މާތް ﷲ ވޮޑިގެންވަނީ ކޮންތާކު؟

ކިޔުމަށް ހޭދަވާނީ 4މ 14ސ
މާތް ﷲ ވޮޑިގެންވަނީ ކޮންތާކު؟

ޢައްޒަ މުޙައްމަދު

ވަރަށް ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި އިންސާނާ ވީ ކޮންމެ ތަނެއްގައި ﷲ ތަޢާލާ ވޮޑިގެން ވެއެވެ. އެއީ އަލް ޙަދީދް ސޫރަތުގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅަށް ރިއާޔަތްކޮށެވެ. 

" ........ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ  ..... "

" މާނައީ: ....... އަދި ތިޔަބައިމީހުން ވީ ކޮންމެ ތަނެއްގައި، ތިޔަބައިމީހުންނާ އެކު އެކަލާނގެ ވޮޑިގެންވަތެވެ..... "

ތަފްސީރު އިބްން ކަޘީރުގައި ވާގޮތުގައި މިބަސްފުޅުގެ މާނައަކީ އިންސާނާ ކޮންމެ ތަނެއްގައި ވީ ނަމަވެސް އެއިންސާނާ ކުރާ ޢަމަލުތައް އެކަލާނގެ ބައްލަވާވޮޑިގެންވުމެވެ. ކަނޑުމަތީގައި ނުވަތަ ރަށެއްގައި ނުވަތަ ހަނަފަސް ސަހަރާއެއްގައި ނޫނީ ބަންދުވެފައިވާ ގެއެއްގައި، އަދި މިނޫންވެސް ކޮންމެ ތަނެއްގައިވެސް ރެއާއި ދުވާލު އިންސާނާ ކުރާ އެންމެހާ ޢަމަލެއް އެކަލާނގެ ބައްލަވާ ވޮޑިގެންވާކަމެވެ. އަދި އެކަލާނގެއީ ކަންތައްތައް ދެނެވޮޑިގެންވާ އައްސަވާ އަދި ބައްލަވާވޮޑިގެންވާ އިލާހުކަމެވެ. އިންސާނުން ދުލުން ބޭރުން ކުރާ ބަސްތަކާއި ހިތުގައި ސިއްރުކޮށްފައިވާ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަމެވެ. އިސްވެދިޔަ އާޔަތުގައި ވާކޮންމެ ތަނެއްގައި ވޮޑިގެންވުމޭ ބުނާ ބަހުގެ މުރާދަކީ މިއީއެވެ.

އެކަލާނގެ ޒާތުފުޅައިގެން ވޮޑިގެންވަނީ ހަތްއުޑުގެ މަތީގައިވާ ކަނޑެއްގެ މަތީގައިވާ ޢަރުޝުގެ މަތީގައެވެ. މުލްކު ސޫރަތުގެ 16 އަދި 17 ވަނަ އާޔަތުގައި މާތް ﷲ ވަޙިކުރައްވާފައި ވެއެވެ. 

ءَأَمِنتُم مَّن فِى ٱلسَّمَآءِ أَن يَخْسِفَ بِكُمُ ٱلْأَرْضَ فَإِذَا هِىَ تَمُورُ  ( ސޫރަތުލް މުލްކް:16)

"މާނައީ: އުޑުގައިވާ ކަލާނގެ ( އެބަހީ: މަތިވެރިވެގެންވާ ރަސްކަލާނގެ) ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު (ބިރެއްނެތި) އަމާންކަމުގައި ތިޔަބައިމީހުން ތިބީ ހެއްޔެވެ؟ ފަހެ އެހާރުން ބިންގަނޑު ތެޅިފޮޅިގަންނާނެތެވެ. "

أَمْ أَمِنتُم مَّن فِى ٱلسَّمَآءِ أَن يُرْسِلَ عَلَيْكُمْ حَاصِبًۭا ۖ فَسَتَعْلَمُونَ كَيْفَ نَذِير ( ސޫރަތުލް މުލްކު : 17)

"މާނައީ: ނުވަތަ އުޑުގައިވާ ކަލާނގެ ( އެބަހީ: މަތިވެރިވެގެންވާ ރަސްކަލާނގެ) ތިޔަބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ފޮނުއްވައިފާނެކަމާމެދު (ބިރެއްނެތި) އަމާން ކަމުގައި ތިޔަބައިމީހުން ތިބީ ހެއްޔެވެ؟ ފަހެ ތިމަންރަސްކަލާނގެ އިންޒާރު ކުރެއްވުން ވަނީ ކޮންފަދައަކުންކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.  

އަދިވެސް ސަޖިދަ ސޫރަތުގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. 

ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَ‌ٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ مَا لَكُم مِّن دُونِهِۦ مِن وَلِىٍّۢ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ ( ސޫރަތުލް ސަޖްދަ : 4)

" މާނައީ: ﷲ އީ، އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން ޢަރުޝުގެ މައްޗަށް އެކަލާނގެ އިސްތަވާވެވޮޑިގެންނެވިއެވެ. އެކަލާނގެ ފިޔަވައި ތިޔަބައިމީހުންނަށް އެހީތެރިވާނެ ފަރާތެއް، އަދި ޝަފާޢަތްތެރިވާނޭ ފަރާތެއްވެސް ނުވެތެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟" 

އިސްވެދިޔަ އާޔަތްތަކުން މާތް ﷲ ވަނީ ހަތްއުޑުގެ މަތީގައިކަން ޟަރީހަކޮށް އެނގިގެންދެއެވެ. 

މިއަދު އޮންލައިން