނގިގެންދެއެވެ.

މި 2 ކަންތަކަށް ގިނަ ބައަކު ދަނީ ފަރުވާ ކުޑަކުރަމުންނެވެ. އިހްމާލްވަމުންނެވެ. ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށާއި އެހީއަށް އެދި ސުވާލު ކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރަން ގިނަ ބައަކު ވަނީ ހަނދުމަނެތިކޮށްލައިފައެވެ.

ހަމައެއާއިއެކު ޢަހުދެއް ކޮށްފިނަމަ އެއުރެންގެ އަހުދު ފުއްދުމަކީ ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލްވެފައިވާ އެއް ކަންތަކެވެ.

ބައެއް މީހުން ދެކޭ ގޮތުގައި އަހުދަކަށް ވާނީ ލިޔުމެއްގައި ސޮއިކުރުމުންނެވެ. އެއްބަސްވުން ކޯޓެއްގައި ރަޖިސްޓްރީ ކުރުމުންނެވެ. އަހުދު ނުފުއްދައިފިނަމަ އެމީހަކާއިމެދު ދައުވާ ކުރެވޭނެ މަގު ފަހިވެފައި އޮތުމުންނެވެ. މިއީ ވަރަށް ބޮޑު ކުށް ހީ އެކެވެ.

ކަމަކަށް އެއްބަސްވެ ދުލުން ބުނާ ހިނދުން ފެށިގެން އެއީ އެއްބަސްވުމެކެވެ. އެބަސްތައް މަލާއިކަތުން ވަނީ ތިބާގެ ފަތުގައި ލިޔުއްވަވައިފައެވެ. އެލިޔުމުގައި ސޮއިކުރާކަށް ނުޖެހެއެވެ. އަހުދު ނުފުއްދައިފިނަމަ ތިބާގެ ގުނަވަންތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ދަރުބާރުގައި ހެކިދޭނެއެވެ. އެ ދަރުބާރަށް ތިބާގެ ސޮޔާއި ތައްގަނޑު ބޭނުމެއް ނުވެއެވެ. އިތުރު ހެކިންނެއްވެސް ބޭނުމެއް ނުވެއެވެ.

އަހުރެން ބުނާނީ ދެމަފިރިންގެ މެދުގައި ވެވޭ އެއްބަސްވުންތައް ވެސް އެއީ ހަމަ އަހުދު ކަމަށެވެ. ދެމަފިރިން ނަމަވެސް ކަމަކަށް އެއްބަސްވެފައި އެއްބަސްވުން އުވައިލުމަކީ ނުވަތަ އެއްބަސްވުމަށް އަމަލު ނުކުރުމަކީ އަހުދު އުވައިލުން ކަމަށެވެ. ވީމާ އެއީ އާދައިގެ ކަމެއް ކަމަށް އެއްގޮތަކަށްވެސް ހީނުކުރާށެވެ! އެކަމުގެ ޒިންމާ އުފުލަން ނުޖެހި ހިނގައިދާނެ ކަމަށް ނުބަލާށެވެ!

ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުން ކަމުގައި ވާންޖެހޭނެ ކަންވެސް މިއާޔަތުގައި އެވަނީ ފާހަގަކުރައްވަވައިފައެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން